2022 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ދެއްވި ތަޤުރީރުގައި ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ އެމަނިކުފާނުގެ ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހުކަމަށެވެ.
ތެދެކެވެ. ވެރިކަން ނިމެން އެންމެ ރެޔަކަށް ވެފައިވަނިކޮށް ގޯތީގެ ފަތް ހަވާލުކުރިއެވެ. ނަމަވެސް ގޯތި ވީތަން ރައްޔިތު މީހާއަކަށް ނޭންގުނެވެ. މަދު މީސްކޮޅެއް ހުޅުމާލެ އަދި ގުޅިފަޅަށް ގެންގޮސް، އެމީހުންގެ ގޯތިކަމަށްބުނެ ރޯނު ދަމާ އިން ވަކިކޮށްދިނެވެ. ގުޅީފަޅަށް ގެންދިޔައީ ވިއްސަކަށް މީހުންނެވެ. ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށްވީގޮތެއް ނޭންގެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1300 އަށްވުރެ ގިނަ ގޯތި ދޫކުރުމަށް ނިންމިއެވެ. ނަމަވެސް ބިން ކަނޑާ ދެވުނީ 11 ވަރަކަށް ގޯއްޗެވެ.
ވަޢުދުވެވަޑައިގަތީ ވެރިކަމުން ފައިބާވަޑައިގަންނަވާނީ ބިންވެރިޔާ ސްކީމްގައި ހުޅުމާލެއިން ދޫކުރަން ނިންމި 1351 ގޯތި، ގުޅީފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން ދޫކުރަން ނިންމި 5432 ގޯތީ ހަވާލުކޮށް ނިންމުމަށްފަހުގައިކަމަށް ސަރުކާރުން ރައްޔިތުންނަށް އަންގަމުންދިޔައެވެ. ނަމަވެސް ކަންވީ އެހެނަކުން ނޫންނެވެ. ނުހިއްކާ އޮތް ބިންތަކާއި ކަނޑުފަޅުން ގޯތި ދިނުމުގެ ނަތީޖާއަކަށްވީ ރައްޔިތުން އިތުރު ހާސްކަމަކަށް ވެއްޓުމެވެ. މިއީ ބިމާބެހޭ ޤާނޫނުވެސް ތަންދޭ ކަމެއް ނޫންނެވެ.
އައު ސަރުކާރުން ހަވާލުވެ އެންމެ އިސްކަން ދެއްވީ، ގޯތިތަކާއި ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް ދެން ކުރިމަތިވި މައްސަލައަކީ ހުޅުމާލެއިން ގޯތި މިންއަޅާފައިވާ ގޮތެވެ. ބަރިއަކަށް ގޯތި އަތުރާލާފައިވާތަން ޗާޓުން ފެންނައިރު، އެތަންތަން ހަވާލުކޮށްފައިވަނީ އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ ބިންތައްވެސް ނެތިއެވެ.
އަދި މިހާރުވެސް ހަދާ ނިމިފައިވާ މަގުތަކަށް އަރާގޮތަށާއި ޔުޓިލިޓީ ވިއުގަތަކަށް އަރާގޮތަށް އަދި ޢުމްރާނީ މަސައްކަތް ކުރާ ބޮޑެތި ސައިޓުތަކުންވެސް ގޯތި ވަނީ ދޫކޮށްފައެވެ. އައު ސަރުކާރު ހަވާލުވެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ގޯތީގެ އިން ކަނޑައެޅުމާއި އަދި ބިއްތަން ސާފުކޮށް ހަވާލުކުރުމުގެ މަސައްކަތެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރާ ހުރިހާ ބިންތައް މިދިޔަ މަހުގެ ތެރޭގައި ވަނީ ދޫކޮށް ނިމިފައެވެ.
