ޚަބަރު

ގައިންގަޔަށް ނާރާ ބަލިތައް އިތުރުވީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި ގުޅިގެން: މެޑަމް ސާޖިދާ


  • ފަޤީރު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އޮތް އިރު ޢާއްމުކޮށް ފެންނަނީ ގައިންގަޔަށް އަރާ ބަލިތައް

  • އެހެންނަމަވެސް ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓަށް އެރުމާއެކު ވަނީ ދިރިއުޅުމުގެ އާދަކާދައަށް ބޮޑެތި ބަދަލު ވަނީ އައިސްފައި

  • އެއާއެކު ގައިންގަޔަށް ނާރާ ބަލިތައް ވަނީ އިތުރުވެފައި

ފަޤީރު ޤައުމުތަކުގެ ލިސްޓުން އުނިވެ ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމާއެކު ދިރިއުޅުމަށް އައި ބޮޑެތި ބަލިތަކާއެކު ދިވެހީންގެ ތެރޭގައި ޢާއްމުންވަމުންދާ ބަލިތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހުގެ މުނާސަބަތުގައި މ.ދިއްގަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ކުރިން ރާއްޖޭގައި ޢާއްމުވެފައިވަނީ ގައިންގަޔަށް އަރާ ބަލިތައް ނަމަވެސް ފުދުންތެރިކަން އިތުރުވުމާ ގުޅިގެން ރާއްޖޭގައި ޢާއްމުވާ ބަލިތަކަކީ ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައް އިތުރުވުން ގުޅިފައި އޮތީ ރާއްޖޭގެ ފުދުންތެރިކަން އިތުރުވުމާ ގުޅިގެން ރައްޔިތުންގެ ދިރިއުޅުމުގެ އާދަކާދައަށް އައި ބަދަލާކަމަށެވެ. އެގޮތުން ފަޤީރު ޤައުމުތަކުގެ ލިސްޓުގައި އޮތްއިރު ދިވެހީންނަކީ ހެލިފެލިވެ އުޅެންޖެހޭ، ގިނަ މަސައްކަތްތަކެއް ކޮށްގެން ޢާމްދަނީ ހޯދައިގެން ކެއިން ބުއިން ވަރަށް މަދުކޮށް ދިރިއުޅެމުންދިޔަ ބައެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ތަރައްޤީވަމުންދާ ޤައުމުތަކުގެ ލިސްޓަށް ދިޔުމާއެކު ރައްޔިތުންގެ ދިރިއުޅުމަށް އައި ބޮޑު ބަދަލާއެކު އާދަކާދައަށްވެސް ބޮޑެތި ބަދަލުތަކެއް އައިކަން ފާހަގަކުރެއްވިއެވެ. މިގޮތުން ހެލިފެލިވެ އުޅުން މަދުވެ ފުދުންތެރިކަން އިތުރުވުމުން ކެއިން ބުއިން އިތުރުވެގެންދިޔަކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން މިއަދު މުޖުތަމަޢުން ފެންނަނީ ހެލިފެލިވެ އުޅުމާއި ދުރުހެލިވެފައިވާ ތަންކަމަށާއި އެކަން ބަދަލުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި މިއީ ހަމައެކަނި ރާއްޖެއަށް ދިމާވެފައިވާ ޙާލަތެއް ނޫންކަމަށާއި މިއީ ދުނިޔޭގައި ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ ޤައުމުތަކުން ފެންނަ މަންޒަރެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ބަލިތައް އިތުރުވުން މިއީ ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން. އަޅުގަނޑުމެންނަށް ފެންނާނެ ކުރިން ދިވެހީންގެ ތެރޭގައި ޢާއްމުވެފައިވަނީ ގައިންގަޔަށް އަރާ ބަލިތައް. އެހެންނަމަވެސް މިހާރު ފެންނަނީ ގައިންގަޔަށް ނާރާ ކެންސަރާއި ހަކުރުބަލި ފަދަ ބަލިތައް." ސާޖިދާ ވިދާޅުވިއެވެ.

ހަކުރު ބައްޔަކީ ކޮންޓްރޯލްކުރެވޭނެ ބައްޔެއްކަމަށާއި ދިރިއުޅުމުގެ އާދަކާދައަށް ރަނގަޅު ބަދަލުތައް ގެނެސްގެން ބަލީގެ ނުރައްކާ ކުޑަކުރެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ވަނީ ޑައިބެޓިސް ސޮސައިޓީން ކުރަމުންދާ މަސައްކަތްތަކާއި ދިއްގަރު ކައުންސިލާއި ސިއްޙީ ޚިދުމަތްތެރިން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ.