ތައުލީމީ ދާއިރާގެ އެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްފަހު ބިލްތައް ނުދައްކާހުރި ބިލްތަކުގެ ތެރެއިން 34 މިލިޔަން ރުފިޔާ ފިޔަވާ އެހެން ހުރިހާ ފައިސާއެއް ދައްކާ ޚާލާސްކޮށްފައިވާކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަދައްވަމުންނެވެ.
ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ތަޢުލީމީ ދާއިރާގެ އެކި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ކުންފުނިތަކާ ހަވާލުކުރުމަށްފަހު ފައިސާ ނުދައްކާ ހުރިކަމަށެވެ.
އެގޮތުން 280 މިލިޔަން ރުފިޔާގެ ބިލު ނުދައްކާ އޮތްތަކަމަށާއި އެންމެ އަވަސްވެގަތީ އެ ބިލްތައް ދައްކާ ޚަލާސްކޮށް މަޝްރޫޢުތައް އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ 1 އަހަރުގެ ތެރޭގައި 34 މިލިޔަން ރުފިޔާ ފިޔަވާ އެހެން ހުރިހާ ފައިސާ ދައްކާ ޚާލާސްކޮށްފައިވާކަމަށާއި މި އަހަރު ނިމުމުގެ ކުރިން ނުދެވި ހުރި ފައިސާތައް ދީ ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މަޝްރޫޢުތަކުގެ ތެރޭގައި ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލް އިމާރާތްކުރުންފަދަ މަޝްރޫޢުތައް ހިމެނޭ. ފައިސާ ނުދިނުމުން ނަތީޖާއަކަށްވީ މަޝްރޫއުތައް ހުއްޓުން." ތަޢުލީމީ ކަންތައްތަކާ ބެހެ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ 2024 ވަނަ އަހަރު ބަޖެޓް އެކުލަވާލިއިރު އެކަށީގެންވާ ވަރަށް މަޝްރޫޢުތަކަށް ފައިސާ ހަމަޖައްސާފައިނުވާކަމަށެވެ. އައު މަޝްރޫޢުއެއް ފަށްޓަށް ދައުލަތުގެ މާލިއްޔާތު ޤަވައިދު ބުނާގޮތުން ބަޔަކަށް މަސައްކަތެއް ހަވާލުކޮށްފިކަމުގައި ވަނީނަމަ މަސައްކަތުގެ %15 ދައްކަން ޖެހުނުނަމަވެސް ގިނަ މަޝްރޫޢުތަކަށް ހިމަނާފައިވަނީ އެއަށްވުރެ މަދު ފައިސާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ސަބަބުން މަސައްކަތް ހަވާލުކުރިނަމަވެސް ފައިސާ ދިނުމަށް ދަތިވެފައިހުރިކަން ވަޒިރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް ފަށާފައި ނަމަވެސް ނުނިންމާ ހުރި މަސައްކަތްތައް ސްކޫލްތަކަށް ދަތިނުވާގޮތަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މިދިޔަ ސަރުކާރުން ވަނީ އެކި ސްކޫލްތަކުގައި 100 އަށްވުރެ ގިނަ މަޝްރޫޢު ފަށާފައެވެ. އޭގެ ތެރޭގައި ކްލާސްރޫމްތައް އެޅުމަށާއި މަލްޓިޕަޕަސް ހޯލް ފަދަ ތަންތަން އިމާރާތް ކުރުމަށް ހަވާލުކޮށްފައިވެއެވެ. އެހެންނަމަވެސް މީގެ ތެރެއިން ބައެއް މަޝްރޫޢުތައް ދިގުލައިގެންދިއުމާއި މަޝްރޫޢުތައް ހުއްޓިފައި ހުރުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.