މިފްކޯގެ ފަސްމީރު އުފެއްދުންތައް ވިއްކައިގެން މިދިޔަ އަހަރު 322 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މިފްކޯގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓުން ދައްކާގޮތުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %35 އިތުރު އަދަދެކެވެ.
މިފްކޯގެ މާލީ ރިޕޯޓުން ދައްކާގޮތުން 2023 ވަނަ އަހަރު ފަސްމީރު އުފެއްދުންތައް ވިއްކައިގެން އެ ކުންފުންޏަށް 322 މިލިޔަން ރުފިޔާ ލިބިފައިވާއިރު އޭގެ ކުރީ އަހަރު މި އަދަދު އުޅުނީ 258 މިލިޔަނުގައެވެ.
ދަޅުމަސް އަދި ޕައުޗްގައި ބަންދުކުރި މަސް ވިކުނު އަދަދުވެސް މިދިޔަ އަހަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި އުފެއްދުންތައް ވިއްކައިގެން މިފްކޯއަށް 287 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. 2022 ވަނަ އަހަރު މި އަދަދު ހުރީ 229 މިލިޔަންގައެވެ.
މިފްކޯގެ ފަސްމީރު ބްރޭންޑްގެ ދަށުން ވިއްކާ އުފެއްދުންތަކަކީ އާންމުންގެ މެދުގައި ވަރަށް މަޤްބޫލު އުފެއްދުންތަކެކެވެ. އެގޮތުން ވަޅޯމަސް ވިއްކައިގެން މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 24 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. 2022 ވަނަ އަހަރު މި އަދަދު އުޅުނީ 17 މިލިޔަންގައެވެ.
ގަނޑުކުރި ކަންނެލި ވިއްކައިގެން މިދިޔަ އަހަރު އެ ކުންފުންޏަށް 10.5 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. 2022 ވަނަ އަހަރު މި އަދަދު ހުރީ 8.14 މިލިޔަންގައެވެ.
މިދިޔަ އަހަރު ރާއްޖޭން އެކްސްޕޯޓްކުރި މަހުގެ އަދަދުވެސް ވަނީ 2022 ވަނަ އަހަރާއި އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން ގަނޑުކުރި ކަންނެލި، ދަޅުގައި އަދި ޕައުޗްގައި ބަންދުކުރި މަސް މީގެއިތުރުން ފިޝްމީލްގެ ގޮތުގައި އެކްސްޕޯޓްކުރި މަހުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.
މި ސަރުކާރުން އަމާޒު ހިފާފައިވަނީ މިފްކޯއަށް ލިބޭ މަހުގެ ބޮޑު އިންސައްތައެއް އަގު އެއްކުރި މަހުގެ ގޮތުގައި ރާއްޖޭން ބޭރަށް އެކްސްޕޯޓްކުރުމަށެވެ. އެއިރުން އާމްދަނީ 2 ގުނައަށް އިތުރުވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.