ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓަކީ މިހާތަނަށް އެއް އަހަރު ދުވަހުގެތެރޭގައި ސީދާ ރައްޔިތުންނާ ގުޅުންހުރި އެންމެ ގިނަ ނިންމުންތައް ނިންމެވި ކެބިނެޓެވެ. ރައްޔިތުންގެ ހައްގުގައި، ފައިދާވާނެ އެތައް ނިންމުންތަކެއް ނިންމެވިއެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދުތައް ފުއްދެވުމަށް އެތައް ނިންމެވުންތަކެއް ނިންމާ ވަނީ ތަންފީޒްކުރަން ފަށްޓަވާފައެވެ.
މި ބަލާލަނީ ކެބިނެޓުން ނިންމެވި އެތައް ނިންމެވުންތަކުގެ ތެރެއިން ބައެއް މުހިންމު ކަންކަމަށެވެ.
ކެބިނެޓުން ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ސަރުކާރުގެ ހޮސްޕިޓަލްތަކުންނާއި ޞިއްޙީ މަރުކަޒުތައް މެދުވެރިކޮށް، އަދި އާސަންދަ ސްކީމުގައި ރަޖިސްޓަރ ވެފައިވާ އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން މެޑިކަލް ޗެކްއަޕް ހެދުމަށާއި، ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދާއިރު ހޮސްޕިޓަލް ބަދަލުކުރުމަށް އަތުން ކުރަންޖެހޭ ޚަރަދަށާއި، އިން ވިޓްރޯ ފަރޓިލައިޒޭޝަން (އައި.ވީ.އެފް.) ގެ ފަރުވާއަށް އާސަންދަ ދިނުމަށް ނިންމެވި ނިންމެވުމެވެ.
ކެބިނެޓުގެ މި ނިންމެވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަލިޖެހުމުގެ ކުރިން އެ ބަލިން ރައްކާތެރިކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ މައިގަނޑު އެއް ސިޔާސަތުކަމަށެވެ.
އައިވީއެފް ހެދުމަށް ހުޅުވާލި ފުރަތަމަ ބުރުގައި ހުށައެޅި 153 މީހުންގެ ތެރެއިން، ޝަރުތު ހަމަވެ 37 ދެމަފިރިއަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. މިއަހަރު 100 ދެމަފިރިއަކަށް އެހީދިނުމަށް ސަރުކާރުންވަނީ ނިންމަވާފައިވެއެވެ. އަދި އެކަމަށް އާސަންދަ މެދުވެރިކޮށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ.
އައިވީއެފްގެ ފަރުވާގެ ޚަރަދު އަމިއްލައަށް ކުރުމަށް ދަތިވާ ފާރްތަތަކަށް ދަޢުލަތުގެ އެހީއަށް އެދުމުގެ ފުރުޞަތުގެ ދެވަނަ ބުރަށް ހުޅުވާލި މުއްދަތު ހަމަވީ މިއަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުއެވެ. އެމުއްދަތުގައި ޖުމްލަ 215 މީހުން، އައިވީއެފް އެހީއަށް އެދުނުކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.
އެންސްޕާއިން މިހާރު މިވަނީ، ދެވަނަ ބެޗުގައި އެހީ ލިބޭ މީހުންގެ ލިސްޓު ނެރެފައެވެ. ދެވަނަ ބެޗުގައި އެހީ ދިނުމަށް 63 މީހުން ކަނޑައަޅާފައިވަނީ، މިއަހަރަށް ކަނޑައެޅި 100 މީހުންގެ އަދަދަށް ބަލައިގެންނެވެ.
ކެބިނެޓުގެ މި މުހިންމު ނިންމެވުމާއެކު ސަރުކާރަށް 1 އަހަރު ނުވަނީސް ވަނީ އެކަން ހަގީގަތަކަށް ހަދައި ދެއްވާފައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ވަނީ ނޭޝަނަލް ފަރޓިލިޓީ ސެންޓަރު ނުވަތަ ދަރިމައިވުމުގެ ސިއްޙަތުގެ ޤައުމީ މަރުކަޒު ޤާއިމްކޮށްފައެވެ. މިއާއެކު ރާއްޖޭގައި ތިބެގެން އެ ފަރުވާ ލިބޭނެ ނިޒާމު މިހާރު ވަނީ ޤާއިމްކޮށްފައެވެ. މިއީ އެތައް ޢާއިލާއަކަށް ލިބު ބޮޑު ފަސޭހައެކެވެ.
