ޓުއަރިޒަމް

ޗައިނާގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވެއްޖެ


ޗައިނާގެ އާންމުންނަށް ދިވެހިރާއްޖެ އެނގޭކަން މިހާރު ޗައިނާގެ ކުންމިންގައި ކުރިއަށްދާ ސައުތު އޭޝިއާ އެކްސްޕޯއިން ހާމަވެއްޖެއެވެ. މިކަން އެންމެ ބޮޑަށް އެނގިގެންދަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ އަދަދާއި، އެމީހުންގެ މެދުގައި ރާއްޖެއާމެދު އޮންނަ ޝައުގުވެރިކަމެވެ. 

ސައުތު އޭޝިއާ އެކްސްޕޯގައި ރާއްޖެއިން ޓޫރިޒަމް ސެގްމެންޓް ބައިވެރިކޮށްފައިވާ މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން މިއަހަރުގެ އެކްސްޕޯގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީ އާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 8 ކުންފުންޏަކުން ދަނީ އެކްސްޕޯގައި ރާއްޖެ އިޝްތިހާރުކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ މާކެޓިންގ އެގްޒެކެޓިވް ރީޝާ ރަޝީދު ވިދާޅުވީ ރާއްޖޭގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި މި ފެއަރ މެދުވެރިކޮށް ޗައިނާގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14660799576874.jpg|

ފެއަރ އަށް ޒިޔާރަތްކުރި ބައެއް ޗައިނާގެ ރައްޔިތުންނާއި ސުވާލުކޮށްލުމުން އެމީހުން ބުނީ ރާއްޖެއަށްދާން ބޭނުންވާ ކަމަށާއި ރާއްޖޭގެ ރީތިކަން ހަމަ ލޮލުން ބަލާލުން އެއީ އެމީހުންގެ ހުވަފެނެއް ކަމަށެވެ. އަދި ރާއްޖޭގެ ރީތިކަމާއިި ގުޅޭގޮތުން އެމީހުން ވަނީ ތަޢުރީފު ކޮށްފައެވެ.

މިމަހުގެ 12 އިން 17 އަށް ޗައިނާގެ ކުންމިންގައި ކުރިއަށްދާ ސައުތު އޭޝިއާ އެކްސްޕޯގެ މިއަހަރުގެ ކަންޓްރީ އޮފް އޮނަރ އަކީ ދިވެހިރާއްޖެއެވެ. ރާއްޖޭގެ އުފެއްދުންތައް ދައްކާލުމަށް ތައްޔާރުކޮށްފައިވާ ޕެވިލިއަން އިން ރާއްޖެ ސިފަވެގެންދާއިރު، އެތަނުގައި ހުރި ދިވެހި ދޮންވެލި ބަލާލުމަށް ރާއްޖޭގެ ޕެވިލިއަން އަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާކަން ފާހަގަކޮށްލެވެއެވެ. މިކަމުންވެސް ހާމަވެގެންދަނީ ޗައިނާ މީހުންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަމާއި މަޤްބޫލްކަމެވެ.