ހުޅޫމާލެއިން ގޯތި ދޫކުރަން އޭރު ކަނޑައެޅީ ހިއްކާފައި އޮތް ބިމަށްވެސް ނުކަތާވަރަށެވެ. 2023 ވަނަ އަހަރުގެ އޮސްޓްމަހު ދެން ފެށީ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ނަމުގައި ބިން ހިއްކާށެވެ. އެ މަސައްކަތްވެސް ފެށީ ސަރުކާރު ނިމުގެ ކުރިން ނިންމާ، އެތަނުން ބިން ދޭނެކަމަށް ބުނަމުންނެވެ.
ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއާއެވެ. މީގެންވެސް ފެންމަތިވީ ރައްޔިތުންނަށް ގެއްލުންވާގޮތަށް ހަދާފައިވާ އެއްބަސްވުންތަކެވެ. ހިއްކަން ނިންމި 96 ހެކްޓަރުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ފޭސް 3 އިން ހިއްކަން ދިން 62 ހެކްޓަރާ، ދިޔަނަރު ފަޅުން ހިއްކަން ހަވާލުކުރި 24.6 ހެކްޓަރުގެ ބިން އަދި ތިލަފުށި އޭރިއާ ޑީއިން ހިއްކާ 9.6 ހެކްޓަރެވެ.
ލައްކާގެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ހިއްކާބިމުން ބޮޑުބައެއް ގެއްލޭގޮތަށް އަދި ރާއްޖެއިން އެ މަސައްކަތަށް މިލިޔަނުން ޑޮލަރު ދޭގޮތަށެވެ. ސަރުކާރުން ހެދި އެއްބަސްވުމުގައި ލަންކާގެ ކޮންޓްރެކްޓަރަށް 19.6 ހެކްޓަރުގެ ބިން ދޫކުރާގޮތަށެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރު އަދި ތިލަފުށީން ހިއްކާބިމުން 9.6 ހެކްޓަރު ލިބޭގޮތަށެވެ. އެ 20 ހެކްޓުގެ ބިން 99 އަހަރަށް ސީއެމްސީއަށް ލިބޭގޮތަށެވެ. އަދި 20 މިލިޔަން ރުފިޔާ އެ ކުންފުންފުންޏަށް ސަރުކާރުން ދައްކަންޖެހޭގޮތަށެވެ.
ބިންތައް ދޫކުރުމުގައިވެސް ސަރުކާރުގެ ތެރެއިން ވަކި ބަޔަކަށް ކޮރަޕްޝަނުން ބިންތައް ބަހާލިކަމުގެ ތުޙުމަތުވެސް ކުރެއެވެ. ވަކި ޚާއްސަ މާސްޓަރ ޕްލޭނަކާއެކު ތަރައްޤީކުރުމަށް ނިންމި ހުޅުމާލެ ދެވަނަ ފިޔަވަހިން އެހާ ގިނަ ގޯތި ދޭން ނިންމުމުން، 11 ބިލިޔަން ރުފިޔާގެ ގެއްލުމެއް އެޗްޑީސީއަށް ވެފައިވާކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުގެ އޮޑިޓް ރިޕޯޓުން ދައްކާފައިވެއެވެ. އެޗްޑީސީއަށް ލިބެން އޮތް އާމްދަނީން 3.3 ބިލިޔަން ރުފިޔާގެ ގެއްލުންވިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓްވެސް މިދިޔަ ސަރުކާރުން ދޫކުރީ މިގޮތަށެވެ. 13000 މީހުން ޝަރުތު ހަމަވެ އެ އެންމެހާ އާއިލަތަކަށް ފެލެޓް ދޭނެކަމަށް ބުނި ނަމަވެސް ޢަމަލީ މަސައްކަތް ކުރިއަށްގެންދިޔައީ ހަމައެކަނި 4000 ޔުނިޓްގެ މަސައްކަތުގައެވެ.
އެ މަޝްރޫޢުގެ ގިނަ މަސައްކަތްތައްވެސް ވާރުތަވީ އައު ސަރުކާރަށެވެ.