އަންހެނުންނަށް ދިމާވާ 'އެންޑޮމެޓްރިއޯސިސް' އަދި 'ޕީ.ސީ.އޯ.އެސް.' ފަދަ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އާއި ބޭސްތައް، ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމްއިން ލިބޭނެ އިންތިޒާމް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. މި ނިންމެވުން މިފަދައިން ނިންމަވާފައިވަނީ އަންހެނުންނަށް ދިމާވާ މިފަދަ ޞިއްޙީ މައްސަލަތަކުގެ ފަރުވާތަކަކީ މިހާރުވެސް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކެއް ނަމަވެސް، 'އިންފަރޓިލިޓީ' ޑައިގްނޯސިސް ހިމެނޭގޮތަށް މިފަދަ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދޭ ބައެއް ހާލަތްތަކުގައި ސްކީމްއިން މި ފަރުވާ 'ރިޖެކްޓް' ކުރަމުންދާ ދިއުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ.
އަދި މިކަން ތަންފީޒުކުރުމަށްޓަކައި، މި ބަލިތަކާގުޅޭގޮތުން ޞިއްޙީ ޚިދުމަތްތެރިން އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާއެކު މިކަމާ ގުޅޭ ފަރުވާގެ ނިޒާމު ސަރުކާރު ހޮސްޕިޓަލްތަކުގައި ހަރުދަނާކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ޚަރަދުގައި ފަގީރުން ޙައްޖަށް ފޮނުވުމަށްވެސް ނިންމަވާފައެވެ. ކެބިނެޓުގެ މި ނިންމެވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވާފައެވެ. މިއާއެކު ފުރަތަމަ އަހަރުގެ ތެރޭގައި ވަނީ 50 ފަގީރުން ޙައްޖަށް ފޮނުވާފައެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާއަށް މީހުން ޙައްޖަށް ގެންދިއުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވާ ގޮތަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއި ގުޅިގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ. ޙައްޖަށް ދިޔުމަށް މިވަގުތު ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6000 މީހުން ރަޖިސްޓްރީވެފައި ތިބިއިރު، މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައެވެ. އެހެންކަމުން އެފަރާތްތަކުގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޢާންމު ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި، ކޮންމެ އަހަރަކު ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ޙަވާލުކުރަންޖެހޭކަމުގައި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
ކޮންމެ ދުވަހަކުވެސް ޤައުމީ ސަލާމުން ސްކޫލުތަކުގެ ސެޝަން ފަށާގޮތަށް ނިންމެވީވެސް ކެބިނެޓުގެ ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މިކަމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުމެވެ. އަދި ޤައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމިއްޔަތު ދިރުވައި އާލާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުކަންވެސް ފާހަގަ ކުރައްވާފައެވެ.
ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ކެބިނެޓުގައި މަޝްވަރާކުރައްވައި ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންކަމުގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު އެސް.ޓީ.އޯ. މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ހަމަޖެއްސުން ހިމެނެއެވެ.
މީގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަމުންދިއުމަށް ނިންމަވާފައިވެއެވެ.
ހަމަ އެހެންމެ، ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ވަށާޖެހޭ ޙައްލެއްގެ ގޮތުން ތެލަސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުމަށްވެސް ނިންމަވާފައިވެއެވެ. ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އާސަންދައިގެ ދަށުން ޑީ.އެން.އޭ. ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ނިންމަވާފައެވެ. މި ޑީ.އެން.އޭ. ޓެސްޓަކީ ތެލަސީމިއާ ބަލި ވާރުތަކުރާ މީހުންކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ހެދޭ ޓެސްޓެކެވެ. މީގެ އިތުރުންވެސް ރާއްޖޭގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން އިތުރުކުރުމާއި ތެލަސީމިއާއަށް ޓެސްޓްކޮށް، ސްކްރީންކުރުން އިތުރަށް ހަރުދަނާކުރުމަށް ނިންމަވާފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ޤައުމުތަކެއް ނޫނެވެ. އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިންގ' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންކަން ފާހަގަ ކުރެވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެއެވެ. މި މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖެއްސަވާފައެވެ. އަދި، މި މަޝްރޫޢު ފެށުމާއެކު މަދުވެގެން ހަފުތާއަކު 2 ނުވަތަ 3 ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.
އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ.
ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ.
ދިވެހި ރައްޔިތުންނަށް ބޭރު ފައިސާ ލިބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅު ފުރިހަމަކުރުމުގެ ފުރަތަމަ މަރުޙަލާގެ ގޮތުގައި ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މިގޮތުން، ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު މަތިކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދައި، އެމްއެމްއޭގެ އިންޓަވެންޝަން ސިޔާސަތުގެ ތެރެއިން ބީއެމްއެލްއަށް ބޭރު ފައިސާ ފޯރުކޮށްދީގެން ބީއެމްއެލްއަށް މިކަން ތަންފީޒުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާފައިވެއެވެ.
