ޔޫކްރެއިނަށް އެމެރިކާއިން ފޯރުކޮށްދެމުންދާ މިސައިލްތައް ފޮނުވުން އަވަސް ކުރަން މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފިއެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލުން ބުނީ، އިންޓަރސެޕްޓަރ ނުވަތަ ބެލިސްޓިކް މިސައިލް ޙަމަލާތައް ދިފާޢު ކުރަން ބޭނުން ކުރާނެ 500 މިސައިލް ވީ އެންމެ އަވަހަކަށް ޔޫކްރެއިނަށް ފޮނުވަން އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބޭނުން ކުރަމުންދާ ގިނަ ހަތިޔާރަކީ އެމެރިކާގެ އިތުރުން ހުޅަނގުގެ ސަލާމަތީ އިއްތިޙާދު (ނޭޓޯ)ން ފޯރުކޮށްދެމުންދާ ހަތިޔާރެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، މިއީ ޔޫކްރެއިނަކީ ޕްރޮކްސީއެއް ނުވަތަ މެދުވެރިއެއްގެ ގޮތުގައި ބޭނުންކޮށް، ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ނޭޓޯއިން ކުރަމުންދާ ޕްރޮކްސީ ހަނގުރާމައެކެވެ.
ޔޫކްރެއިނަށް ގިނަ އަދަދެއްގެ މިސައިލްތަކެއް ވީ އެންމެ އަވަހަކަށް ފޯރުކޮށްދޭން އެމެރިކާއިން މަސައްކަތް ކުރަން ފަށާފައި މި ވަނީ، ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅިގެންނެވެ. އިންތިޚާބުގައި ކާމިޔާބީ ހޯއްދަވާފައި ވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެމެރިކާގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޖޯ ބައިޑަންގެ ސިޔާސަތަކީ، ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ނަމަވެސް، ޓްރަމްޕަކީ ހަނގުރާމައާ ދެކޮޅު ބޭފުޅެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ރަަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެންނަވާނެ ކަމުގައި ރިޔާސީ ކެމްޕޭންގެ ތެރެއިން ވާހަަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ނަން ހާމަ ކޮށްފައިވާ ޕެންޓެގަންގެ އޮފިޝަލަކާ ޙަވާލާދީ ވޯލް ސްޓްރީޓް ޖަރނަލުން ބުނީ، 2025 އޭޕްރިލްގެ ކުރިން ޔޫކްރެއިނަށް ވީހާވެސް ގިނަ އަދަދެއްގެ ހަތިޔާރު ފޯރުކޮށްދިނުމަށް ބައިޑަންގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ގޮތުން، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ފޮނުވަން މަސައްކަތް ކުރަމުންދާ ހަތިޔާރުތަކުގެ ތެރޭގައި ޕޭޓްރިއަޓް މަރުކާގެ މިސައިލްތަކާއި، ނޭޝަނަލް އެޑްވާންސްޑް ސަރފެސް-ޓު-އެއަރ މިސައިލް ސިސްޓަމަށް ބޭނުންވާ މިސައިލްތައް ހިމެނޭ ކަމުގައި ޕެންޓެގަނުގެ އޮފިޝަލް ބުންޏެވެ.
އެމެރިކާއިން އިތުރު ހަތިޔާރު ހޯދުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި، ސަރަަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާއިން ފޯރުކޮށްދެމުންދާ ދުރު-ރާސްތާ މިސައިލްތައް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް ޒެލެންސްކީ ގެންދަވަނީ އާދޭސް ދަންނަވަމުންނެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ރިޔާސީ ކެމްޕޭންގެ ތެރެއިން ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅުތަކާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ދާދިފަހުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ އިތުރުން ރަޝިޔާއާ އެކު ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން ޓްރަމްޕް ދައްކަވާފައިވާ ވާހަކަފުޅުތަކަށް އިސްކަން ދޭންޖެހޭ ކަމުގައެވެ. "އަޅުގަނޑު ދެކޭ ގޮތުގައި, ރަޝިޔާއާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކޮށް, ޔޫކްރެއިންގެ ކާރިސާއަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން އޭނާ [ޓްރަމްޕް] ދައްކަވާފައިވާ ވާހަކަފުޅުތަކަށް އަހަންމިއްޔަތުކަން ދޭންޖެހޭ،" އޭނާ ވިދާޅުވިއެވެ.
2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން %18ށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި, އިރުމަތީ ދޮންބާސްގެ %80އާއި, ދެކުނުގައި އޮތް ޒަޕޮރީޜިޔާއާއި ޚަރްސަންގެ %70 ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.