ޚަބަރު

އޮކްޓޫބަރުމަހު މީރާއަށް 1.73 ބިލިޔަން ރުފިޔާ، އަންދާޒާއަށްވުރެ %30.5 އިތުރު


  • މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %14.2 ދަށް އަދަދެއް

  • އޮކްޓޫބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީން

މިދިޔަ އޮކްޓޫބަރު މަހު މީރާއަށް 1.73 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %14.2 ދަށް އަދަދެކެވެ. އަދި، އޮކްޓޫބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %30.5 ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮކްޓޫބަރު 2023 ގައި ލިބުނު އާމްދަނީ އާއި އަޅާބަލާއިރު އޮކްޓޫބަރު 2024 ގައި ބަލައިގަތް އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ، ސެޕްޓެންބަރު 2023ގެ ޖީ.އެސް.ޓީއާއި އެއަރޕޯޓު ޓެކުހާއި ފީ އަދި ގްރީން ޓެކުހުގެ އިތުރުން 2023 ގެ 4 ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ ދެއްކުމުގެ ސުންގަޑި، ސަރުކާރު ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން، އޮކްޓޫބަރު 2023ގައި ފަސްކުރުމެވެ. ނަމަވެސް، މިފަދަ ބަދަލެއް 2024 ގައި ގެނެވިފައިނުވާތީ، މިއީވެސް އޮކްޓޫބަރު 2024 ގައި ބަލައިގަތް އާމްދަނީ ދަށްވި ސަބަބެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އޮކްޓޫބަރު 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޖީ.އެސް.ޓީ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމާއި، އޮކްޓޫބަރު މަހު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ ގެ އާމްދަނީ މި މުއްދަތުގައި ލިބިފައިވުމާއި، ގްރީން ޓެކްސް، އެކްސްޕެޓް ކޯޓާ ފީ އަދި އެއަރޕޯޓް ޓެކްސް އެންޑް ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް މީރާއިން ހާމަކުރެއެވެ. މީގެ އިތުރުން، ސެޕްޓެންބަރު 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ %2.1 އަށް އިތުރުވުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އަކީ ސަރުކާރުން ރަށެއް ކުއްޔަށް ދިނުމުން ދައްކާ ފީއަކަށް ވުމާއެކު މިއީ އަންދާޒާ ކުރެވޭ އާމްދަނީއެއް ނޫނެވެ. އޮކްޓޫބަރު 2024 ގައި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ ބަލައިގަނެފައިވާތީ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ބަލައިގަތް ޖުމުލަ އާމްދަނީ އިތުރުވެފައިވާކަމަށްވެސް މީރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، ނުލިބިހުރި ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވޭތުވެދިޔަ ސުންގަޑިތަކަށް ޖީއެސްޓީގެ އާމްދަނީ ލިބިފައިވުމަކީވެސް، އޮކްޓޫބަރު 2024 ގައި މީރާއަށް ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.

އޮކްޓޫބަރު 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ %63.1 ނުވަތަ 1.09 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ %6.7 ނުވަތަ 115.54 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ ގެ ގޮތުގައި 94.71 މިލިއަން ރުފިޔާ (%5.5)، ގްރީން ޓެކުހުގެ ގޮތުގައި 77.06 މިލިއަން ރުފިޔާ (%4.4)، އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 75.82 މިލިއަން ރުފިޔާ (%4.4)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 275.72 މިލިއަން ރުފިޔާ (%15.9) ލިބިފައިވެއެވެ.

އޮކްޓޫބަރު 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.27 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.