ތިމާވެށި

ޔުނިވަރސިޓީގައި "ގްރީން ބިލްޑިންގ" ކޮންސެޕްޓް ތަޢާރަފްކުރައްވަނީ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގައި ''ގްރީން ބިލްޑިންގ'' ކޮންސެޕްޓްތައް ތަޢާރަފުކުރައްވައި، އުނގަންނައިދިނުމުގައި އެހީތެރިވެދެއްވުމުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުމުގެ ދަށުން ޢިމާރާތުގައި ބޭނުންކުރަންޖެހޭ ފެނާއި ހަކަތަ މަދުކުރެވޭނެ އަދި ޖައްވަށް ބޭރުވާ ވިހަގޭސް މަދުކުރެވޭނެ ގޮތަށް އިމާރާތް ފަރުމާކުރާނެ ގޮތްތައް، ފެކަލްޓީ އޮފް އިންޖިނިއަރިންގގައި ހިންގަވާ އާރކިޓެކްޗަރ ކޯސްތަކުގައި ހިމެނުއްވުމަށް ކަނޑައެޅިފައިވެއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، އެއްބަސްވުމުގެ ދަށުން ޤައުމީ ޔުނިވަރސިޓީއަށް މާލީ އެހީތެރިކަމުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މި އެހީ ހަމަޖައްސަވައިދެއްވީ ސްޓެރެންތެނިން ލޯ ކާބަން އެނާރޖީ އައިލަންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓު ސްޓެރެންތެނިން ލޯ ކާބަން އެނާރޖީ އައިލަންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓްގެ ދަށުންނެވެ. 

މި ޕްރޮޖެކްޓަކީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް، ޔުނެޕް ގުޅިގެން ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދަވާ ޕްރޮޖެކްޓެކެވެ. ދުނިޔޭގައި އަހަރެއްގެ މައްޗަށް ޖައްވަށް ބޭރުކުރެވޭ ގްރީންހައުސް ގޭސްތަކުގެ ތެރެއިން ތިރީސް އިންސައްތަ އަދި އުފައްދާ ހަކަތައިގެ ސާޅީސް އިންސައްތަ ޙިއްޞާކުރަނީ ބިލްޑިންގ ސެކްޓަރއަށްކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައިވެސް އުފައްދާ ހަކަތައިގެ ވަރަށް ބޮޑު ނިސްބަތައް ހޭދަކުރެވެމުންދަނީ ބިލްޑިންގ ސެކްޓަރއަށް ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ، އެއްބަސްވުމުގެ ދަށުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގައި ކިޔަވައިދެމުން އަންނަ ބެޗްލަރސް ފެންވަރުގެ އާކިޓެކްޗަރ ކޯސް ރިވިއުކޮށް، ގްރީން ކޮންސެޕްޓްތައް ހިމެނޭ ގޮތަށް ކޯސް ބައްޓަން ކުރައްވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކުގައި ގްރީން ބިލްޑިންގ ކޮންސެޕްޓްތައް ތަޢާރަފްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ތާރިޤް އިބްރާހީމްއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް. އެއްބަސްވުމުގެ ދަށުން ގްރީން ކޮންސެޕްޓް ހިމަނައިގެން މާސްޓަރސް ފެންވަރުގެ އާކިޓެކްޗަރ ކޯހެއް ފަރުމާ ކުރެއްވުމަށް އެންވައިރަމަންޓް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.