ވިޔަފާރި

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 110 ފަރާތަކުން ޖީއެސްޓީ ނުދައްކާ


މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 110 ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ދައްކާފައި ނުވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން ހާމަކުރައްވައިފިއެވެ.

މީރާއަށް ޖީއެސްޓީ ދައްކާފައި ނުވާ ވިޔަފާރިތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ 13 ފަރާތަކާއި، ޢާއްމު ވިޔަފާރި ކުރާ 97 ފަރާތެއް ހިމެނެއެވެ.

މިލިސްޓުގައި ރާއްޖޭގެ ނަންމަޝްހޫރު ބައެއް ވިޔަފާރިތައްވެސް ހިމެނޭއިރު ގިނަ ވިޔަފާރިތަކަކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކެވެ.

މީރާގެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ ލިސްޓުގައިވާ ވުޔަފާރިތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރައްވާނެކަމަށް މީރާއިން ވިދާޅުވެއެވެ.

މި ވިޔަފާރިތަކުގެ ނަން ޢާއްމުކޮށްފައިމިވަނީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގައި މީރާއިން ޢަމަލުކުރައްވަމުން ގެންދަވާ އުޞޫލުގެ ދަށުންނެވެ.