ޚަބަރު

"އޮޅުވާލައިގެން ފައިސާތަކެއް ހޯދުމުގައި ފުލުހަކު ބައިވެރިއެއް ނުވޭ"


  • ފުލުހުންގެ މުއައްސަސާގެ ނަން ކިލަނބުވާގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ނުފެތުރުމަށް ވަނީ އިލްތިމާސްކުރައްވާފައި

މަކަރާއި ޙީލަތުން ފައިސާތަކެއް ހޯދި މައްސަލައެއްގައި ފުލުހެއްގެ ބައިވެރިވުން އޮތްކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

އެ މުއައްސަސާއިން މިހެން ވިދާޅުވީ މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާތަކެއް ހޯދި މައްސަލާގައި ފުލުހަކު ހިމެނޭކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނުގައި ވިދާޅުވީ މަކަރާއި ހީލަތުން ބަހެއްގެ އަތުން ފައިސާތަކެއް ހޯދި މައްސަލައަކީ މި މަހުގެ 26ވަނަ ދުވަހު އެ މުއައްސަސާއަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ. އެގޮތުން މި މައްސަލާގައި މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒް، ނުވަތަ ހެކް ކޮށްގެން އެމީހާ ދަންނަ މީހުންނަށް މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ މައްސަލައާ ގުޅުންހުރި އިތުރު 3 މައްސަލައެއްވެސް މިހާރު ފުލުހުން ބަލަމުންދާކަމަށް ބަޔާނުގައި ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ހުށަހެޅުމާއެކު ތަހުގީގުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ވައިބަރ އެކައުންޓް ރިކަވަރކޮށް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ތަފާތު 3 މީހެއްގެ އަތުން އޮޅުވާލައިގެން ހޯދާފައިވާ 10100 ރުފިޔާ ކޮމްޕްރޮމައިޒްވެފައިވާ އެކައުންޓަކަށް ކުށްކުރި މީހުން ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ކުށްކުރުމުގައި ފުލުހެއްގެ ބައިވެރިވުމެއް ނުވަތަ ފުލުހެއްގެ ފަރާތުން ތުހުމަތު ކުރެވޭނެ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ. އަދި މި މައްސަލާގައި ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެއް އެކައުންޓަކީ ފުލުހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއްގެ އެކައުންޓެއްނަމަވެސް، އެ އެކައުންޓަކީވެސް ކޮމްޕްރޮމައިޒްކޮށްގެން އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަން ތަހުގީގަށް ހާމަވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންގެންދާ މި މައްސަލާގައި ހިމެނޭ ފައިސާގެ ތެރެއިން ނުހޯދި ހުރި ފައިސާ ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަަލައިގެ ތަހުގީގުގެ އެއްވެސް ހިސާބަކުން ފުލުހެއްގެ ބައިވެރިވުން ފާހަގަކުރެވިއްޖެނަމަ އެ ފުލުހެއްގެ މައްސަލަ ބަލާނެކަމަށެވެ. އެހެންކަމުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަން ކިލަނބުވާގޮތަށް މީޑިއާގެ އެކި ވަސީލަތްތަކުގައި މައުލޫމާތު ނުފެތުރުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.