މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ޢަބޫބަކުރެވެ. ބިލު ހުށަހެޅުއްވި ސަބަބެއްކަމަށް ބަޔާންކުރައްވާފައިވަނީ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ކަނޑައަޅައި، ބްރޯޑްކާސްޓިން ދާއިރާވެސް ހިމެނޭހެން މީޑިއާގެ ކަންކަން ތަންފީޒުކުރުމަށް ވަކި މުއައްސަސާއެއް ހެދުމެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނުގެ ނަމުގައި މަޖިލީހަށް ހުށަހަޅުއްވާފައިވާ މި ބިލުގައިވާގޮތުން ބިލު ޤާނޫނަކަށްވުމުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. އެ ކޮމިޝަން ވެގެންދާނީ މިނިވަން ޤާނޫނީ ޝަހުސަކަށް ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އެކޮމިޝަނުން މީޑިއާގެ މިނިވަންކަން އެންމެ ފުޅާދާއިރާއެއްގައި ކުރިއަރުވައި ތަރައްގީކުރަންޖެހޭއިރު ޒިންމާދާރުކަމާއެކު ހަރަކާތްތެރިވާ މީޑިއާތައް ރާއްޖޭގައި ޤާއިމުކުރަން ޖެހޭނެއެވެ.
މި ބިލު ޤާނޫނަކަށްވުމާއެކު މިހާރު ހިންގަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެއެވެ. އަދި އެ ދެ ކޮމިޝަނުގެ މިހާރުގެ މަސްއޫލިއްޔަތުތަކާއި އިމާރާތްތަކާއި ބިމާއި މުދަލާއި ފައިސާ އާއި ވަސީލަތްތައް އަދި މުވައްޒަފުން އަލަށް އުފެދިގެންދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ބަދަލުވާނެއެވެ.
އަލަށް އުފެދިގެންދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި 7 މެންބަރުން ތިއްބަވާނެއެވެ. އޭގެތެރެއިން 4 މެންބަރުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާއިރު 3 މެންބަރުން އިންތިޚާބު ކުރާނީ މީޑިއާތަކުންނެވެ. ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މި ކޮމިޝަނަށް މެންބަރުން އައްޔަންކުރައްވާނީ 5 އަހަރުގެ ދައުރަކަށެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދިގެން އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން ކޮމިޝަން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.