ޚަބަރު

ޢަރަބް-އިސްލާމިކް ސަމިޓަށް ރައީސް ސަޢުދީއަށް ވަޑައިގަންނަވައިފި، ތަޤުރީރުކުރައްވާނީ މިއަދު މެންދުރު


  • ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓްގައި ރައީސް ތަޤްރީރުކުރައްވާނީ މިއަދު މެންދުރު

ސަޢުދީ ޢަރަބިއްޔާގައި އޮންނަ އެކްސްޓްރާ އޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓް އެންޑް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސަޢުދީ އަރަބިއްޔާއަށް ވަޑައިގަތުމުން ކިންގް ޚާލިދް އިންޓަރނޭޝަން އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރިއާޛު ރީޖަންގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް މުޙައްމަދު ބިން ޢަބްދުލްރަޙްމާން ބިން ޢަބްދުލްޢަޒީޒްއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރައްވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މިސަމިޓުގައި އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރަތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މިސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.

މިދަތުރުފުޅަށްފަހު ރައީސް ދެން ވަޑައިގަންނަވާނީ ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބައިޖާންއަށެވެ.