ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ މުސްލިމުންގެ ނަސްލުހޭދު ކުރުމުގެ ގޮތުން ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު އިތުރަށް ވަރުގަދަކޮށް, ފުޅާ ކުރަމުންދާ ކަން ފަލަސްޠީނުގެ އޮފިޝަލުންނާއި, މަންޒަރު ފެނުނު މީހުންގެ އިތުރުން ނޫސްވެރިން ހާމަކޮށްފިއެވެ. ޣައްޒާގެ އުތުރުގެ ރަށްތަކަށް ވަދެނިކުމެ ހެދެން އޮތް ހުރިހާ މަގެއް ބަންދުކޮށްފައިވާއިރު, އެ ސަރަޙައްދުގައި ތާށިކޮށްލާފައިވާ ޢާންމުން ވަނީ ހައިހޫނުގައި ޖައްސާފައެވެ. އަދި, އިންސާނީ ޙައްޤުތަކުން މަހުރޫމު ކުރުވާފައެވެ.
ފަލަސްޠީނުގެ އޮފިޝަލުންނާއި, މަންޒަރު ފެނުނު މީހުންގެ އިތުރުން ނޫސްވެރިން ބުނީ ޣައްޒާގެ އުތުރުގައި ބަންދު ކޮށްލާފައިވާ ބަޔިތު ލާޙިޔާއާއި ބަޔިތު ހާނޫންގެ އިތުރުން ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ކާބޯތަކެއްޗާއި, ސާފު ބޯފެނާއި, ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުމަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ހުރަސް އަޅާފައިވާ ކަމުގައެވެ. އަދި މިއީ, މީގެ މަހެއްހާ ދުވަސް ކުރިން އެ ސަރަޙައްދުގައި ފެށި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން, އެ ސަރަޙައްދުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޤަތުލުޢާންމެއް ކަމުގައެވެ.
ޣައްޒާގެ އުތުރުގެ ރަށްތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ނައްތައިލުމުގެ ނަމުގައި ކަމަށް ޔަހޫދީ ފައުޖުން ބުނި ނަމަވެސް, އެ ސަރަޙައްދުގެ ރައްޔިތުން ވަނީ އެ ކަން ދޮގުކޮށްފައެވެ. ޔަހޫދީންގެ ލާއިންސާނީ އަމަލުތަކާ ގުޅިގެން އެ ސަރަޙައްދުން ކާބޯތަކެތި އެއްކޮށް ހުސްވެފައިވާ ކަމަށާއި, ހައިހޫނުގައި ޖެހި އެތަކެއް ސަތޭކަ ބަޔެއްގެ ފުރާނަ ގެއްލުމުގެ ބިރު އޮތް ކަމުގައި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވެސް ދަނީ އިންޒާރު ކުރަމުންނެވެ.
"[ޣައްޒާގެ އުތުރުގައި ދިރިއުޅޭ] ފަލަސްޠީނުގެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ތަކެތި, އޭގެ ތެރޭގައި ސާފު ބޯފެން ހިމެނޭ, ހޯދުމަށް އިސްރާއީލުގެ އިދާރާތަކުން ދަނީ ހުރަސް އަޅަމުން. އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ އިޖުތިމާޢީ ޚިދުމަތްތެރިންނަށް, ހާލުގައި ޖައްސާފައިވާ މީހުންނަށް އެހީވުމުގެ ފުރުޞަތެއް ވެސް ނެތް،" ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އދގެ އިދާރާ (އުންރުވާ)ން ހާމަކުރިއެވެ.
އުންރުވާން ބުނީ, ޣައްޒާގެ އުތުރުގެ ރަށްތަކުގައި ތާށިކޮށްލާފައިވާ މީހުންގެ އަދަދު 69,000އަށް އަރާ ކަމުގައެވެ. ނަމަވެސް, ޣައްޒާގެ އިދާރާތަކުން ބުނީ އެ އަދަދު 100,000އަށްވުރެ މަތިވާނެ ކަމުގައެވެ. ޣައްޒާގެ އުތުރުގެ ރަށްތަކުގެ ރައްޔިތުންނަށް, އެ މީހުންގެ ވަޒަނަށް އެނބުރި ދިޔުމުގެ ފުރުޞަތު ދިނުމުގެ ވިސްނުމެއް ނެތް ކަމުގައި ޔަހޫދީ ފައުޖުން ދާދި ފަހުން ހާމަކުރިއެވެ. އަދި, ކާބޯތަކެއްޗާއި އިންސާނީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދޭނީ ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް އެކަނި ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުނެފައިވެއެވެ.
އެހީދޭ ޖަމާޢަތްތަކާއި, އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ގުރޫޕުތަކުގެ އިތުރުން އޮބްޒަރވަރުން ބުނީ, ޣައްޒާގެ އުތުރުގެ ރަށްތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެ ސަރަޙައްދުތަކުން ބާލައި, އެ ސަރަޙައްދު ހުސް ކުރަން ޔަހޫދީ ފައުޖުގެ ހީލަތްތެރި ރޭވުމެއްގެ ދަށުން އޮޕަރޭޝަނެއް ހިންގަމުންދާ ކަމުގައެވެ. އަދި, އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ދަތުރު ކުރަން ދެކޮޅު ހަދާ މީހުންނަކީ ހަނގުރާމަވެރިންގެ ގޮތުގައި ކަނޑައަޅައި, އެ އެންމެން ޝަހީދު ކޮށްލުމަށް ޤަތުލުޢާންމު ހިންގަމުންދާ ކަމުގައެވެ.
