ސަރުކާރުގެ އެއް އަހަރު ދުވަހުގެ އެންމެ ބޮޑު ކާމިޔާބީއަކީ ބަނގުރޫޓޫނުވެ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުން ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރީ ސަރުކާރުން އިގްތިސާދު މެނޭޖުކުރަމުން އައީ ޒިންމާދާރުކަމެއް ނެތި ކަމަށެވެ. އެގޮތުން، 8 ބިލިޔަން ރުފިޔާ ޗާޕުކޮށްފައިވާއިރު ފަސް އަހަރުތެރޭގައި ދައުލަތުން ލިބޭ އާމްދަނީގެ ކޮންމެ 100ރުފިޔާއަކުން 24 ރުފިޔާ ދަރަނި ދައްކާ ހާލަތަށް ވައްޓާލި ކަމަށެވެ. މީގެ ސަބަބުން މިއަހަރުގެ އޭޕްރިލް މަހާ ހަމައަށް ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުންވެސް ބުނަމުން އައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލީ އިދާރާތަކުން އެގޮތަށް ލަފާ ކުރިނަމަވެސް ސަރުކާރުން މިއަދު ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސިޔާސަތުތައް ބައްޓަންކޮށް މަސައްކަތް ކުރައްވަމުންދަނީ އިގްތިސާދު ބަނގުރޫޓުނުވެ ކަމަށެވެ.
"ފައިސާ ޗާޕުނުކޮށް ދައްކަން ޖެހޭ ދަރަނި ދެއްކުމުގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރަމުން މިއައީ ބަނގުރޫޓުނުވެ. އޭރުގައި އޮތް ސަރުކާރުން އަޅުގަނޑުމެންގެ ޤައުމުގެ އިގްތިސާދު ހަލާކުކޮށް އަނދަވަޅަކަށް ވައްޓާލަން ނިންމާފައި އޮތް ނިންމުން ނޫނީ ކޮށްފައި އޮތް ކަންތައްތަކުން އަރައިގަނެ. އެހެންވީމާ މި ސަރުކާރުގެ މި 52 ހަފުތާގައި އަޅުގަނޑުމެން އެންމެން ގުޅިގެން ރައްޔިތުންނާއެކު ކުރެވުނު އެންމެ ބޮޑު އެއް ކަމަކީ މިހާލަތުން އަރައިގަތުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރު ނިންމާލަންޖެހިފައިވަނީ އިދިކޮޅު އެމްޑީޕީގެ ސުޕް މެޖޯރިޓީ އޮތް މަޖިލީހަކުން ގަސްތުގައި ސަރުކާރު ހިންގުމަށް ހުރަސް އެޅުމަށް ފާސްކޮށްފައި އޮތް ބަޖެޓަކާއެކުގައި ކަމަށެވެ. އޭގެ ސަބަބުން މަޝްރޫއުތައް ހިންގަން ދަތިވި ނަމަވެސް މިއަހަރުވެސް ގިނަ ކަންކަން ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތް އަހަރަކީ މި ސަރުކާރުގެ ބަޖެޓަކާއެކު މަޝްރޫއުތައް ކުރިއަށްގެންދާނެ އަހަރެއް ކަމަށާއި ރައްޔިތުންގެ ފުދުންތެރިކަންވެސް އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.