ޚަބަރު

ޖޯންސަންގެ އެހީއާއެކު ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާއިން ޓީ20 ސީރީޒް ކާމިޔާބުކޮށްފި


މިހާރު ކުރިއަށްދާ ޓީ20 އިންޓަނޭޝަނަލްގެ ދެވަނަ މެޗުގައި ޕާކިސްތާންގެ މައްޗަށް 13 ލަނޑުގެ ތަފާތަކުން ކުރިހޯދައި އޮސްޓްރޭލިއާއިން ސީރީޒް ކާމިޔާބުކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ބްރިސްބޭންގައި ކުޅެވުނު މި ސީރީޒްގެ ފުރަތަމަ މެޗުން އޮސްޓްރޭލިއާ މޮޅުވީ 29 ލަނޑުންނެވެ.

ސިޑްނީ ކްރިކެޓް ގްރައުންޑްގައި އިއްޔެ ކުޅުނު މި މެޗުގެ ގުރު ދިމާވުމުން އޮސްޓްރޭލިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ވިކެޓަށް 147 ލަނޑުހެދިއެވެ. އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް ކުޅުނީ އޯޕަނިންގ ބެޓްސްމަން، މެތިއު ޝޯޓް އެވެ. އޭނާ ވަނީ 17 ބޯޅައިން 32 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އާރޮން ހާޑީ 28 ލަނޑުހެދިއިރު، އެ ޓީމުގެ ކެޕްޓަން އަދި ވިކެޓްކީޕަރު ބެޓްސްމަން، ޖޯޝް އިންގްލިސް ނުބައިވީ ސުމަކަށެވެ.

މި އިނިންގްސްގައި ޕާކިސްތާނުން އެންމެ ރަނގަޅަށް އުކީ ހަތަރު ވިކެޓްނެގި ހާރިސް ރައުފް އެވެ. ދެން އެންމެ ރަނގަޅަށް އުކީ އައްބާސް އަފްރީދީ ތިން ވިކެޓްނެގިއިރު، ސުފިޔާން މުގީމް ދެ ވިކެޓްނެގިއެވެ.

ޕާކިސްތާނުން ކުޅެން އަރައި، 19.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 134 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 38 ބޯޅައިން 52 ލަނޑުހެދި އުސްމާން ޚާން އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އިރްފާން ޚާން ނުބައިނުވެ 28 ބޯޅައިން 37 ލަނޑުހެދިއެވެ. މި އިނިންގްސްގައި އެ ޓީމުގެ ކެޕްޓަން އަދި ވިކެޓްކީޕަރު ބެޓްސްމަން، މުޙައްމަދު ރިޒްވާން 16 ލަނޑަށް ނުބައިވިއިރު، ކުރީގެ ކެޕްޓަން ޝާހީން ޝާހް އަފްރީދީ ނުބައިވީ ސުމަކަށެވެ.

ދެވަނަ އިނިންގްސްގައި ޕާކިސްތާންގެ ކުޅުންތެރިންނަށް ކަނޑައެޅިފައިވާ ޓާގެޓަށް ވާސިލްވިޔަނުދީ ބެޓިންގައި މައްސަލަތައް ކުރިމަތިކުރުވީ އޮސްޓްރޭލިއާގެ އުކުންތެރިޔާ، ސްޕެންސާ ޖޯންސަން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޖޯންސަން ފަސް ވިކެޓްނެގިއިރު، ދެން އެންމެ ރަނގަޅަށް އުކި އެޑަމް ޒަމްޕާ ދެ ވިކެޓްނެގިއެވެ. އެ ޓީމުގެ އަނެއް ވިކެޓްނެގީ ޒަވިއާ ބާޓްލެޓް އެވެ.

މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ޓީ20 އިންޓަރނޭޝަނަލް ތިންވަނަ މެޗު އޮންނާނީ މާދަމާ އެވެ.