މަސްވެރިންގެ ޤައުމީ ދަފްތަރުގައި މިހާތަނަށް %80 އުޅަނދު ރަޖިސްޓްރީކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އެކުލަވާލަނީ އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތުން ބަލައިގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރު އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލާ މަސްވެރިކަމަކީވެސް ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމެވެ.
މަސްވެރިންގެ ދަފްތަރު އެކުލަވާލުމަށް އެ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި ދަފްތަރު އެކުލަވާލުމަށް އެ ވުޒާރާގެ 30 އަށްވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ 15 އަތޮޅަކަށް ދަތުރުކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން 350 އުޅަނދު ދަފްތަރުކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ފްލީޓްގައި މިހިމެނެނީ 460 ނުވަތަ 470 ވަރަކަށް އުޅަނދުގެ ތެރެއިން. އެއީ ގާތްގަނޑަކަށް 2100 ވަރަކަށް ފަޅުވެރިން އެ އުޅަނދުތަކުގައި ރަޖިސްޓަރ ކުރެވިފައި އެބަހުރި. އަޅުގަނޑުމެން ބަލާލާއިރުގައި އުޅަނދަކަށް ގާތްގަނޑަކަށް 7 ފަޅުވެރިންގެ ނިސްބަތުން މިހުރީ ރަޖިސްޓަރ ކުރެވިފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ރާއްޖޭގެ މަސްދޯނިފަހަރުގެ ހުރިހައި އޮޑިވެރިންނަށް އެ ދޯނިފަހަރުތައް ދަފްތަރުކުރުމަށް ގޮވާލާފައެވެ. ސަބަބަކީ ދަފްތަރުކުރުމާއިއެކު ފަޅުވެރިންނަށް ފަސޭހަކަން ގެނުވާނެ ނިޒާމަކަށް މި ނިޒާމު ވާތީކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިސަރުކާރުގެ ވަޢުދާ އެއްގޮތަށް މަސްވެރިންގެ ޤައުމީ ދަފުތަރުގެ އިތުރުން ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސަވާނޭކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.