ރާއްޖެއާއި ރޮމޭނިޔާއާ ދެމެދު އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ސިލްސިލާ މަޝްވަރާތަކެއް ފަށައިފިއެވެ.
ރާއްޖެއާއި ރޮމޭނިޔާއާ ދެމެދު ގުޅުންބަދަހިކުރުމުގެ ސިލްސިލާ މަޝްވަރާތައް ކުރިއަށްގެންދަނީ އޮންލައިން ބައްދަލުވުންތަކެއްގެ ގޮތުގައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުންތައް ވާނީ ދެ ޤައުމަށް ދިމާވެފައިވާ އެއްގޮތް މައްސަލަތަކަށް ހައްލު ހޯދައި ބައިނަލްއަޤުވާމީ މައިދާނުގައި ގުޅުންބަދަހިކުރުމުގެ މުހިންމު ބައްދަލުވުންތަކަށް ކަމަށެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަޢުލީމާއި ސަގާފަތާއި ތިމާވެށްޓާއި މޫސުމީ ބަދަލުތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމަށްވެސް މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް މި ބައްދަލުވުމުގައި އެއްބަސްވެފައިވާކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
މި ބައްދަލުވުންތަކުގައި ރާއްޖޭގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޚާރިޖީ ވުޒާރާގެ ސެކެޓްރީ ބައިލެޓެރަލް ޑރ. ހާލާ ހަމީދެވެ. އަދި ރޮމޭނިޔާގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ސެކެރެޓަރީ އޮފް ސްޓޭޓް ޓްރަޔަން ލޮރެންޓީ ރިސްޓިއާއެވެ.