ޚަބަރު

"އެންސްޕާ ހިންގަން އިމާރާތެއް ހޯދުމުގެ މަަސައްކަތްކުރީ ޤަވާއިދާއި އެއްގޮތަށް، ހުރިހާ މައުލޫމާތެއް ފެންނަން ހުންނާނެ"


  • ދޮގު ޚަބަރު ނުފެތުރުމަށް އެންސްޕާއިން އިލްތިމާސްކުރެއްވި

  • މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވިދާޅުވި

އެޖެންސީ ހިންގަން އިމާރާތެއް ހޯދުމަށް މުއާމަލާތްކޮށްފައިވާނީ މާލީ ވުޒާރާއާއެކުކަމަށާއި އިތުރު ފަރާތަކާ މުއާމަލާތްކޮށްފައި ނުވާނެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވެއްޖެއެވެ.

އެ އެޖެންސީން މިހެން ވިދާޅުވީ އެންސްޕާ ހިންގުމަށް ނަގާފައިވާ އިމާރާތެއް އެހެން ފަރާތަކަށް ދިނުމަށް އެއްބަސްވެފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފެތުރުމާ ގުޅިގެން އެކަން ދޮގުކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

އެންސްޕާގެ ބަޔާނުގައި ވިދާޅުވީ އެޖެންސީ ހިންގަން އިމާރާތެއް ހޯދުމާއި ގުޅޭ މަސައްކަތްތަކާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ޙަގީގަތާ ޚިލާފު ދޮގުވާހަކަތަކެއް ކަމަށެވެ.

އެންސްޕާ ހިންގުމަށް އިމާރާތެއް ހޯދުމުގެ މުއާމަލާތަކީ، އެކަން ކުރުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން މާލީ ވުޒާރާއާއެކު ކުރެވިފައިވާ މުއާމަލާތެއް ކަމަށެވެ. އަދި އެހެން އެއްވެސް ފަރާތަކާއެކު އެކަމާއި ގުޅޭގޮތުން މުއާމަލާތެއް ކޮށްފައި ނުވާނެކަމަށްވެސް އެންސްޕާއިން ވިދާޅުވިއެވެ. އަދި މި މައުލޫމާތުތަކަކީ މިހާރުވެސް ހާމަކަންބޮޑުގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަންހުރި މައުލޫމާތުތަކެއްކަން އެންސްޕާއިން ފާހަގަކުރެއްވިއެވެ.

އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ހަވާލުކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެެރެއިން ކުރެވެމުންދާ ކަމެއްކަން ފާހަގަކުރައްވައި އެންސްޕާއިން ވިދާޅުވީ ރައްޔިތުންގެ އިޖުތިމާޢި ރައްކާތެރިކަމާ ގުޅުންހުރި މުއައްސަސާއަކާ ގުޅޭގޮތުން އަދި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މައުލޫމާތު ފެތުރުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެކަމަށްވެސް އެންސްޕާއިން ވިދާޅުވިއެވެ.

މީގެ އިތުރުން އެންސްޕާ އާއި އެތަނުގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭގޮތަށް ދައްކަމުންދާ ވާހަކަތަކާގުޅޭ މިނިވަން ތަހުގީގެއް ހިންގައިދީ އޭގެ ތަފްސީލް ރައްޔިތުންނަށް ހާމަކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެދޭނެކަމަށްވެސް އެންސްޕާއިން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.