ދުނިޔެ

ޗައިނާގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ޕޮލެންޑަށް ވަޑައިގެންފި


ޗައިނާގެ ރައީސް ޝީޖިންޕިން ރަސްމީ ދަތުރުފުޅެއްގައި ޕޮލެންޑަށް ވަޑައިގެންފިއެވެ.

މިއީ އެސަރަޙައްދުގެ ބައެއް ގައުމުތަކަށް އޭނާ ފައްޓަވާފައިވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. ޗައިނާގެ ރައީސް ޝީޖިންޕިން ގެ މިދަތުރުފުޅަކީ ފާއިތުވި 12 އަހަރު ތެރޭގައި ޗައިނާގެ ރައީސަކު ޕޮލެންޑަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޝީ ދަތުރުކުރައްވާ ރިޔާސީ މަތިންދާބޯޓު ޕޮލެންޑްގެ ވައިގެ ސަރަހައްދަށް ވަނުމާއެކު ޕޮލެންޑް ގެ ސިފައިންވަނީ އެބޯޓަށް ޙިމާޔާތް އަރުވާފައެވެ. މިގޮތުން ރައީސް ޝީއަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ޕޮލެންޑްގެ ވައިގެ ސިފައިންގެ ދެ ފައިޓަރ ޖެޓްވަނީ ޝީ ދަތުރުކުރެއްވި ބޯޓު ވޯސޯ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސަންދެން އެބޯޓުގެ ދެފަރާތުގައި ތިބެ ޙިމާޔަތް އަރުވާފައެވެ.

ވޯސޯ އިންޓަރނޭޝަނަލް އެއަރޕޯޓުން ޗައިނާގެ ރައީސަށް މަރުޙަބާ ދެންނެވީ ޕޮލެންޑްގެ ރައީސްގެ އެންޑްޒެޖް ޑޫޑާގެ ފަރާތްޕުޅުން އެޤައުމުގެ ޚާރިޖީ ވަޒީރު ވިޓޯލްޑް ވަސްޒިކޮވްސްކީއެވެ. މީގެއިތުރުން ޗައިނާގެ ރައީސް ޝީއަށާއި އޭނާގެ ވަފްދަށް ރަސްމީ ސިފައެއްގައި މަރްހަބާ ކިޔުމުގެ ޚާއްސަ ރަސްމިއްޔާތެއް ޕޮލެންޑްގެ ރިޔާސީ ގަނޑުވަރުގެ ކުރިމަތީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޗައިނާގެ ރައީސް ޕޮލެންޑަށް ކުރައްވާ ދަތުރުފުޅުގައި ދެޤައުމުގެ މަސްއޫލުވެރިން ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެއެވެ.