ދުނިޔެ

ފައްލޫޖާއިން އައިއެސްގެ ހަނގުރާމަވެރިން ފިލަން ފަށައިފި


ޢިރާޤުގައި އައިއެސް ޖަމާޢަތުން ބާރުގަދަކުރި އެންމެބޮޑު ސަރަޙައްދު ކަމަށްވާ ފައްލޫޖާގެ ބޮޑުބައެއް އިރާޤު ސިފައިން ހިފައި އެރަށުގެ އެތެރޭގެ އަވަށްތަކާއި މަގުތަށްއިރާގު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާއެކު އައިއެސްގެ ހަނގުރާމަވެރިން ސިއްރިޔާތުގައި އެރަށުން ފިލަމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ބަލިކަށިވެ މާޔޫސްވެފައިވާ އައިއެސްގެ ހަނގުރާމަވެރިން ފިލަމުންދަނީ، އެމީހުން ޢާއްމުކޮށް އަޅާ ހެދުން ބަދަލުކޮށް ތުނބުޅި ބޭލުމަށްފަހު ފައްލޫޖާގެ ޢާންމުންނަށްހެދިގެންކަމަށް އިރާގުގެ އަސްކަރީ މަސްއޫލުވެރިން ވިދާޅުވެއެވެ.

ފައްލޫޖާ ދޫކޮށްދާ ރެފިއުޖީންގެ ތެރޭގައި ގިނަ އަދަދެއްގެ އައިއެސް ހަނގުރާމަވެރިން، އެމީހުންގެ ސިފަބަދަލުކޮށްގެން އާންމުންނާއެކު ފިލުމަށް މަސައްކަތްކުރަމުންދާތީ ރެފިއުޖީންގެ ތެރޭގައި ހިމެނޭ ފިރިހެނުންނަކީ ކޮންބައެއްކަން ބަލައި ކަށަވަރުވަންދެން އެމީހުން ހިފަހައްޓައި އެމީހުންގެ ހަށިގަނޑު ބަލައި ޗެކްކުރަމުން ގެންދާކަމަށް އިރާގު ސިފައިން ބުނެއެވެ. ނަމަވެސް ފައްލޫޖާގެ ބައެއް އަވަށްތަކުގެ އިމާރާތްތަކުގައި އައިއެސްގެ ހަނގުރާމަވެރިންގެ އެތަށް ސަތޭކަ ބަޔަކު އަދިވެސް ފިލައިތިބެ އަމިއްލައަށް މަރުވުމުގެ ޙަމަލާތަކާއި ކާރުބޮމުގެ ޙަމަލާތައް އިރާގު ސިފައިންނަށް ދޭން މަސައްކަތް ކުރާކަމަށް ޚަބަރުތައް ބުނެއެވެ.

އިރާގު ސިފައިންނަށް، އައިއެސް ޖަމާއަތުގެ  މައްޗަށް ކާމިޔާބު ހޯދިފައިމިވަނީ 4 ހަފްތާގެ ވަރުގަދަ ހަނގުރާމައަކަށްފަހުގައެވެ.