ޗައިނާގެ ދެކުނު ގުއަންގދޮންގ ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ޖޫހާއީގައި ކާރަކުން ޖައްސައި 35 މީހުން މަރައިލައިފިއެވެ. މިއީ، ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ ޢާންމުންގެ ބަޔަކަށް އަމާޒުކޮށް ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާއެވެ. މި ޙަމަލާގައި 43 މީހުން ޒަޚަމުވިއެވެ. ކާރަކުން ޖައްސާފައި ވަނީ، ކުޅިވަރު ކުޅޭ މަރުކަޒެއް ކައިރީގައި ތިބި ބަޔެއްގެ ގައިގައެވެ.
ޗައިނާގެ ފުލުހުން ބުނީ، ޢާންމުންގެ ބަޔެއްގެ ގައިގައި ކާރުން ޖައްސާފައި ވަނީ ފިރިހެނެއް ކަމަށާއި، އޭނާ އެ އަމަލު ހިންގާފައި ވަނީ ވަރީގެ މައްސަލައެއްގައި އޭނާއާ ދެކޮޅަށް ކޯޓުން ކުރި ޙުކުމާ މެދު ހިތްހަމަނުޖެހިގެން ކަމުގައެވެ. ޖޫހާއީއަކީ 2.5 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. މި ޙަމަލާގެ މަޢުލޫމާތު ހާމަކުރަން ޗައިނާގެ އިދާރާތަކުން ލަސްކުރުމާ ގުޅިގެން ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
ގުއަންގދޮންގ ޕުރޮވިންސުގެ ގަވަރުނަރު ވޮންގ ވައިޒޮންގ ވަނީ ޖޫހާއީ ޕީޕަލްސް ހަސްފަތާލަށް ވަޑައިގަންނަވައި، ކާރުން ޖެއްސުމާ ގުޅިގެން އަނިޔާ ލިބުނު މީހުންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ހާލު ބައްލަވައިލައްވާފައެވެ. އަދި، އެ މީހުންނަށް އެންމެ ފުރިހަމަ ޞިއްޙީ ފަރުވާ ދިނުމަށް ހަސްފަތާލުގެ އޮފިޝަލުންނަށް އިރުޝާދު ދެއްވާފައެވެ.
ޖޫހާއީގައި ކާރަކުން ޖައްސައި ނުރައްކާތެރި ޙަމަލާއެއް ދީފައި މި ވަނީ، ޗައިނާގެ ވައިގެ އުދުހުންތަކުގެ ސިނާއަތުގެ އެންމެ ބޮޑު އެގްޒިބިޝަން އެ ރަށުގައި ބާއްވާފައިވާ ދަނޑިވަޅެއްގައެވެ. ޗައިނާގެ އަސްކަރީ އަދި މަދަނީ ދާއިރާގެ މަތިންދާބޯޓުތައް ދައްކައިލާފައިވާ އެ އެގްޒިބިޝަނަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި، އެ ރަށަށް މީޑިޔާގެ ސަމާލުކަން ހުއްޓުނެވެ. ނަމަވެސް، ފުލުހުން ބުނީ، ކާރުން ޖައްސައި ދިން ޙަމަލާއާއި އެގްޒިބިޝަނާ އެއްވެސް ގުޅުމެއް އޮތް ކަމަށް ނުބެލެވޭ ކަމުގައެވެ.
މިއީ، ޖޫހާއީގައި ދީފައިވާ މި ފަދަ ފުރަތަމަ ޙަމަލާއެއް ނޫނެވެ. 2008ވަނަ އަހަރު އެ ރަށުގައި ވައިގެ އުދުުހުންތަކާ ބެހޭ އެގްޒިބިޝަނެއް ކުރިއަށް ދިޔަ ވަގުތާ ދިމާކޮށް ބޮޑު ލޮރީއަކުން ޖައްސައި ޢާންމުންގެ ހަތަރު މީހުން މަރައިލާފައިވެއެވެ. ސްކޫލެއްގެ ގޯތިތެރޭގައި ތިބި ބަޔެއްގެ ގައިގައި ލޮރީން ޖައްސައިގެން ދިން ޙަމަލާތަކުގައި އިތުރު 20 މީހުން ޒަޚަމުވިއެވެ. ލޮރީ ދުއްވަންއިން މީހާ، އެ އަމަލު ހިންގާފައި ވަނީ، ޓްރެފިކް މައްސަލައެއްގައި ހިތްހަމަނުޖެހިގެން ކަމުގައި ފުލުހުން ހާމަކުރިއެވެ.