"ޣައްޒާގެ އުތުރަށް ގެނެސްފައިވާ ހަލާކާއި ފަނާކުރުމުގެ އިމެއް, ކޮޅެއް ފެންނާކަށް ނެތް. ލޮލުކޮޅަށް ފެންނަން ހުރި ކޮންމެ ތަނެއް, ޢާންމުންގެ ގެދޮރު, ހަސްފަތާލުތައް, މަދަރުސާތައް, މިސްކިތްތައް, ރެސްޓޯރެންޓުތައް — ހުރިހާ ތަނެއް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައި. ކޮޅަށް ހުރީ [ޣައްޒާ ސިޓީގެ] ފުރާނަ ނެތް މަސްގަނޑު އެކަނި, މުޅި މުޖުތަމަޢަކީ ގަބުރުސްތާނަކަށް ބަދަލު ކޮށްލައިފި،" އުންރުވާގެ އެމަރޖެންސީ ޚިދުމަތްތަކާ ބެހޭ އޮފިސަރެއް ކަމުގައިވާ ލުއިސް ވޯޓަރރިޖް ވިދާޅުވިއެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޒަޚަމު ކުރަމުންދާ މީހުންނަށް ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް ވެސް ނެތް ކަމުގައި އެހީދޭ ޖަމުޢިއްޔާތަކާއި ޞިއްޙީ ޚިދުމަތްތެރިން ބުންޏެވެ. ޣައްޒާގެ އުތުރުގެ ރަށްތަކުގައި ހުރި ހަސްފަތާލުތަކުގެ ތެރެއިން މި ވަގުތު މަދު ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާ ހަމައެކަނި ހަސްފަތާލަކީ ކަމާލް ޢަދްވާނީ ހަސްފަތާލެވެ.
ހުސްވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ޔަހޫދީ ފައުޖުން ވަނީ އެ ހަސްފަތާލަށް ދެ ފަހަރެއްގެ މަތިން ނިރުބަވެރި ޙަމަލާތައް އަމާޒު ކޮށްފައެވެ. ބަލިމީހުންނާއި ޒަޚަމު ކޮށްލާފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ޞިއްޙީ ފަރުވާގެ ސާމާނު އެ ތަނަށް ގެންދިޔުމަށް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ. "އެ ތަނުގެ ހާލަތު ދުލުން ބަޔާންކޮށްދޭނެ އެއްވެސް ގޮތެއް އަޅުގަނޑަކަށް ނޭނގޭ،" ވޯޓަރރިޖް ވިދާޅުވިއެވެ.
ޣައްޒާގެ އުތުރުގެ ރަށެއްގައި ގެދޮރު ނެތިފައިވާ އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅެމުންދާ މަދަރުސާއެއްގެ ހާލަތު ކިޔައިދެއްވަމުން ވޯޓަރރިޖް ވިދާޅުވީ އެ ތަނުގެ "ފާރުން ނަޖިސް ފެން ފައިބަމުންދާ" ކަމުގައެވެ. "[ޔަހޫދީންގެ] ބޮންތަކުގެ ސަބަބުން މިއަދު އެ މީހުން ޝަހީދު ނުވި ނަމަވެސް, މާދަމާ ބަލިމަޑުކަމުގައި އެ މީހުން ޝަހީދުވާނެ،" ކަމުގައި އޭނާ ވިދާޅުވިއެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކާއި އިންސާނީ ޙައްޤުތަކާ ބެހޭ މާހިރުން ވެސް ބުނީ, ޣައްޒާގެ އުތުރުގެ ރަށްތަކުގައި ޔަހޫދީ ފައުޖުން ހިންގަމުން ދަނީ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމެއް ކަމުގައެވެ. "ބަންދު ކުރުމާއި, ހައިހޫނުކަމުގައި ޖެއްސުމާއި, އަމިއްލަ ވަޒަނުން ޢާންމު ރައްޔިތުން ބޭރުކޮށް, ގެދޮރު ނެތިކޮށްލައި, އެ މީހުންގެ ދިރިއުޅުން ވިއްސިވިހާލި ކުރަމުންދާ މަންޒަރާއި, އިންސާނިއްޔަތާ ޚިލާފު ކުށްތައް އިސްރާއީލުން ހިންގަމުންދާ މަންޒަރު ބަލަން ތިބުން ހުއްޓައިލަން ވެއްޖެ،“ އެމްނެސްޓީގެ މެދުއިރުމައްޗާ އެފްރިކާގެ ޤައުމުތަކުގެ ޑިރެކްޓަރ ހިބަތު މަރާޔިތު ވިދާޅުވިއެވެ.
ޣައްޒާގެ އުތުރުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޖަރީމާތަކަކީ ނަސްލުހޭދު ކުރުމަށް ހިންގާ ޤަތުލުޢާންމެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ލޭބަރ ޕާޓީގެ ކުރީގެ ވެރިޔާ ޖެރެމީ ކޯބިން ވެސް ސިފަ ކުރެއްވިއެވެ. ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޖޮސެފް ބޮރެއި ވިދާޅުވީ, ޔަހޫދީ ފައުޖުން ޣައްޒާގެ އުތުރުގައި ހިންގަމުން ދަނީ ފަހުގެ ތާރީޚެއްގައި ލޮލުން ދެކެފައި ނުވާ ފަދަ ނުރައްކާތެރި ޤަތުލުޢާންމެއް ކަމުގައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,508އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,684 މީހުން ޒަޚަމު ކޮށްލާފައެވެ.