ކުރިއަށް އޮތް ޑިސެންބަރު އުމްރާގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޓްރެކިން ޑިވައިސް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ އުމްރާގައި މިޑިވައިސް ބޭނުންކުރާ ފުރަތަމަ ފަހަރުކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ޙައްޖު ކޯޕަރޭޝަނުން ވަނީ 1445ވަނަ އަހަރުގެ ޙައްޖުގައި މުޅިން އަލަށް ޓްރެކިން ޑިވައިސް ބޭނުންކޮށްފައެވެ.
ޙައްޖާއި އުމްރާގެ އަޅުކަމަކީ ގިނަ އަދަދެއްގެ މީހުން ޖަމާވާ އަޅުކަމަކަށްވާއިރު ވަރަށް ގިނައިން މީހުން ގެއްލި މަގުއޮޅޭގޮތް ވެއެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދިން ހަފްތާ 52 ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ ޑެފިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް އަލީ ޝަރީފް ވިދާޅުވީ، މީހުން ގެއްލިގެން ގިނަ ވަގުތުތަކެއް ވެގެންދިއުމުން ނަފްސާނީގޮތުން ވަރަށް ބޮޑަށް ބަލިވުން ފަދަ ކަންކަން މީގެކުރިން ދިމާވެފައި އެބަހުރިކަމަށެވެ. ނަމަވެސް ނިމިދިޔަ ޙައްޖުގައި އެކޯޕަރޭޝަނުން މުޅިން އަލަށް ޓްރެކިން ޑިވައިސް ބޭނުންކުރުމުން އޭގެ ނަތީޖާ ފެނުނީ ވަރަށް ރަނގަޅަށްކަމަށެވެ. ޓްރެކިން ޑިވައިސްގެ ސަބަބުން ގެއްލޭ މީހުން ވަރަށް އަވަހަށް ހޯދައިގެން ވަރަށް އަވަހަށް ގެނެވޭކަން އަލީ ޝަރީފް ފާހަގަކުރެއްވިއެވެ.
ޙައްޖު ކޯޕަރޭޝަންގެ ޑެފިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، މިޑިސެންބަރު އުމްރާ ދަތުރަކީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެންމެ ގިނަ މީހުން އުމްރާއަށްދާ ފަހަރުކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަނުން އުމްރާގައި މުޅިން އަލަށް ޓްރެކިންގ ޑިވައިސް މިދަތުރުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
"މިދިޔަ ޙައްޖުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކޮންމެ ޙައްޖު ވެރިއަކަށް ޓެގެއް އަޅުވަމުން ގެންދިޔަ. އޭގެ ނަތީޖާ ރަނގަޅު އިނގޭތޯ. އެއީ ގެއްލޭ މީހުން ހޯދައި ގެނެސް އެމީހުން ހޮޓަލަށް ވައްދަން ވަރަށް ފަސޭހަވެގެންދިޔަ. އެހެންވީމަ މިފަހަރުގެ މިޑިސެންބަރުގައި ވަރަށް ގިނަ މީހުން ގޮވައިގެން އަޅުގަނޑުމެން މިދަނީ 800 އެއްހާ މީހުން ގޮވައިގެން އުމްރާއަށްދާތީވެ އަޅުގަނޑުމެން ނިންމީ އެމީހުންނަށްވެސް ކޮންމެ މީހަކަށް އޭގެ ޓެގެއް އަޅުވަން. މިއީ އަޅުގަނޑުމެން ރާއްޖޭން އުމްރާއަށް ދާ މީހުންގެ ޓެގެއް އަޅުވާ ފުރަތަމަ ފަހަރު." އަލްއުސްތާޛް އަލީ ޝަރީފް ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ ފާއިތުވި 11 އަހަރު އެކުންފުނި ހިންގާފައިވަނީ ގެއްލުމުގައިކަމަށެވެ. ނަމަވެސް އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ރިއަލް އެސްޓޭޓް ދާއިރާ ނޫން އެހެން ދާއިރާތަކުންވެސް އިންވެސްޓު ކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، ދިގުމުއްދަތަކަށް ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ބަލަމުންދާކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.