މިއާއެކު މި ހިންގާ ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 1200 ޑޮލަރު ނެގޭނެ އިންތިޒާމު ހައްޖައްސާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދާ އެއްގޮތަށް ދިރާސީ އައު އަހަރު ފަށާދުވަސް އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމެވީ މިއަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު.
މިކަމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ކުއްލިއަކަށް އެބަދަލު ގެނައުމުގެ ބަދަލުގައި ތަޢުލީމީ ކަލަންޑަރަށް ގެނެވޭ ބައެއް އިސްލާޙްތަކާއެކު ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އެކަން ހާޞިލުކުރެވޭގޮތަށް ބަދަލުތައް ގެނައުމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެންބަރުމަހުގައި ލިބޭގޮތަށް އަދި 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ޖަނަވަރީ މަހު ފެށިގެންދާ ގޮތަށް މިބަދަލުތައް ގެންނަވާފައިވެއެވެ.
ދިވެހިރާއްޖޭގައި ތަރައްޤީގެ ސަރަހައްދުތަކާއި އަރބަން ސެންޓަރުތައް ކަނޑައެޅުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމަށްވެސް ނިންމެވިއެވެ. އެގޮތުން ވަކިވަކި އަރބަން ރީޖަންތަކާއި އަދި އަރބަން ސެންޓަރުތައް ކަނޑައެޅުއްވުމުގެ ކަންކަން، ހެއްކާއި ޑޭޓާ ބޭނުން ކޮށްގެން ތަފްސީލީ ސްޓަޑީ ހަދައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރިއަށްގެންދެވުމާއި، އަރބަން ޑިވެލޮޕްމަންޓް ރީޖަންއެއްގައި ހުންނަންވާ ސިފަތައް ނުވަތަ ކްރައިޓީރިއާތަކާއި ލެވަލްތައް ކަނޑައެޅުއްވުން ހިމެނެއެވެ. މީގެ ތެރޭގައި އަރބަން ސެންޓަރުތައް ޖުމްލަ 3 ދަރަޖައަކަށް ބަހާލުން ހިމެނެއެވެ.
ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމާއެކު، އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތަޢާރަފުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވިއެވެ. އެގޮތުން 'މެޑިވެކް' އާއި 'ސަރޗް އެންޑް ރެސްކިއު' ގެ ޚިދުމަތްތައް ލާޒިމުކޮށް، 2 އިންޖީނުލީ ހެލިކޮޕްޓަރ ބޭނުންކޮށްގެން، ހެލިކޮޕްޓަރ އޮޕަރޭޝަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ. އަދި މި ޚިދުމަތް ނޫން އެހެން އާންމު ދަތުރުތައް ކުރަންވާނީ ހުއްދަ ދީފައިވާ ހެލިޕޯޓަކުން ކަމުގައި އެމަނިކުފާނު ކަނޑައެޅުއްވިއެވެ.ންވާ އެކަން ކުރެވޭވަރުގެ މުސާރައިގެ އޮނިގަނޑެއް އެކުލަވައިލަންވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.
ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ކަންކަމުގެ ތެރޭގައި ބޭސް ގަތުމަށް 'ބަލްކް ޕްރޮކިއުމަންޓް ނިޒާމު' ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމެވުން ހިމެނެއެވެ.
އަދި މި ނިޒާމުގެ ތެރެއިން، ސަރުކާރުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހަވާލުކުރައްވާފައިވާ ކުންފުނިކަމުގައިވާ އެސް.ޓީ.އޯ. އިން، ޞިއްޙީ ޚިދުމަތްދޭ ހުރިހާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން މި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްވެސް ނިންމެވިއެވެ.
ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވަލުމުގެ މަސައްކަތްކުރުމަށް ނިންމެވިއެވެ.
ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މި މާސްޓަރ ޕްލޭން އެކުލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މިއާއެކު މި ހިންގަމުންދާ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕާއި އީ ސިނގިރެޓް އެތެރެކުރުން ވަނީ ޤާނޫނަކުން މަނާކޮށްފައެވެ. އަދި އަންނަ މަހުގެ 15އިގެ ފަހުން ވޭޕާއި އީސިނގިރެޓު ބޭނުންކުރުންވެސް މަނާވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މި ނިންމެވުންތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ނަފާއާއި ފައިދާ ކުރާނެ ނިންމެވުންތަކެވެ. ވުމާއެކު އަންނަ އަހަރު ވާނީ ރައްޔިތުންނަށް އިތުރަށް ފާގި އަހަރަކަށްކަމާމެދު ކުރާ އުންމީދު ބޮޑެވެ.