އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 7 ރަށެއް ކަނޑައަޅުއްވައިފިއެވެ. ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އަރބަން ސެންޓަރެއް ތަރައްޤީ ކުރެއްވުމެވެ.
އަރބަން ސެންޓަރުތައް ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ނަންތައް އިއުލާން ކުރައްވާފައެވެ.
ރ. އުނގޫފާރު
ބ. އޭދަފުށި
ޅ. ނައިފަރު
އދ. މަހިބަދޫ
ފ. ނިލަންދޫ
ދ. ކުޑަހުވަދޫ
ލ. ފޮނަދޫ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ގެދޮރުވެރި ކުރުމާއި އަރބަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން މާލެއިން އުތުރުގެ 3 ރަށަކާއި މާލެއިން ދެކުނުގެ 4 ރަށެއްގައި މެދުމިނުގެ އިތުރު 7 އަރބަން ސެންޓަރު ތަރައްޤީކުރުމަށް ވަނީ ހިމަނާފައެވެ. އެ އަރބަން ސެންޓަރުތަކަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ޚިދުމަތްތައް ލިބޭނެ ގޮތަށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ އަރބަން ޑިވެލޮޕްމަންޓްގެ ބިލެއްވެސް މަޖިލީހަށް ހުށަހަޅާފައެވެ.
ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓިނިވި ތަރައްޤީ ހާޞިލްވާގޮތަކަށް ކަންކަން ކުރުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް 7 އަރބަން ސެންޓަރުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެކަމުގައި ވިދާޅުވެފައެވެ.
އަދި އާބަންސެންޓަރުތަކުގައި ޞިއްޙީ ނިޒާމުގެ ތެރެއިން އެންމެ މުހިންމު ހުރިހާ ދާއިރާއަކުން ޚިދުމަތް ދެވެން ހުންނާނެކަމަށާއި އެގޮތުން އެކިކަހަލަ ތެރެޕީތައްވެސް ދެވޭނެކަމުގައި ރައީސްވަނީ ވިދާޅުވެފައެވެ. އަދި ތަޢުލީމީ ނިޒާމުވެސް އެންމެ މަތީ ފެންވަރުގައި ޤާއިމުކުރައްވާނެކަމަށާއި، މަގުތައްވެސް އެންމެ ރަނގަޅަށް ހަދައި އަދި ދެންހުރި ކަންކަން ވެސް އެންމެ ރަނގަޅަށް ޤާއިމުކުރެވިފައި ހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ހިންގަވަން ނިންމަވާފައިވާ ބޮޑެތި ބިޔަ މަޝްރޫޢުތަކަކީ ދުރުރާސްތާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ފުދުންތެރިކަން އިތުރުކޮށް، ކުދި ރަށްތަކުގެ ރައްޔިތުންވެސް އަމިއްލަ އިޚްތިޔާރުގައި އެސަރަހައްދުތަކަށް ހިޖުރަކޮށް ދިރިއުޅެވޭނެ މަގު ފަހިވާގޮތަށް ކުރިއަށްދަވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.