ޚަބަރު

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިޔަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި


ސަރުކާރުން ހުށަހަޅުއްވާފައިވާގޮތަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 56.6 ބިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ.

2025 ވަނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކޮށްފައިވަނީ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހަޅައި ބަހުސްކުރުމަށްފަހުއެވެ.

މި ފެށޭ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅުއްވީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ބަޖެޓުގައި، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ހިމަނާފައިވަނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ. އަދި ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39.7 ބިލިޔަން ރުފިޔާއެވެ.

މީގެ އިތުރުން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި އަހަރުގެ ތެރޭގައި ރިފޯމުތައް ތަންފީޒުކުރަންވެސް ހިމަނާފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ޒިންމާދާރު ބަޖެޓެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރަނީ 9.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެކެވެ. މިއީ ފަހުގެ ތާރީޚުގައި ނިސްބަތުން ޑެފިސިޓް އެންމެ ކުޑަ ބަޖެޓުކަން ސަރުކާރުުން ފާހަގަކުރައްވައެވެ.

ބަޖެޓު ކޮމިޓީގައި ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ރިޢާޔަތްކޮށްގެން ތަރުތީބު ކުރުމަށާއި އަމަލީ މަސައްކަތް ނިންމާނެކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުމަށް ވަނީ ލަފާކޮށްފައެވެ. އަދި ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކުރި މަޝްރޫޢުތަކުގެ ތެރެއިން ކުރިއަށްދާނެ މަޝްރޫޢުތަކާއި ކުރިއަށް ނުގެންދެވޭނެ މަޝްރޫޢުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ހުށަހެޅުމަށްވެސް ވަނީ ލަފާއަރުވާފައެވެ.

މީގެ އިތުރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަސައްކަތް އަންގައިދޭ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި މަޖިލީހަށް ހުށަހެޅުމަށްވެސް ބަޖެޓް ކޮމިޓީން ހުށަހެޅިއެވެ. ނަމަވެސް އެ ލަފާތައް ނުހިމެނުމަށް ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު 68 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.