މި މަޝްރޫޢުގައި އެންމެ ބޮޑު މައްސަލައެއް އޮތީ ފްލެޓް ލިބޭ 4000 މީހުން ކަނޑައެޅިގޮތުގައެވެ. ލިސްޓް އިޢުލާނުކުރުމުން 7000 އަށްވުރެ ގިނަ މީހުން ޝަކުވާ ހުށައެޅިއެވެ. އޭސިސީއަށް 300 އަށްވުރެ ގިނަ މައްސަލަ ހުށައެޅިއެވެ. އެންމެފަހުން އޭސީސިން އެ މަސައްކަތް ހުއްޓާލާ އަލުން ކުރިއަށްގެންދިއުމަށް އެންގުމުން އެކަމަށްވެސް އިޖާބަ ނުދީ، ފްލެޓް ލިޔުން ހަވާލުކުރީ ސަރުކާރު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ.
އެންމެފަހުން އޭސިސީން އެ މައްސަލައިގެތެރެއަށް ވަދެ، ފްލެޓް ދޫކުރުމުގައި ހުރި އޮޅުވާލުންތައް ރައްޔިތުންނަށް ހާމަކުރިއެވެ. އޭސީސީގެ ތަޙުޤީޤުން ހާމަވެފައިވަނީ ފްލެޓް ދީފައިވާ %59.6 މީހުންނަކީ އެކަމަށް ޝަރުޠު ހަމަނުވާ މީހުންކަމަށެވެ. އެއްވެސް މައްސަލައެއް ނެތި، ޝަރުޠު ހަމަވާކަމަށް އޭސީސީން ކަނޑައަޅާފައިވަނީ އެންމެ %20.7 މީހުންނެވެ.
އެތަށް މައްސަލަތަކެއް ފެންމަތިވިއެވެ. މާލޭގައި އުޅެފައިވާ މުއްދަތާ ގުޅޭ ލިޔުންތައް އޮޅުވާލައިގެން ހޯދާފައިވުމާއި، މާލޭގައި ދިރިނޫޅޭ މީހުން ފްލެޓް ލިސްޓުގައި ހިމެނުމާއި މަޢުލޫމާތުގެ ސައްޙަކަން ކަށަވަރު ނުކުރުމުގެ އެތަށް މައްސަލައެއް މީގެތެރޭގައި ހިމެނުނެވެ.
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފްލެޓް ދޭނެކަމަށް ބުނެ އައި ވެރިކަން ނިމިގެން ދިޔައީ އެއިން ރައްޔިތިކަށް އެއްވެސް މަންފާއެއް ނުލިބި ބޯހިޔާވަހިކޮށްލާނެ ތަންކޮޅެއް ނުލިބިއެވެ. އައު ސަރުކާރަށް ހުރިހާ މައްސަލަތައް ވާރުތަކުރުވާފައެވެ.
ގެދޮރުވެރިކަމާ ގުޅޭ މައްސަލަތައް ބަލާ ހައްލުތައް ހުށައެޅުމަށް މި ސަރުކާރުން ޚާއްސަ ކޮމިޓީއެއް އެކުލަވާލާ މިހާރު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހިއްކަމުންދާ ބިންތަކުގެ މާސްޓަރ ޕްލޭން ރިވިއުކޮށް އާއްމު ޚިދުމަތްތައް ހިމެނޭގޮތަށް އަލުން އެކުލަވާލުމާއި ލިސްޓާ ގުޅޭ ޝަކުވާތައް ބަލާ ސަރުކާރަށް ޚިޔާލު ހުށައެޅުން ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ނިންމާ، ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ނެރުމަށް ސަރުކާރުން މިހާރު ވަނީ ތައްޔާރުވެފައެވެ. މީގެއިތުރުން ގޯތި ލިބުނު މީހުންނަށް ބިންތައް ހަވާލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.