ޚަބަރު

ދިވެހި ޤައުމިއްޔަތުގެ ޢިލްމު ގުޅިފައިވަނީ ދިވެހިން ދެމިތިބުމާ: މެޑަމް ސާޖިދާ


  • ޤައުމިއްޔަތު ދިރުވިގެންދިއުމަކީ އިސްލާމް ދީނުގެ އަޚްލާގީ ގަހަނާއިން ދިވެހިން އިތުރަށް ޒީނަތްތެރިވުން

  • ދިވެހިންގެ ފަސްގަނޑާއި ދިވެހިންނާއި ދައުލަތުގެ ރައްކާތެރިކުރުމުގެ ފިކުރު އަށަގަނެވޭނެ

ދިވެހި ޤައުމިއްޔަތުގެ ޢިލްމަކީ ދިވެހިންގެ ދެމިތިބުމާ ގުޅިފައިވާ ޢިލްމެއް ކަމަށާއި ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުވިގެންދިއުމަކީ އެކަމަށް ލިބޭ އައު ދިރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އޮފީސް ހުޅުއްވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދިވެހި ޤައުމިއްޔަތަކީ އިސްލާމްދީނާއި މާދަރީ ބަހާއި ސަގާފަތާއި އާދަކާދަ ކަމަށްވާއިރު ދިވެހި ޤައުމިއްޔަތު ދިރުވިގެންދިއުމަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަޚްލާގީ ގަހަނާއިން ދިވެހިން އިތުރަށް ޒީނަތްތެރިވެގެންދިއުން ކަމަށެވެ. އަދި މީގެ ސަބަބުން ދިވެހިންނަކީ ތަހުޒީބު، ހަރުދަނާ އަދި ވިސްނުންތެރި ބަޔަކަށް ވެގެންދާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ޤައުމިއްޔަތު ދިރުވިގެންދިއުމުގެ ސަބަބުން ދިވެހިންގެ ފަސްގަނޑާއި ދިވެހިންނާއި ދިވެހި ދައުލަތް ރައްކާތެރިކުރުމުގެ ޢިލްމީ ފިކުރު ދިވެހިންގެ ވިސްނުމުގައި އަށަގަނެވިގެންދާނެ ކަމަށެވެ. އެހެންވެ ދިވެހި ޤައުމިއްޔަތުގެ ޢިލްމަކީ ދިވެހިން ދެމިތިބުމާ ގުޅިފައިވާ ޢިލްމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ދިވެހި ޤައުމުގައި އޮންނަނީ ދިވެހި ޤައުމިއްޔަތު، ދިވެހީން ގަބޫލުކުރާ ގޮތްތައް، ހަމަތައް، ދިވެހި ދަރީންގެ ޤައުމީ ވިސްނުން ބިނާވާންޖެހޭ އަސާސްތައް. މަންމައެއްގެ ހައިސިއްޔަތުން އަޅުގަނޑު އުފާވަނީ އެހެންވެ. ޢިލްމީ ގޮތުން ދިވެހި ޤައުމާ އެއްކޮޅަށް ވިސްނަން އެނގޭކަހަލަ އަމިއްލަ ނަފްސާއި އަމިއްލަ ޤައުމަށް ގަދަރުކުރަން އެނގޭ ޖީލެއް ބިނާވުމުގެ މަގުތައް ހުޅުވޭތީ،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި ޤައުމިޔަތުގެ އިސްވަރުގެ އޮފީސް ހުޅުވިގެންދިއުމުން ޤައުމިއްޔަތު ދިރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަލުއިވެގެންދާނެ ކަމަށެވެ. މި މަސައްކަތް ރަސްމީކޮށް ފެށުމަކީ ދިވެހި ޤައުމިއްޔަތަށް ހޭލުންތެރި އައު ޒަމާނެއް އައުންކަމަށް ގަބޫލުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.