ޚަބަރު

ހިލޭ މެޑިކަލް ޗެކަޕް ޚިދުމަތް މިހާތަނަށް 3200އަށްވުރެ ގިނަ މީހުން ހޯދައިފި


  • މި ޚިދުމަތް އެންމެ ގިނައިން ހޯދާފައިވަނީ 40 އަހަރުން މަތީގެ މީހުން

  • ކެންސަރ ސްކްރީން ކުރުމުގެ ޕެކޭޖް 278 ފަރާތެއް ބޭނުން ކޮށްފައިވޭ

އާސަންދަ ސްކީމުގެ ދަށުން ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ މަގުފަހިކޮށް ދިނުމުން، މިހާތަނަށް އެޚިދުމަތް 3200 އަށްވުރެ ގިނަ މީހުން ހޯދާފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ހާމަކުރައްވައިފިއެވެ.

އެންސްޕާއިން މިކަން ހާމަކުރައްވާފައިވަނީ ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައެވެ.

ރާއްޖޭގައި އިތުރުވަމުންދާ ދާއިމީ ބޮޑެތި ބަލިތައް ދުރާލާ ދެނެގަތުމަށް އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލް ޗެކަޕް ހުރިހާ އުމުރުފުރާއަކަށް ހެދޭ ގޮތަށް ސަރުކާރުން ހުޅުވާލީ މިދިޔަ ޖުލައި މަހުއެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 50 އަހަރުން މަތީގެ މީހުންނަށް، އަދި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުމުރުން 35 އަހަރާއި 49 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންނަށާއި އުމުރުން 19 އަހަރުން ދަށުގެ ކުދިންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމްވަނީ ހަމަޖައްސަވާފައެވެ. އޭގެ ފަހުން ޖުލައި މަހު ހުރިހާ އެންމެންނަށް މެޑިކަލް ޗެކަޕް ހެދޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ހިލޭ މެޑިކަލް ޗެކަޕްގެ ފުރުސަތު ހުޅުވާލިފަހުން އެކި އުމުރުފުރާތަކުން 3238 މީހުން ވަނީ މިޚިދުމަތް ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1411 ފިރިހެނުންނާއި، 1827 އަންހެނުންނެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިޚިދުމަތް އެންމެ ގިނައިން ހޯދާފައިވަނީ، 40 އަހަރުން މަތީގެ މީހުންނެވެ. އެގޮތުން 40 އަހަރުން މަތީގެ 2428 މީހުންވަނީ މިޚިދުމަތް ހޯދާފައެވެ. އުމުރުން 40 އަހަރުން މަތީގެ ކޮންމެ މީހަކަށް ހިލޭ ކެންސަރަށް ސްކްރީންކުރެވޭނެ ގޮތްވެސް ސަރުކާރުންވަނީ ހަމަޖައްސާފައެވެ. އެގޮތުން މިވީ މުއްދަތުގެ ތެރޭގައި 512 މީހުން މިޕެކޭޖް ނަގާފައިވާކަން އެންސްޕާގެ ތަފާސްހިސާބުތައް ދައްކައެވެ.

މިމުއްދަތުގެ ތެރޭގައި 19 އަހަރާއި 39 އަހަރާއި ދެމެދު އުމުރުފުރާއިން 278 މީހުންވަނީ މެޑިކަލް ޗެކަޕް ހަދާފައެވެ. އަދި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 20 ކުއްޖަކު ސްކޫލް ހެލްތު ސްކްރީނިން ހަދާފައިވާކަމަށް އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ.

ދާއިމީ ބޮޑެތި ބަލިތައް ގިނަވެ ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން އަންނަކަމަށް ސަރުކާރުން ވިދާޅުވެއެވެ. ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ ކުޑަކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންވާފައިވާ ވަޢުދުފުޅުގެ ދަށުން ހުޅުވާލި މެޑިކަލް ޗެކަޕްގެ ބޭނުން ކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. މީގެ ސަބަބުން ދުރާލާ ބަލި ދެނެގަނެވި އެބަލިން އަރައިގަތުމަށް ފުރުސަތު ލިބޭނެ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.