އިޓަލީގެ ޓިއުރިންގައި މިހާރު ކުރިއަށްދާ އޭޓީޕީ ޓުއަރ ފައިނަލްސްގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާ އާއި އެމެރިކާގެ ޓޭލާ ފްރިޓްޒް ބައްދަލުކުރި މެޗު ސިނާ ކާމިޔާބުކޮށްފި އެވެ.
އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ސިނާ ކުޅުނު މި މެޗު ފޯރިގަދަ ކުޅުމަކަށްފަހު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ. އުމުރުން 23 އަހަރުގެ ސިނާ ވަނީ މިދިޔަ ސެޕްޓެމްބަރ މަހު ކުޅުނު ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައިވެސް ފްރިޓްޒް ބަލިކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ވެސް ކާމިޔާބު ކޮށްފައިވާ ސިނާ ވަނީ މި މުބާރާތުގެ އެއް ބުރު އަދު ކުރިއަށް އޮތް އިރު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕް ތާވަލުގެ އެއްވަނަ ހޯދާފަ އެވެ.
ސިނާ ވަނީ މި އަހަރުގެ ތެރޭގައި އޭނާ ކުޅުނު 73 މެޗުގެ ތެރެއިން 67 މެޗުން މޮޅުވެފަ އެވެ.
ކުޅިވަރުގައި މަނާ ބޭސް ބޭނުންކުރި ކަމަށް ޕޮޒިޓިވްވެ ޕްރޮވިޝަނަލް ސަސްޕެންޝަނެއްގައި ހުރި ނަމަވެސް އޭނާ ވަނީ ހުރިހާ މުބާރާތެއްގައި ވާދަކޮށްފަ އެވެ. އަދި ފަހުން އޭނާ އެކަމުގައި ގޯހެއް ހަދާފައިނުވާ ކަމަށް ނިންމުމާއި ގުޅިގެން ބައެއް ޓެނިސް ކުޅުންތެރިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ހުރިހާ ފަރާތްތަކާއިމެދު ހަމަހަމަ އުސޫލަކުން ކަންތައްތައް ކުރުމަށް ޖޯކޮވިޗް ވަނީ ގޮވާލާފަ އެވެ.
މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހަތަރުވަނަ އަށް ސީޑުކޮށްފައިވާ ޑެނީލް މެޑްވެޑޭވް ވަނީ އެލެކްސް ޑެމިނޯ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ހައެއް ދޭއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
މި މުބާރާތުގައި މެޑްވެޑޭވް ވަނީ ސިނާ އާއި ދެކޮޅަށް ކުޅުނު މެޗުން މިދިޔަ އާދީއްތަ ދުވަހު ބަލިވެފަ އެވެ.