ޚަބަރު

މިއަހަރު ނިމިގެންދާނީ ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާއަކާއެކު: އެމްޑީ ފަހުމީ


  • މިދިޔަ އަހަރު ނިމުނީ 20 މިލިޔަންގެ ގެއްލުމެއްގައި

  • އަންނަ އަހަރު ނިމުމުގެ ކުރިން ސްމާޓް މީޓަރ ޕްރޮޖެކްޓްވެސް ނިންމާލެވޭނެ

މިއަހަރު ނިމިގެންދާނީ ސްޓެލްކޯއަށް 120 މިލިޔަން ރުފިޔާގެ ފައިދާއަކާއި އެކުގައިކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު މިހެން ވިދާޅުވީ، ސަރުކާރަށް 52 ހަފްތާ ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ސަރުކާރުގެ ފުރަތަމަ 52 ހަފްތާގެ ތެރެގައި އެ ކުންފުނިން ކުރި މުހިއްމު މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. ކުންފުންޏާއި ހަވާލުވިއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ މުވައްޒަފުންގެ ހުރި ނުތަނަވަސްކަންކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ، އެ ނުތަނަވަސްކަން ފިލުވާދީފައިވާކަމަށެވެ. އެގޮތުން 1 އަހަރު ނިމިގެންދިޔައިރުވެސް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާކަން އެމްޑީ ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ، 2023ވަނަ އަހަރަކީ ސްޓެލްކޯއަށް ގެއްލުމުގައި ހިންގުނު އަހަރެއްކަމަށެވެ. ނަމަވެސް މި އަހަރު ނިމިގެންދާނީ ފައިދާއާއެކުގައިކަމަށް ފަހުމީ ވިދާޅުވިއެވެ.

"2023 ވަނަ އަހަރަކީ އަޅުގަނޑުމެންނަށް 20 މިލިޔަން ރުފިޔާގެ ގެއްލުން ލިބުނު އަހަރެއް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ 2024 ވަނަ އަހަރު ނިމިގެންދާނީ 120 މިލިޔަން ރުފިޔާގެ ފައިދާއަކާއިއެއްކޮށް. އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ވެސް ރަނގަޅު. މަގާމާއި ހަވާލުވިއރު ކުންފުނީގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރި. ކަސްޓަމަރުންގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި. އަދި މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރި" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، އަންނަ އަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހައި ކަސްޓަމަރުންނަށް ސްމާރޓް މީޓަރގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. ސްމާރޓް މީޓަރ ޕްރޮޖެކްޓާއިއެކު ކަރަންޓް ބިލް ބޮޑުވެގެން ކަސްޓަމަރުންގެ ފަރާތުން އަންނަ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.