ޚަބަރު

ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދަން ގޮނޑުހޮވަން މަޖުބޫރުވެއްޖެ: އދ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ނިކަމެތިވެ، ހާލުގައި ޖެހިފައިވާ އަންހެނުންނާއި ކުޑަކުދިން ކާބޯތަކެތި ހޯދަން ގޮނޑުހޮވަން މަޖުބޫރުވެފައިވާ ކަމުގައި އދގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ. ޣައްޒާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު، އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީސް (އޯއެޗްސީއެޗްއާރު)ން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ އޮފިޝަލް އަޖިތު ސުންގޭ ވިދާޅުވީ، ކާބޯތަކެތި ހޯދަން ދަތިވެ، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެހިފައިވާ ކަމުގައެވެ.

ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީއަށް ބޭނުންވާ ކާބޯތަކެތި ލިބޭނެ ދޮރުތައް ބަންދުކޮށް، އޭގެ ތެރެއިން ބޮޑު އިންސައްތައެއް ހައިހޫނުގައި ޖައްސާފައި ވަނީ ޔަހޫދީންނެވެ. މީގެ 13 މަހެއްހާ ދުވަސް ކުރިން ޣައްޒާގެ މުސްލިމުން ދެކޮޅަށް ފެށި ލާއިންސާނީ ޖަރީމާތަކާ އެކު ޔަހޫދީން ވަނީ އެ ސަހަރަށް ވަދެނިކުމެ ހެދެން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ. އަދި، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. މިއީ، ހަނގުރާމައިގެ ކުށެކެވެ.

"[ޣައްޒާގައި] ހައިހޫނުކަން އިތުރުވެފައިވާ މިންވަރާ މެދު އަޅުގަނޑު ހައިރާންވޭ. ބަނޑުހައިކަން ފިލުވަން ބޭނުންވާ ކާބޯތަކެތި ހޯދުމަކީ މިއަދު ޣައްޒާގެ ރައްޔިތުންނަށް ބޮޑު ތަކުލީފެއް، އެ މީހުން ދަނީ މަރާ ހަނގުރާމަ ކުރަމުން،" ސުންގޭ ވިދާޅުވިއެވެ. އަދި، އެހީދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ސަރަޙައްދުތަކުގައި ވެސް ކާބޯތަކެތި ހޯދުމަކީ ދަތި ކަމަކަށް ވެފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ.

ސުންގޭ ވިދާޅުވީ، ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި 70,000އަށްވުރެ ގިނަ މީހުން ތާށިކޮށްލާފައިވާއިރު، އެ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް އދއަށް ނެތް ކަމުގައެވެ. ސަބަބަކީ، "މެދުކެނޑުމެއް ނެތި އެ ކަމަށް ހުރަސްތައް ކުރިމަތިކޮށް، އިންސާނީ އެހީ ބަރުކޮށްގެން ދަތުރު ކުރާ އުޅަނދުފަހަރު އެތެރެވުމަށް އިސްރާއީލުގެ އިދާރާތަކުން ހުރަސް އެޅުން" ކަން އޭނާ ހާމަކުރެއްވިއެވެ.

ޣައްޒާއަށް ކުރެއްވި ދަތުރުފުޅުގައި ސުންގޭ ވަނީ އެ ސަހަރުގެ އުތުރުގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުން ސަލާމަތްވުމަށް އެހެން ސަރަޙައްދުތަކަށް ދަތުރު ކޮށްފައިވާ މީހުންނާ ބައްދަލު ކުރައްވާފައެވެ. އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، ކާބޯތަކެތި ހޯދޭނެ އެއްވެސް މަގެއް ނެތް ކަމުގައި ސުންގޭ ވިދާޅުވިއެވެ.

"[ޣައްޒާއަށް] ގިނަ އަދަދެއްގެ އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ޖެހޭ ކަން ވަރަށް ސާފު — އެ ކަމެއް ނުވޭ. އިސްރާއީލުގެ އިދާރާތަކުން އެ ކަން ކުރުމުގެ ފުރުޞަތު ދިނުން ވަރަށް މުހިންމު،" ސުންގޭ ވިދާޅުވިއެވެ. ޣައްޒާގެ އުތުރުގެ ރަށްތަކުގައި ތާށިކޮށްލާފައިވާ މީހުންނަށް އެންމެ ފަހުން ކާބޯތަކެތި ފޯރުކޮށްދެވިފައިވާ ދުވަހެއް އޭނާ ސާފުކޮށްދެއްވާފައެއް ނެތެވެ.

ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުން އިތުރު ކުރުމަށް އޮކްޓޫބަރު މަހުގެ ތެރޭގައި އެމެރިކާއިން ވަނީ ޔަހޫދީންނަށް މުހުލަތެއް ދީފައެވެ. އަދި، އެ ގޮތަށް އަމަލު ނުކޮށްފި ނަމަ، ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވިސްނަން ޖެހޭނެ ކަމަށް ބުނެ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަނާއި ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ އިންޒާރު ދެއްވާފައެވެ. ނަމަވެސް، ނޮވެންބަރު 12ވަނަ ދުވަހު އެމެރިކާއިން ބުނީ، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ޔަހޫދީ ފައުޖުން ހުރަސް އަޅަމުންދާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމުގައެވެ.

ހާލުގައި ޖެހިފައިވާ ބަޔަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ހުރަސް އަޅަމުންދާ އެއްވެސް ޤައުމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާގެ ޤާނޫނުތަކުން އެ ޤައުމުގެ ސަރުކާރަށް މަނާކޮށްފައިވާ ކަމެކެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ނިންމާފައި ވަނީ، އެ ޤައުމުގެ އެއްވެސް ޤާނޫނަކާ ޚިލާފު އަމަލެއް ޔަހޫދީން ހިންގާފައި ނުވާ ކަމަށެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި، ބައިޑަންގެ ސަރުކާރުން ދަނީ މެދުކެނޑުމެއް ނެތި ޔަހޫދީންނަށް ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދެމުންނެވެ.

"އަޅުގަނޑާ ބައްދަލުވި ގިނަ އަންހެނުންގެ ޢާއިލާގެ ބައެއް މެންބަރުން، ނުވަތަ ޢާއިލާގެ ހުރިހާ މެންބަރުން، ވަނީ ޝަހީދު ކޮށްލާފައި. ނުވަތަ އެ މީހުން ދިރިއުޅެމުން ގޮސްފައި ވަނީ ޢާއިލާއާ ވަކިން، އަދި ޢާއިލާގެ މެންބަރުން ވަނީ ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި، ނުވަތަ ޒަޚަމު ކޮށްލާފައި،" ސުންގޭ ވިދާޅުވިއެވެ. "އެ މީހުން އާދޭސް ކުރަމުން ދިޔައީ ޢުދުވާންތައް ހުއްޓުވައި ދިނުމަށް."

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 44,382އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 105,142 މީހުން ޒަޚަމު ކޮށްލާފައެވެ.