ޚަބަރު

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތައް ހުއްޓުވުމަށް ޤާބިލުކަން އިތުރުކުރަންޖެހޭ: ވަޒީރު އިޙްސާން


  • ވަޒީރު ވިދާޅުވީ ސައިބަރ ސްޕޭސްގައި ހިންގާ ކުށްތަކުގައި ލިބޭ ގެއްލުން އަހަރުން އަހަރަށް އިތުރުވަމުންދާކަމަށް

  • އެކްސްޕޯއަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ފަރާތްތަކުން މިމައްސަލައަށް ޙައްލެއް ގެނައުމަށް ނެޓްވޯކް ޤާއިމުކުރުމަށް މުހިއްމުކަމެއް

އިންޓަނެޓް ނުވަތަ ސައިބަރ ސްޕޭސް މެނޭޖްކޮށް، ސައިބަރ ކުށްތައް ހުއްޓުވުމަށް އެ ދާއިރާއިން ޤާބިލުކަން އިތުރުކުރަންޖެހޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއިބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސައިބަރ އެކްސްޕޯ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސައިބަރ އެކްސްޕޯ އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މުޅި ދުނިޔެއަށް ބަލާއިރުވެސް، ސައިބަރ ސެކިއުރިޓީއަށް ހުރަސްއެޅި އިންޓަރނެޓް މެދުވެރިކޮށް ކުށްކުރާ މީހުންގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ. އަދި މިއާއެކު ލިބެމުންދާ މާލީ ގެއްލުން އެތައް ޓްރިލިއަން ޑޮލަރަށް އަރާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގައިވެސް ސައިބަރ ކުށްތަކުގެ ނުރައްކާ އޮތްއިރު، އެކަމުގެ ނުރައްކަލުން ރައްކާތެރިވުމުގެ ޤާބިލުކަން އިތުރުކުރަންޖެހޭކަމަށެވެ. އަދި އެކަމަށް އިންވެސްޓްކުރާ ވިޔަފާރިތައް އިތުރުކުރަންޖެހޭކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ އެންމަވަޔަރަމަންޓް ޙިމާޔަތްކުރުމަކީ ހަމައެކަނި ވަކި އިދާރާއެއްގެ ނުވަތަ ކުންފުންޏެއްގެ ޒިންމާއެއްގެ ތެރޭގައި ހިމެނޭކަމެއް ނޫން. އޭގެ އިތުރަށް އެއީ ޤައުމީ ފެންވަރުގައި މުޅި ސައިބަރ ސްޕޭސް މެނޭޖްކޮށް، ސައިބަރ ސްޕޭސް މެދުވެރިކޮށް އަންނަމުންދާ ނުރައްކަލަށް އަޅުގަނޑުމެންގެ ޑިފެންސް ޤާއިމުކޮށް އެކަމަށް ޤާބިލުވާންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވީ، ރާއްޖޭގައި އިންޓަރނެޓު މެދުވެރިކޮށް ކުރާ ކުށްތަކުގެ ނިސްބަތް އިތުރުވަމުންދާކަމަށެވެ. ރައްޔިތުންނަށް އިޔާދަނުކުރެވޭ ބޮޑެތި ގެއްލުން މީގެ ސަބަބުން ވަމުންދާކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ މިދާއިރާ ހަރުދަނާކުރުމަށް ހުރިހާ މުއައްސަސާއެއް ގުޅިގެން މިއަދު މަސައްކަތް ކުރަން ޖެހިފައިވާކަމަށެވެ.

"މިއީ ފަންނުވެރިން މަދު ދާއިރާއެއްކަމުން މިދާއިރާއިން މީހުން ބިނާކުރަން ޖެހޭ. އަދި ސައިބަރ ސެކިއުރިޓީގެ ޤާނޫނުތަކަށް ރައްޔިތުން ހޭލުންތެރިކުރަންޖެހޭ." ސީޕީ ޝުޖާއު ވިދާޅުވިއެވެ.

ސައިބަރ އެކްސްޕޯއަކީ ސައިބަރ ސްޕޭސްގެ ތެރޭގައި ހިންގަމުންދާ ކުށްތަކާއި އަދި އެކުށްތަކުން ރައްކާތެރިވުމަށް އީޖާދުކުރަމުންދާ އައު އުފެއްދުންތަކާއި ދައްކާލުމަށް ދާއިރާގެ ތަޖުރިބާކާރުންނާއި ކަމާއި ގުޅުންހުރި މުވައްސަސާތައް ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މިއެކްސްޕޯގެ ތެރެއިން އިންޓަރނެޓު މެދުވެރިކޮށް ކުރާ ކުށްތައް ހުއްޓުވުމަށް ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ޚާއްސަ ޗެލެންޖެއް ފަރުމާކޮށްފައިވާއިރު މިޗެލެންޖް ފުރިހަމަކުރާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ހަމަޖެހިފައިވާކަމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.