ޚަބަރު

އަރބަން ސަރަޙައްދުތައް ތަރައްޤީކުރުމަށް ހުށައެޅި ބިލު ފާސްކޮށްފި


  • އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތެއް އެކުލަވައިލާނެ

ރާއްޖޭގައި އަރބަން ސަރަޙައްދުތައް ތަރައްގީކުރުމާގުޅޭގޮތުން ހުށަހެޅި، އަރބަން ޑިވެލޮޕްމަންޓް ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ. މި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބާއިވެރިވި 70 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ރާއްޖޭގެ އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި އެފަދަ ސަރަހައްދުތައް ތަރައްގީކުރުމާގުޅޭ ކަންކަން ހަރުދަނާ އަދި ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމްކުރުމަށެވެ. މިބިލުގައި އަރބަން ސަރަހައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި ތަރައްގީކޮށް ހިންގުމުގެ އުސޫލުތަކާއި އެ ސަރަޙައްދުތަކުގައި ހިންގާ މަޝްރޫއުތައް މޮނިޓަރކޮށް ފިޔަވަޅުއެޅުމާބެހޭ އުސޫލުތައްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ އަރބަން ޑިވެލޮޕްމަންޓް މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އެއް މިންގަނޑެއް ހިފަހައްޓާކަން ކަށަވަރުކޮށް އެ މަސައްކަތްތައް ހަރުދަނާކުރެވޭނެ ނިޒާމެއް ގާއިމްކުރަންޖެހެއެވެ. އަދި މި ސަރަހައްދުތައް ތަރައްގީކުރުމުގެ މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކުރަންޖެހޭނެކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ބިލުގައިވާގޮތުން އަރބަން ސަރަހައްދުތައް ކަނޑައެޅުމާއި ތަރައްގީކޮށް ހިންގުމާބެހޭ ޤައުމީ ސިޔާސަތެއްވެސް އެކުލަވައިލަންޖެހެއެވެ. އެ ސިޔާާސަތު އެކުލަވައިލާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ސިޔާސަތު ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތްތަކުން އެކަން ހަރުދަނާގޮތެއްގައި ކުރޭތޯ ބަލައި ޤާނޫނު ތަންފީޒުކުރުމުގެ އިސް ޒިންމާ ނަގަންޖެހޭނީ އެއިރެއްގައި އުމްރާނީ ތަރައްގީގެ މަސްއޫލިއްޔަތު ހަވާލުކުރާ ވުޒާރާއަކުންނެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި އަމަލުކުރަން ފެށުމާއެކު "އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަންވެސް ލާޒިމްކުރެއެވެ. އެ އޮތޯރިޓީ އުފެދުމާއެކު މިހާރު އުމްރާނީ ތަރައްގީއާބެހޭ ވުޒާރާގެ ދަށުން ހިންގާ އަރބަން ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި ޒިންމާތައް އެ އޮތޯރިޓީއަށް ބަދަލުވާނެއެވެ. ނަމަވެސް އޮތޯރިޓީ ހިންގާނީ އެ ވުޒާރާގެ ދަށުންނެވެ.

ރާއްޖޭގައި އަރބަން ސަރަހައްދުގެ ގޮތުގައި ތިން ބާވަތުގެ ސަރަހައްދުތަކެއް ކަނޑައެޅިދާނެއެވެ. އެއީ މެޓްރޮޕޮލިޓަން އޭރިއާތަކާއި އަރބަން ރީޖަން އަދި އަރބަން ސެންޓަރު ހިމެނެއެވެ. މި ސަރަހައްދުތަކުގެ އިހުތިސާސްތައްވެސް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައިވަނީ ބަޔާންކޮށްފައެވެ.

މި ބިލު ޤާނޫނަކަށްވި ނަމަވެސް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އާސާރީ ސަރަޙައްދުތަކާއި ގުދުރަތީ ލޭންޑްސްކޭޕާއި ހިމާޔަތްކުރަންޖެހޭ ގަސްގަހާގެހި އަދި ގުދުރަތީ ވަސީލަތްތައް ތަރައްގީނުކުރެވޭނެއެވެ.

މި ބިލަށް އިސްލާހެއް ކޮމިޓީ މަރުހަލާގައި ވަނީ ގެނެސްފައެވެ. އެގޮތުން، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ގެނައި އިސްލާހުތަކުގެ ތެރޭގައި އަރބަން ސަރަހައްދުތަކުގެ އިހުތިސާސް ކަނޑައެޅުމުގައި ކައުންސިލްތަކުގެ ދައުރު ހިމެނޭގޮތް ހެދުމަށް ވަނީ ބަދަލުގެނެސްފައެވެ.