ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގައި ތަޢާރަފްކުރައްވަން މަސައްކަތްކުރައްވާ އީ-ވޯޓިންގ ނިޒާމާ ގުޅޭގޮތުން ބައެއް ސިޔާސީ ޕާޓީތަކާއި، ބައެއް ފަރާތަކުން ޢާއްމުންނަށް އޮޅޭގޮތަށް ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދާކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ފެބްރުއަރީމަހު ބޭއްވެވި ޑިމޮކްރަސީ ހަފްތާގެ ޑީ- ބްރީފިންގ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާނު ވިދާޅުވީ، ޓެކްނޮލޮޖީގެ ގޮތުން ތަރައްޤީވެފައިވާ މިޒަމާނުގައި އަވައްޓެރި އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އީވޯޓިންގ ނިޒާމް ޤާއިމުކުރުމަކީ މުހިއްމު ކަމެއްކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. ސުލައިމާނު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން 2011 ވަނަ އަހަރު އީވޯޓިންގ ތަޢާރަފް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، އޭރު އެގޮތަށް ނިންމެވި ބޭފުޅުން މިހާރު ޙަޤީޤަތާ ޚިލާފު މަޢުލޫމާތު މީޑިއާތައް މެދުވެރިކުރައްވައި ފަތުރަމުން ގެންދަވާތީ އެކަމާ ހިތާމަ ކުރައްވާކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ ނާތަހުޒީބު، ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ސުލައިމާނު ވަނީ ސިފަކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ އީ-ވޯޓިންގ ނިޒާމް ތަޢާރަފްކުރައްވަނީ ރާއްޖޭގެ އިންތިޚާބީ ކަންކަން އިތުރަށް ތަރައްޤީކުރައްވައި ހަރުދަނާކުރެއްވުމާއެކު، ދެފުށް ފެންނަ ގޮތަކަށް ކަންތައްތައް އިންތިޒާމް ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުންކަމަށެވެ. ސުލައިމާނު ވިދާޅުވީ، އީ-ވޯޓިންގއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޙަޤީޤަތް އޮޅޭފަދަ މަޢުލޫމާތު ފަތުރަމުންދަނީ އެކަމުގެ ރަނގަޅު ގޮތް ނޭނގޭތީ ނޫންކަމަށާއި، މިއީ އެ ފަރާތްތަކުން ޤަޞްދުގައި ޢާއްމުންނަށް މިކަމުގެ ޙަޤީޤަތް އޮޅުވާލަން ފަތުރަމުންދާ ވާހަކަތަކެއްކަމަށެވެ. އަދި، މިއީ އެ ކޮމިޝަނުގެ އަގު ވައްޓާލައި، އީ-ވޯޓިންގ ނިޒާމް ތަޢާރަފްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް ހުރަސް އެޅުމުގެ ނިޔަތުގައި ހިންގާ ޢަމަލެއްކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ، އީވޯޓިންގ ނިޒާމް ބޭނުންކޮށްގެން ކުރިއަށްގެންދާ އިންތިޚާބެއްގައި ބައިވެރިނުވާނެކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބުނެފައިވާ ދަނޑިވަޅެއްގައެވެ.