ޚަބަރު

ކޯވިޑުގައި ހިލޭ އެހީގެ ގޮތުގައި ދިން 4 ބިލިޔަން ރުފިޔާއަށް ވީގޮތެއް ނޭނގެ: ވަޒީރު ސަޢީދު


  • ކޯވިޑުގައި ޤައުމުތަކުން 8.7 ބިލިއަން ރުފިޔާ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދީފައިވޭ

މިދިޔަ ސަރުކާރުގައި ކޯވިޑް-19އާ ގުޅިގެން ބޭރުގެ އެކި ބޭންކުތަކުންނާއި ޤައުމުތަކާއި ޖަމާއަތްތަކުން ހިލޭ އެހީގެ ގޮތުގައި ދިން ފައިސާއިން 4 ބިލިޔަން ރުފިޔާއަށް ވީގޮތެއް ނޭނގޭކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ "ހަފްތާ52"ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އެކުވެރި ދައުލަތްތަކުންނާއި ބޭރުގެ އެހީދޭ އެކި ފަރާތްތަކުން ކޯވިޑާ ގުޅިގެން ރާއްޖޭގެ ހާލަތު މެނޭޖު ކުރުމަށް ހިލޭ އެހީގެ ގޮތުގައި 565 މިލިޔަން ޑޮލަރު ނުވަތަ 8.7 ބިލިޔަން ރުފިޔާގެ ހިލޭ އެހީ ދިން ކަމަށެވެ.

މިދިޔަ ސަރުކާރުގެ އެކްސްޕެންޑިޗަރ ރިޕޯޓްތަކުން ދައްކާގޮތުގައި 4.2 ބިލިޔަން ރުފިޔާ ކޯވިޑާއި ގުޅިގެން ހޭދަކޮށްފައިވާކަމަށް ދައްކާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އަނެއް 4 ބިލިޔަން ރުފިޔާއަށް ވީނުވީއެއް ނޭނގޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސުވާލަކީ ކޮބާހޭ ކޯވިޑަށް ލިބުނު އަނެއް 4 ބިލިޔަން ރުފިޔާ. އެ ފައިސާއަށް ވީ ގޮތާއި ކޮންބައެއްގެ އެކައުންޓްތަކަކަށްތޯ، އެ ފައިސާ ދިޔައީ ނުބެލޭކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެންދާތަން މާޒީގައި ފެނިފައި އޮތީ. ދައުލަތުން ވައްކަން ކޮށްފިކަމަށްވާނަމަ އެކަން ބެލޭނެ ޖާގަ މިއަދު އެބައޮތް" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ކޯވިޑާ ބެހޭ އޮޑިޓެއް ސަރުކާރުން ހަދަމުންދާ ކަމަށާއި އެ އޮޑިޓް ނިމުމުން ވީ ޚިޔާނާތުގެ ތަފްޞީލު އެނގިގެންދާނެކަމަށެވެ.

ވަޒީރު ސަޢީދު ވަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ނުރައްކާތެރި އިޤްތިސާދީ ހާލަތަކުން އަރައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތަކަށް ވަޒީރު ވަނި ތައުރީފު ކުރައްވާފައެވެ.

އަންނަ އަހަރު ރާއްޖޭގައި ވަރަށް ހަރަކާތްތެރި އިޤްތިޞާދެއް އޮންނާނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.