ސިޔާސީ

ޑިމޮކްރެސީ ހަފްތާ އަންނަ އަހަރު ދެކުނުގެ އަތޮޅެއްގައި


އަންނަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ޑިމޮކްރެސީ ހަފްތާ ފާހަގަކުރުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ފަށްޓަވައިފިއެވެ.

މިކަން އިޢުލާނު ކުރައްވާފައިވަނީ މިދިޔަ ފެބްރުއަރީމަހު ހއ. ހޯރަފުށީގައި އެކޮމިޝަނުން ބޭއްވެވި ޑިމޮކްރެސީ ހަފްތާއާއި ގުޅިގެން  ބޭއްވެވި ޑީބްރީފިންގ ސެޝަންގައެވެ.

އިލެކްޝަންސް ކޮމިޝަނުން އިސްނަންގަވައިގެން މިދިޔަ ފެބްރުއަރީ މަހުގެ ސާދައިން ވިއްސައް "ޑިމޮކްރެސީގައި އެންމެންގެ ބައިވެރިވުން"މިތީމްގެ ދަށުން ފާހަގަކުރެއްވި ޑިމޮކްރަސީ ހަފްތާއަކީ، ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި ސިޔާސީ ޕާޓީތަކުން ޑިމޮކްރަސީގައި އަދާކުރާ ދައުރު ހަރުދަނާ ކުރުމަށާއި، ޑިމޮކްރެސީއާއިމެދު ޢާއްމު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވެވި ހަރަކާތެކެވެ.

މައިގަނޑު ހަރަކާތްތައް ހއ. ހޯރަފުށީގައި ކުރިއަށްގެންދެވި ޑިމޮކްރަސީ ހަފްތާގެ ޑީބްރީފިންގ ސެޝަންގައި ވަނީ އެހަރަކާތަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކާއި، ބައިވެރިވި ސަރުކާރުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދެއްވާފައެވެ. މި ޑީބްރީފިންގ ސެޝަން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ވިދާޅުވީ، ޑިމޮކްރަސީ ހަފްތާ ވެގެންދިޔައީ އިލެކްޝަން ކޮމިޝަނުން ކުރިއަށް ގެންދެވި ވަރަށް މުހިންމު އަދި ފައިދާކުރަނިވި ހަރަކާތެއްގެ ގޮތުގައިކަމަށެވެ.

ބިޝާމް ވިދާޅުވީ، ޑިމޮކްރަސީއެއްގެ ފުރިހަމަ ނަތީޖާ ފެންނާނީ ޤައުމުގެ ކަންކަން ހިންގުމުގައާއި، ރައްޔިތުންގެ ކިބައިގައި ޑިމޮކަރަސީގެ ސިފަތައް އަށަގަނެގެންކަމަށެވެ. އަދި، ޑިމޮކްރަސީއަށް ރައްޔިތުން ހޭލުންތެރިވާން ޖެހޭކަން ބިޝާމް ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާނު ވިދާޅުވީ، ޑިމޮކްރަސީ ހަފްތާ ނިމިގެންދިޔައީ ބައިވެރިވި މުޢައްސަސާތަކުގެ އެއްބާރުލުމާއެކު ކާމިޔާބު ހަރަކާތެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން މިއަހަރަށްވުރެ ކުލަގަދަކޮށް ހުރިހާ ގޮތަކުންވެސް ފެންވަރު ރަނގަޅުކޮށް އަންނަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ޑިމޮކްރަސީ ހަފްތާ ބޭއްވުމުގެ ތައްޔާރީ މިހާރު ފަށްޓަވާފައިވާކަމަށް ސުލައިމާނު ވިދާޅުވިއެވެ.

މި ޑީބްރީފިންގ ސެޝަންގައި މިއަހަރުގެ ޑިމޮކްރަސީ ހަފްތާގެ ބައިވެރިވި ފަރާތްތަކުން ފީޑްބެކް ދިނުމާއި ޚިޔާލު ހިއްސާކުރުންވެސް ކުރިއަށްގެންގޮސްފައިވެއެވެ.