ޚަބަރު

ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގެ ދަށުން 7 ލައްކައަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި


  • ރާއްޖޭގެ 85 ރަށެއްގައި 7627 މީހަކު ދަނޑުވެރިކަން ކުރޭ

  • ސަރުކާރުން 278 ދަނޑުވެރިން މިހާތަނަށް ތަމްރީންކޮށްފައިވޭ

ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން 7 ލައްކައަށްވުރެ ގިނަ ރުފިޔާ މިސަރުކާރުން މިހާތަނަށް ދޫކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެންބަރ މަހުން ފެށިގެން ދޫކޮށްފައިވާ ލޯނުގެ އަދަދުކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 85 ރަށެއްގައި ޖުމްލަ 7627 މީހުން އަންނަނީ ދަނޑުވެރިކަން ކުރަމުންނެވެ. މީގެތެރެއިން 3606 މީހުންނަކީ ފިރިހެނުންނެވެ. އަދި 4021 މީހުންނަކީ އަންހެނުންނެވެ.

ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން 17 ނޮވެންބަރުން ފެށިގެން މިހާތަނަށް ދަނޑުވެރިން ތަމްރީންކުރުމަށްޓަކައި ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާއިރު 278 ދަނޑުވެރިން ވަނީ މިޕްރޮގްރާމްތަކުގައި ތަމްރީންވެފައެވެ.

ދަނޑުވެރި ނަފާ ލޯން ސްކީމްގެ ދަށުން ލޯންތައް ދޫކުރަމުންދަނީ %6 އިންޓްރެސްޓާއެކުއެވެ. މި ލޯން ސްކީމްގެ ދަށުން އެންމެ މަދުވެގެން ނެގޭނީ 75 ހާސް ރުފިޔާއެވެ. އަދި އެންމެ ބޮޑު އަދަދަކަށް ނެގޭނީ 2 މިލިއަން ރުފިޔާއެވެ. މިލޯނު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށްވެސް ދޫކުރެއެވެ.

ސަރުކާރުން ދަނީ ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގެ އެއްބަސްވުމުގައި ޗައިނާ ހާބަރ އިންޖީނިއަރިންގ ކުންފުންޏާއެކު ވަނީ ސޮއިކޮށްފައެވެ. މިމަޝްރޫއަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފައްދައި އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުންކަމަށް ހިންގާ މަޝްރޫޢެއްކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން 100 ހެކްޓަރުގެ ބިމުގައި ދަނޑުވެރިކަން ކުރުމަށް ގްރީން ހައުސްތައް އަޅާނެއެވެ. އަދި 100 ހެކްޓަރުގެ ބިމުގައި އަޑިއަށް ފައިބާ ތަރުކާރީއާއި މޭވާ ހެއްދުމަށް ޚާއްސަކުރާނެއެވެ. މީގެއިތުރުން 2 ވަނަ ފޭސްގައި ރާއްޖެއަށް ބޭނުންވާ ކުކުޅުބިސް އުފެއްދުމަށް ޚާއްސަ ޕޯލްޓްރީ ފާމެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.