ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓްގެ މަސައްކަތަށް ނުދައްކާ އޮތް 178 މިލިޔަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ. ހަމްދާން މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމްގައި އެ ކުންފުނީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ 4000 ފްލެޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަރނޭޝަނަލް ލިމިޓެޑް، ކޭޕީއައިއެލްއާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕޮރޭޝަން، އެންބީސީސީންނެވެ. ފްލެޓްތަކުގެ މަސައްކަތް ކުރަނީ އިންޑިއާ ސަރުކާރުގެ އެހީގެ އިތުރުން ދައުލަތުންވެސް ފައިސާ ދައްކާގޮތަށެވެ. އެގޮތުން މި މަޝްރޫޢުގެ އަގުގެ %15 ދިވެހި ދަޢުލަތުން ދައްކަން ޖެހޭއިރު ބާކީ ދައްކަނީ އިންޑިއާ ސަރުކާރުންނެވެ. މި ދެ މަޝްރޫއުގެ އަގަކީ 267 މިލިޔަން ޑޮލަރެވެ.
"ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރުވެސް އެ މަޝްރޫޢުއަށް ދަޢުލަތުން ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައިނުވާކަމަށެވެ. އެކަމުގެ ސަބަބުން ފްލެޓްތަކުގެ މަސައްކަތް ނިންމުން ލަސްވިކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި މި މަޝްރޫޢަށް ނުދައްކާ އޮތް 178 މިލިޔަން ރުފިޔާ މި ސަރުކާރު ހަވާލުވުމަށްފަހު ފުރަތަމަ 6 މަސްދުވަހުގެ ތެރޭ ދައްކާފައިވާކަމަށާއި، ކޮންޓްރެކްޓަރ ކުރަމުން އައި މަސައްކަތްތަކަށް އިސްލާހުތަކެއް ގެނައުމަށްފަހު މަސައްކަތް އަވަސްވާނެ ގޮތްތަކެއް ހަމަޖައްސާފައިވާކަމަށް ހަމްދާން ވިދާޅުވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުރިއާ ޚިލާފަށް މަސައްކަތްތައް އަވަސްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިދިޔަ ދައުރު ނިމުނު އިރު ގާތްގަޑަކަށް އޮތި %31 މަސައްކަތް ނިންމާފައި. މި ސަރުކާރު ހަވާލުވުމަށަފަހު ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި %32 މަސައްކަތް ނިންމި. ބޮޑު ތަނުން މަސައްކަތް ވަނީ އަވަސްކޮށްފައި." އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ވިދާޅުވިއެވެ.
ޖުމްލަ 4000 ހައުސިންގ ޔުނިޓްގެ 32 ޓަވަރުގެ މަސައްކަތް ކުރުމަށް އިންޑިއާގެ ދެކުންފުންޏެއް ކަމަށްވާ ކޭޕީއައިއެލް އާއި އެންބީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުއެވެ. އެގޮތުން ކޭޕީއައިއެލްއިން ތަރައްޤީކުރަމުންދާ 16 ޓަވަރަށް "އަމާން އުދަރެސް" އަދި އެންބީސީސީން ތަރައްގީކުރަމުންދާ 16 ޓަވަރަށް ދީފައިވާ ނަމަކީ "އަމާން ދޯދި"އެވެ. އެފްޑީސީން މިހާރު އަމާޒު ހިފާފައިވަނީ މި 4000 ފްލެޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށެވެ.