އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ އިސްކަމެއްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށްކަމަށާއި، ޚާއްޞަކޮށް ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ފެށޭތަން ފެންނާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުސްޠަފާ ވިދާޅުވީ ބަޖެޓު އެކުލަވާލިއިރު އެންމެ ބޮޑަށް ސަމާލުކަން ދިންކަމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށްކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓުގައި ޕަބްލިކް ސެކްޓަރ އިއިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ ނުވަތަ ޢުމްރާނީ މަޝްރޫޢުތައް ހިންގުމަށް 12.4 ބިލިޔަން ރުފިޔާވަނީ ހިމަނާފައިވެއެވެ. މިއީ މިހާތަނަށް ޕީއެސްއައިޕީއަށް މިހާ ބޮޑު ޢަދަދެއް ހިމެނި ފުރަތަމަ ފަހަރެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާޢިދު މުސްޠަފާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ ވަޢުދުތަކާއެކުކަމަށެވެ. ޚާއްޞަކޮށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފާހަގަކުރެއްވިއެވެ.
މިކަމަށް އިޝާރަތްކުރައްވާ ސާއިދު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ މިސަރުކާރުން އެކުލަވާލި ފުރަތަމަ ބަޖެޓުކަމަށްވުމާއެކ، ބަޖެޓު ތައްޔާރުކުރިއިރުވެސް އެންމެ ބޮޑު ފޯކަސްއެއް ހުރީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކަށްކަމަށެވެ. ސާޢިދު ވިދާޅުވީ ހިނގަމުންދާ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ހިމަނާފައިހުރީ ޤައުމުގެ މާލިއްޔަތަށް ގެއްލުންވާގޮތަށްކަމަށެވެ.
"ހިނގަމުން މިދާ އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީ ޕައިޕްލައިނަކީ ޤައުމުގެ އިޤްތިޞާދަށް ޤައުމުގެ މާލިއްޔާއާ، ދައުލަތަށް ލިބޭ އާމްދަނީއާ އަދި ހޯދޭނެ ފައިނޭންސިންއާ ނުބައްދަލު ބޮޑު ޕީއެސްއައިޕީ ޕައިޕްލައިނެއް. އެހެންވީމަ މި ޕައިޕްލައިން މިގޮތަށް ގެންފދައިގެން ނިންމައިފިނަމަ އޭގެ ސަބަބުން މުޅި އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ." އަޙްމަދު ސާޢިދު މުސްޠަފާ ވިދާޅުވިއެވެ.
ސާޢިދު ވިދާޅުވީ މިއަހަރަށް ކަނޑައަޅާފައިވާ ބައެއް މަޝްރޫޢުތައް ހުރީ އެވޯޑުކޮށް ކޮންޓްރެކްޓްކުރެވި އެޑްވާންސް ފައިސާދީ އިތުރަށް އެއްވެސް ކަމެއް ނުހިނގާނެފަދަ ގޮތަށްކަމަށެވެ. އެހެންކަމުން މިސަރުކާރުން މިއަހަރަށް ރޭވި ކަންކަމުގެ ތެރެއިން އެންމެ މުހިންމު އެއްކަންތައް ކުރެވިފައިވާކަމަށާއި، އެއީ ވާރުތަވި ޕީއެސްއައިޕީ ރަނގަޅަށް ލާވާލައި ތަރުތީބުކޮށް، އެންމެ އަވަހަށް ނިންމާލެވޭނެ މަޝްރޫޢުތައް ހޯދުންކަމަށް މާލީ ވަޒީރު ނައިބު ވިދާޅުވިއެވެ. އެކަންކަން ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ބަޖެޓު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެކުލަވާލާފައިވާނެކަމަށްވެސް ސާޢިދު ވިދާޅުވިއެވެ. ޚާއްޞަކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، ތިލަމާލެ ބްރިޖުގެ މަޝްރޫޢު ވިހާވެސް އަވަހަށް ނިންމުމަށް އަހަމިއްޔަތުކަން ދީފައިވާކަން ސާޢިދު ފާހަގަކުރެއްވިއެވެ. އެ މަޝްރޫޢުއަށް ސަޕްލިމަންޓްރީ ބަޖެޓުގައިވެސް އިސްކަން ދީފައިވާކަމުގައި ސާޢިދު ވިދާޅުވިއެވެ.
ސާޢިދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ޢުމްރާނީ މަޝްރޫޢުތައް އުފަންވެގެން އަންނާނެކަމަށެވެ.
"ވަކިން ޚާއްޞަކޮށް ހޮސްޕިޓަލްތައް އެޅުމަށާއި އަދި ހަމައެހެންމެ ސްކޫލްތައް އެޅުމާއި، މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ހުރިހާ މައިގަނޑު މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ފެއްޓުމަށް އެހީވެދޭނެ މިބަޖެޓު. އެހެންވީމަ މި ބަޖެޓު ތަންފީޒްވުމުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ވަޢުދުތަކުގެ ޕީއެސްއައިޕީ ޕައިޕްލައިން އުފަންވެގެން އަންނާނެ." އަޙްމަދު ސާޢިދު މުސްޠަފާ ވިދާޅުވިއެވެ.
ސާއިދު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ މިންވަރު ފެނަންކަމަށްވެސް ވިދާޅުވެފައެވެ. ސަރުކާރުން މި ބަޖެޓު ސިފަކުރަނީ، ގެދޮރުވެރިކުރުމުގެ ރަން ޒަމާނަށް ދިވެހިރާއްޖެ ގެންދިއުމުގެ ފެށުމުގެ ގޮތުގައެވެ. އެގޮތުން ގެދޮރުވެރިކުރުމާ ގުޅޭ މަޝްރޫޢުތަކަށް 3 ބިލިޔަނަށްވުރެ ބޮޑު ހޭދައެއް ކުރުމަށް ވަނީ ހިމަނާފައެވެ.
ސާއިދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިނގަމުންދާ ޕީއެސްއައިޕީ މަޝްރޫޢުތަށް އަވަހަށް ނިންމުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ.