ހަކުރު ބައްޔަށް ހުށައެޅުމުގެ ފުރުޞަތު ބޮޑު މީހުންނަށް އަމާޒުކޮށްގެން މ. ދިއްގަރުގައި ކުރިއަށް ގެންދިޔުމަށް ނިންމަފައިވާ "ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް" އިފްތިތާހްކޮށްފިއެވެ.
މި ޕްރޮގްރާމް ދިއްގަރުގައި އިފްތިތާޙްކޮށްދެއްވީ ބައިނަލްއަޤްވާމީ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށްޓަކައި އެރަށުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މިއީ ދިއްގަރުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 1 އަހަރުދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
"ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް" އިފްތިތާޙްކުރުމުގެ ކުރިން ދިއްގަރުގައި ވަނީ ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގެ ތެރެއިން ދިއްގަރުގައި ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ނުގެނެސްފިނަމަ ހަކުރު ބަލި ޖެހުމުގެ ފުރުޞަތު %73 މީހުންނަށް އެ ޕްރޮގްރާމުން ފާހަގަވެފައިވެއެވެ.
ބައިނަލްއަޤްވާމީ ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްގެ ސީއީއޯ އައިޝަތު ޝިރުހާނާ ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން ހަކުރު ބައްޔާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުން މަދު ކުރުމަށް ފިޔަވަޅުތަކެއް އެޅޭނެކަމަށެވެ. ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ދިނުމުގައި ސަރުކާރުން ބޮޑު ޚަރަދެއް ކުރަމުންގެންދާކަން ފާހަގަކުރައްވާ ޝިރުހާނާ ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ބަލި ޖެހުމުގެ ކުރިން އެކަމަށް ރައްކާތެރިވެއްޖެނަމަ ކުރަންޖެހޭ ޚަރަދުވެސް ކުޑަވާނެކަމަށެވެ.
"ބަލިޖެހުމުގެ ކުރިން ރައްކާތެރިވުމުން ޚަރަދުކުރަންޖެހޭ މިންވަރު ކުޑަވާނެ. އަޅުގަނޑުމެން މި އަންނަނީ ހަކުރު ބަލީގެމީހުންނަށް ހިލޭ ސިއްޙީ ފަރުވާދިނުމަށާއި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން. ހަކުރު ބަލީގެ މީހުންނަށް އެހީތެރިވުމުގެ އިތުރުން މުޖުތަމައުގައި މިކަމާ ގުޅޭ ހޭޅުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން." ޑައިބިޓިކް ސޮސައިޓީގެ ސީއީއޯ އައިޝަތު ޝިރުހާނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމް ދިއްގަރުގައި ފަށާފައިވާއިރު އެ ސޮސައިޓީގެ އަމާޒަކީ ރައްޖޭގެ އެކި ސަރަޙައްދުތަކުގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމެވެ. ދިއްގަރުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއާއި ދިއްގަރު ކައުންސިލް އަދި ސިއްޙީ މަރުކަޒު ގުޅިގެންނެވެ.
މީގެ އިތުރުން މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި ކުޅިވަރާ ބެހޭ ވުޒާރާއާއި ޒުވާނުން ބާރުވެރިކުރުމާ ބެހޭ ވުޒާރާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި ވަނީ ލައިފްސްޓައިލް ކޯޗުން ތަކެއް ތަމްރީންވެސް ކޮށްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ކެއުންބުއިމުގެ ވައްޓަފާޅި ހުންނަންވީ ގޮތާއި ހެލިފެލިވެ އުޅުމަށް ކުރަންވީ ކަސްރަތުތައްވެސް ކިޔައިދިނުމަށް ހަމަޖެހިފައިވެއެވެ.