ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ސަޢުދީ ފަންޑުން ވިދާޅުވެއްޖެ


  • ސަޢުދީ ފަންޑުގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާގުޅޭގޮތުން މަޝްވަރާކުރެއްވި

  • އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ޝަޢުގުވެރިކަން ފާޅުކުރެއްވި

ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސަޢުދީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ދެއްވައިފިއެވެ.

ސަޢުދީ ޑިވެލޮޕްމަންޓް ފަންޑުން މި ޔަޤީންކަން ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަޢުދީ ފަންޑްގެ ސީއީއޯ ސުލްޠާން ޢަބްދުއްރަޙްމާން އަލްމަރްޝަދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ ސަޢުދީ ޢަރަބިއްޔާގެ ރިޔާޒުގައި ކުރިއަށްދިޔަ ޖޮއިންޓް ޢަރަބް-އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގެ ހަވާސާގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ރާއްޖެއަށް މިވަގުތަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ހަމައެހެންމެ ސަޢުދީ ފަންޑުގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށްދާ ބައެއް ބޮޑެތި މަޝްރޫޢުތަކުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުއާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ކުރިއަށްދާ މަޝްރޫޢުތަކާއި، މަސްވެރިކަމާބެހޭ ސިނާޢަތުގައި ކުރިއަށްދާ އެކި މަޝްރޫޢުތަކާގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ. އަދި މި މަޝްރޫޢުތަކުގެ މަސައްކަތް އަވަހަށް ނިންމުމާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަޢުދީ ޑިވެލޮޕްމަންޓް ފަންޑުގެ ސީއީއޯ ވަނީ ރާއްޖެއާއެކު އޮތްގުޅުން އިތުރަށް ބަދަހިކުރައްވާ، ރާއްޖޭގެ އިޤްތިޞާދީ އަދި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކޮށްދިނުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ތަރައްޤީގައި ސަޢުދީ ފަންޑުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ވަކިން ޚާއްސަކޮށް ޢުމްރާނީ އިޤްތިޞާދީ މަޝްރޫޢުތަކަށް އިންވެސްޓްކުރުމާއި، މީހުން ބިނާކުރުމާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާތައްފަދަ އާންމު ރައްޔިތުންނާގުޅުންހުރި އެކި ދާއިރާތަކުން ސަޢުދީ ފަންޑުން މިހާތަނަށްވެސް ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.