ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ދަށުން އަންނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ 695 މަޝްރޫޢުއަކަށް 12.4 ބިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނައިފިއެވެ. ޕީއެސްއައިޕީ ބަޖެޓުން އަންނަ އަހަރު އެންމެ ބޮޑުބައެއް ޚާއްސަކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި 695 މަޝްރޫޢުއަކަށް 12.3 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި މިހާރު ހިނގަމުންދާ 396 މަޝްރޫޢުއަކަށް 7.6 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި މީގެ ކުރިން ބަޖެޓުގައި ހިމަނާފައި އޮތްނަމަވެސް އަމަލީ މަސައްކަތްތައް ފަށާފައިވާނުވާ 62 މަޝްރޫޢުއަކަށް 1.6 ބިލިޔަން ރުފިޔާވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ޚަރަދުތައް ބައްޓަންކުރަނީ ސަރުކާރުގެ މެނިފެސްޓޯގައިވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ޖާގަދިނުމާއެކު ރާއްޖޭގައި ހުރި ބޯހިޔާވަހިކަމުގެ މައްސަލަތައް މިދައުރުގެ ތެރޭގައި ހައްލުކުރުމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މުޅި ޕީއެސްއައިޕީ ބަޖެޓުގެ ޖުމުލަ %14.6 ވަނީ ހިމަނާފައެވެ. އެގޮތުން ގެދޮރު އިމާރާތްކުރުމައި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ޚިދުމަތުގެ ގޮތުގައި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި ބަޖެޓުގައި 6.1 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ބަޖެޓުގައި ދެން އެންމެ ގިނަ ޢަދަދެއް ހިމަނާފައިވަނީ ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށެވެ. އެގޮތުން ތައުލީމީ ދާއިރާގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި 6.1 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ސިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް 8.2 ބިލިޔަން ރުފިޔާ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް 2.3 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު އިޖުތިމާޢީ އަދި ދީނީ ޚިދުމަތްތަކަށް 1.1 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި އިޖުތިމާޢީ ރައްކަތެރިކަމުގެ މަޝްރޫއުތަކަށް 3.9 ބިލިޔަން ރުފިޔާވެސް އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައިވެއެވެ.