ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވާން ދާ ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ދީނީގޮތުން ވަކި ވިސްނުމެއް ގެންގުޅޭ ބައެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ. ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ މިހާތަނަށް ހައްދުފަހަނައަޅާފައިވާ ހަރުކަށި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމައަށް ގޮސްފައިވާކަމަށް ބެލެވެނީ 49 މީހުންކަމަށެވެ.
ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ ދީނީ ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަކުރުމަށްދާ ގިނަ މީހުންނަކީ ދީނީ ހައްދުފަހަނަ އަޅާފައިވާ ފިކުރު ގެންގުޅޭ މިހުން ނޫންކަން ކައުންޓަރ ޓެރެރިޒަމް ސެންޓަރުން ކުރައްވަމުންދާ ދިރާސާއަކުން ހާމަވެފައިވާކަމަށެވެ. ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރަންދާ މީހުންނަކީ ކުށުގެ ވެށިން ފެނިފައިވާ ބޮޑެތި މުޖުރިމުންނާއި ހޭލުންތެރިކަން ކުޑަ އަދި ތަޢުލީމީގޮތުންވެސް ދަށް މީޙުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި ޢާއިލާގެ އެހީތެރިކަމާއި އަޅާލުން ނުލިބޭ މީހުން ގިނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާތަނަށް ފުލުހުންނާއި އެމް.އެން.ޑީ.އެފް އަދި ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރުން ބެއްލެވި ބެއްލެވުމުން ހާމަވާގޮތުގައި ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ގުޅިގެން ރާއްޖެއިން ހަނގުރާމައަށް ގޮސްފައިވަނީ 49 މީހުންކަމަށެވެ. މިއީ އެހެން ޤައުމުތަކާ އަޅާ ބަލާއިރު މަދު އަދަދެއްކަން ކައުންޓަރ ޓެރެރިޒަމް ސެންޓަރުން ފާހަގަކުރައްވައެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާ ޖަމާއަތްތަކާއި ނެޓްވޯކްތައް ނޫޅޭކަމަށެވެ. އަދި އެފުރުޞަތު ރާއްޖޭގައި ނުދެއްވާނެކަމަށް ވިދާޅުވިއެވެ.
img:http://s4.psmnews.mv/images/660x400/14660809244788.jpg|ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
ދީނީ އަދި ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރު ގެންގުޅޭމީހުން ދެނެގަތުމަށް ބޭސްލައިން ސްޓަޑީއެއް ހައްދަވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސްޓަޑީސްގެ ތެރެއިން ރާއްޖޭގައި ތިބި ދީނީ ގޮތުންނާއި ސިޔާސީގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ދެނެގަނެވި އަދި އެމީހުން ތިބި ތަންތަންވެސް ދެނެގަނެވެނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ކައުންޓަރ ޓެރެރިޒަމް ސެންޓަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޓެރެރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ސަބަބުން ޓެރެރިޒަމަށް މަގުފަހިވާނެ ކަންކަން ހުއްޓުވުމަށްކަމަށެވެ. އޭގެތެރޭގައި ލާދީނީ ފިކުރުތައް ހުއްޓުވުންވެސް ހިމެނޭކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
ރާއްޖެއިން ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއްވެސް އުފައްދަވާފައެވެ. އަދި ރާއްޖެއިން ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމާ ގުޅޭގޮތުން ގެންގުޅޭނެ ސިޔާސަތު ބަޔާންކުރުމަށް އެކަމާގުޅޭ ކަރުދާހެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައެވެ.