ޚަބަރު

އެމެރިކާގެ 47ވަނަ ރައީސަކީ ޑޮންލްޑް ޖޭ ޓްރަމްޕް


ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި, އެ ޤައުމުގެ 47ވަނަ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަންނަވާފައި ވަނީ ޑޮނަލްޑް ޖޯން ޓްރަމްޕެވެ. އެމެރިކާގެ 45ވަނަ ރައީސް ކަމުގެ މަޤާމު, 2017ން 2021ށް ފުރުއްވާފައިވާ ޓްރަމްޕް އުފަންވެ ވަޑައިގަތީ 1946ވަނަ އަހަރުގެ ޖޫން މަހުގެ 14ވަނަ ދުވަހުއެވެ. ނިއު ޔޯކްގެ ކުއީންސްގައެވެ.

ޓްރަމްޕްގެ ބައްޕާފުޅު, ފްރެޑް ޓްރަމްޕަކީ, ރިއަލް-އެސްޓޭޓްގެ ދާއިރާގައި ވިޔަފާރި ކުރެއްވި ބޭފުޅެކެވެ. ޓްރަމްޕް ތަޢުލީމު ހާސިލު ކުރައްވާފައި ވަނީ ނިއު ޔޯކް މިލިޓަރީ އެކެޑަމީއާއި ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިޔާގެ ވޯޓަން ސްކޫލް އޮފް ފައިނޭންސް އެންޑް ކޮމަރސްގައެވެ.

ބައްޕާފުޅުގެ ވިޔަފާރިއާ ޓްރަމްޕް ހަވާލުވެ ވަޑައިގަތީ 1971ވަނަ އަހަރުއެވެ. އަދި, ވިޔަފާރީގެ ނަން ޓްރަމްޕް އޮގަނައިޒޭޝަނަށް ބަދަލު ކުރެއްވިއެވެ. އެއަށްފަހު, ހޮޓަލާއި ރިސޯޓު ތަރައްޤީކޮށް ހިންގުމުގެ އިތުރުން ވިޔަފާރި ކުރާ އިމާރާތްތަކާއި, ޖުވާ ކުޅޭ ކެސީނޯތަކާއި ގޮލްފް ކުޅޭ ދަނޑުތައް ތަރައްޤީކޮށް, ވިޔަފާރި ފުޅާ ކުރައްވަން ޓްރަމްޕް މަސައްކަތް ފެށްޓެވިއެވެ. ޓްރަމްޕަކީ ލިޔުންތެރިއެއް ވެސް މެއެވެ. އޭނާ އެންމެ ފުރަތަމަ ޝާއިޢު ކުރައްވާފައިވާ ފޮތް 'ދި އާޓް އޮފް ދި ޑީލް' ނެރެފައި ވަނީ 1987ވަނަ އަހަރުއެވެ. 2004ވަނަ އަހަރު އޭނާ ވަނީ 'ދި އެޕްރެންޓިސް'ގެ ނަމުގައި މަޝްހޫރު ރިއަލިޓީ ޝޯއެއް ވެސް ފަށްޓަވާފައެވެ.

ޓްރަމްޕްގެ މިހާރުގެ އަނބިކަނބަލުން, މެލާނިޔާއާ އޭނާ ކައިވެނި ބައްލަވައިގަތީ 2005ވަނަ އަހަރުއެވެ. ދެ ބޭފުޅުންނަށް އެއް ބޭފުޅަކު ހުންނަވައެވެ: އެއީ ބެރޮނެވެ. ޓްރަމްޕްގެ ކުރީގެ ކައިވެންޏަކަށް ވެސް ހަތަރު ބޭފުޅުން ތިއްބަވައެވެ: އެއީ, ޑޮނަލްޑް ޖޫނިއަރ, އިވާންކާ, އެރިކް އަދި ޓިފަނީއެވެ.

ޓްރަމްޕްގެ ސިޔާސީ ހަޔާތް ފަށްޓަވާފައި ވަނީ 2016ވަނަ އަހަރުއެވެ. އެ އަހަރުގެ ރިޔާސީ އިންތިޚާބަށް ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓަކު އިންތިޚާބު ކުރުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ. އެ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި, އެމެރިކާގެ 45ވަނަ ރައީސް ކަމުގެ މަޤާމަށް ޓްރަމްޕް އިންތިޚާބުވެ ވަޑައިގަތެވެ. އެ އިންތިޚާބުގައި ޓްރަމްޕަށް ޕޮޕިޔުލަރ ވޯޓު, ނުވަތަ އިންތިޚާބުގައި ވޯޓުލީ މީހުންގެ އަޢުލަބިއްޔަތު ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް, ރައީސް ކަމުގެ މަޤާމު ކަށަވަރު ކުރެވުނީ އިލެކްޓޯރަލް ކޮލެޖުގެ ވޯޓުން ކުރި ހޯއްދަވައިގެންނެވެ. އެ އިންތިޚާބުގައި އޭނާ ވާދަ ކުރައްވާފައި ވަނީ ޑިމޮކްރެޓީކް ޕާޓީގެ ކެނޑިޑޭޓު, ހިލަރީ ކްލިންޓަނާއެވެ.

އެމެރިކާގެ ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގެންނެވިއިރު ޓްރަމްޕަކީ ސިޔާސީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ހުރި ބޭފުޅެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން މުއާޞަލާތު ކުރެއްވުމަށް އޭނާ ބޭނުން ކުރައްވާފައި ވަނީ އާދަޔާ ޚިލާފު އުކުޅުތަކެކެވެ. އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ, ސޯޝަލް މީޑިޔާ މަންސަ, އެކްސް (ކުރިން ޓްވިޓަރ)ގެ ބޭނުން ކުރައްވަމުން ގެންދެވި ގޮތެވެ. އެމެރިކާގެ ރައްޔިތުުންގެ އިތުރުން ސިޔާސީ ވާދަވެރިންނާއި މީޑިޔާއާ ވެސް އޭނާ މުޚާޠަބު ކުރައްވަމުން ގެންދަވާފައި ވަނީ އެކްސް މެދުވެރިކޮށެވެ.

ޓްރަމްޕްގެ ރިޔާސީ ދައުރުން ފާހަގަކުރެވުނު ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ޓެކުސްތައް މުރާޖައާ ކުރެއްވުމަށް ޤާނޫނެއް ފާސް ކުރެއްވުމާއި, މައި ސަރުކާރުގެ ބާރުތަކާ ގުޅޭ ޤަވާޢިދުތަކުގެ އަދަދު މަދު ކުރެއްވުން ހިމެނެއެވެ. އަދި, އެމެރިކާގެ އިޤުތިޞާދާއި އުފެއްދުންތެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ބޭރު ޤައުމުތަކުން އެތެރެކުރާ އެލުމިނިޔަމާއި ސްޓީލް ފަދަ ބައެއް މުދަލުން ނަގާ ޑިޔުޓީ ބޮޑު ކުރެއްވުން ފާހަގަކުރެވެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި މެކްސިކޯ, ކެނެޑާ, ޗައިނާ, ޖަޕާން އަދި ދެކުނު ކޮރެޔާއާ އެކު ވިޔަފާރީގެ ގުޅުންތައް ހަރުދަނާ ކުރެއްވިއެވެ. މީގެ އިތުރުން, ސުޕްރީމް ކޯޓާއި މައި ކޯޓުތަކަށް އޭނާ ބޭނުންފުޅުވާ ފަނޑިޔާރުން ޢައްޔަން ކުރެއްވުމާއި, އަސްކަރިއްޔާއަށް ކުރާ ޚަރަދު އެތަކެއް ގުނައަކުން އިތުރު ކުރެއްވުމާއި, ސަރަޙައްދީ ރޮނގު ބެލެހެއްޓުމަށް ހަރުކަށި ސިޔާސަތުތަކެއް ތަންފީޒު ކުރެއްވުމުގެ އިތުރުން ޖިނާޢީ އަދުލުގެ ނިޒާމު އިސްލާޙު ކުރެއްވުމާއި ބޭހުގެ އަގު ކޮންޓްރޯލް ކުރެއްވުން ހިމެނެއެވެ.

ޓްރަމްޕްގެ ޚާރިޖީ ސިޔާސަތަށް ބަލައިލުމުން ފެނިގެން ދިޔައީ މުސްލިމުންނާ ދެކޮޅު ސިޔާސަތުތަކެކެވެ. މި ގޮތުން, ޒަޔަނިސްޓު ދައުލަތް ކަމުގައިވާ އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގައި ހުރި އެމެރިކާގެ އެމްބަސީ, ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމެއް ކަމުގައިވާ ޤުދުސަށް ބަދަލު ކުރައްވަން ނިންމެވުމަކީ, އޭނާއާ މެދު މުސްލިމުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ދިޔަ ނިންމެވުމެކެވެ. މީގެ އިތުރުން, ޒަޔަނިސްޓުންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށް ވެސް އޭނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. އަދި, އިސްރާއީލާއި ބޭރު ޤައުމުތަކާ އޮތް ގުޅުންތައް ހަރުދަނާ ކޮށްދިނުމަށް ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

އުތުރު ކޮރެޔާއާއި އެމެރިކާއާ ދެމެދުގައި އޮތް ނުތަނަވަސް ގުޅުންތައް ހަރުދަނާ ކުރުމަށް ވެސް ޓްރަމްޕް މަސައްކަތް ކުރެއްވި މަންޒަރު އޭނާގެ ވެރިކަމުގެ ތެރެއިން ފާހަގަ ކުރެވެއެވެ. އަދި, އެ މަސައްކަތުގެ ދަށުން 2018ވަނަ އަހަރު އޭނާ އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގ އުނާ ބައްދަލު ކުރެއްވިއެވެ. އެއީ, އެމެރިކާގެ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅަކު އުތުރު ކޮރެޔާގެ ޒައީމަކާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

2018ވަނަ އަހަރު, ޓްރަމްޕްގެ ވެރިކަމުގައި, އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައެވެ. ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސާ ދެމެދު, އެ ފަހަރު ދެބަސްވުންތައް އުފެދިގެން ދިޔައީ, އެމެރިކާއާއި މެކްސިކޯ ގުޅޭ ސަރަޙައްދީ ރޮނގުގައި ބޮޑު ފާރެއް ބިނާ ކުރުމުގެ މަސައްކަތް ޓްރަމްޕް ފެށްޓެވުމާ ގުޅިގެންނެވެ. އެ ފާރު ބިނާ ކުރުމަށް ޚަރަދު ކުރުމާ ގުޅޭ ގޮތުން އުފެދުނު ދެބަސްވުންތައް 35 ދުވަހަށް ދެމިގެން ދިޔައެވެ.

2019ވަނަ އަހަރަކީ ޓްރަމްޕްގެ ވެރިކަމުގައި ހައްސާސް ދަނޑިވަޅުތަކެއް ފެނިގެން ދިޔަ އަހަރެއްގެ ގޮތުގައި ފާހަގަ ކުރެވުނެވެ. އަދި, ކޮންގްރެސްގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސަށް ޓްރަމްޕްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދައި, ފާސް ކުރިއެވެ. ނަމަވެސް, އޭނާއަށް ދެކޮޅަށް ފާސްކުރި ދެ މައްސަލަ ވެސް ކޮންގްރެސްގެ މަތިގެ, ސެނެޓުން ވަނީ ބާޠިލު ކޮށްފައެވެ.

އެއަށް ފަހު, ޓްރަމްޕްގެ ވެރިކަމަށް ދެން ކުރިމަތިވެގެން ދިޔައީ ކޮވިޑް-19ގެ ބަލިމަޑުކަމާއެވެ. އެމެރިކާއިން ކޮވިޑް ޖެހިފައިވާ މީހަކު ފެނިފައިވާ ކަމަށް އިޢުލާނު ކޮށްފައި ވަނީ 2022ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުއެވެ. އެއަށްފަހު, ޓްރަމްޕްގެ ވެރިކަމުގެ ބާކީ ބައި ހޭދަ ކުރައްވާފައި ވަނީ ކޮވިޑް-19ގެ އިޖާބައިގައެވެ.

ކޮވިޑާ ގުޅިގެން ޓްރަމްޕްގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ކޮށްފައިވާ ބައެއް ތުހުމަތުތަކަށް ބަލައިލާއިރު, ކޮވިޑް އިޖާބައިގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ ލަސްކަމާއި ދޯދިޔާ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް, ކޮވިޑަށް ފަރުވާ ދިނުމަށް އުފައްދާ ދެ ވެކްސިނެއް އުފައްދާފައި ވަނީ އޭނާގެ ވެރިކަމުގައި ފެށި 'އޮޕަރޭޝަން ވޯޕް ސްޕީޑް'ގެ ދަށުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ވެރިކަމުން ވަކިވެ ވަޑައިގެންނެވި އިރު, ކޮވިޑްގެ ބަލިމަޑުގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު ވަނީ 400,000އަށްވުރެ މައްޗަށް އުފުލިފައެވެ.

2020ވަނަ ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގެންނެވީ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ޖޯ ބައިޑަނާ ވާދަކުރައްވައެވެ. ޓްރަމްޕް އެއިރު ވެސް ތުހުމަތު ކުރައްވާފައި ވަނީ, ބައިޑަން އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ވޯޓުގެ ނަތީޖާ އޮޅުވައިލައްވައިގެން ކަމުގައެވެ. އޭނާ މިހާރު ވެސް ޤަބޫލު ކުރައްވަނީ އެ މޭރުމުންނެވެ. އިންތިޚާބުގެ ނަތީޖާ ޤަބޫލު ކުރެއްވުމަށް ވެސް ޓްރަމްޕް އެއިރު ދެކޮޅު ހެއްދެވިއެވެ. އަދި, 2021 ޖަނަވަރީ 6ވަނަ ދުވަހު ޓްރަމްޕަށް ތާޢީދު ކުރާ އެތަކެއް ހާސް ބަޔަކު ވެރިރަށް ވޮޝިންގޓަނަށް ޖަމާވެ, ކޮންގްރެސަށް ޙަމަލާދިނެވެ. އަދި, އިންތިޚާބުގެ ނަތީޖާ ފާސް ކުރުމަށް ބޭއްވި ޖަލްސާއަށް ހުރަސް އެޅިއެވެ.

އެއިރު ވެސް, އޭނާ ގެންދެވީ އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރުމަށް އޭނާއަށް ތާޢީދު ކުރާ މީހުންނަށް ގޮވައިލައްވަމުންނެވެ. އެ ގޮވައިލެއްވުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ފަސް މީހުން މަރުވެ, ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. އަދި, ކޮންގްރެސްގެ އިމާރާތަށް އެތަކެއް މިލިޔަން ޑޮލަރުގެ ގެއްލުން ލިބުނެވެ. އިންސަރެކްޝަން, ނުވަތަ ހަމަނުޖެހުމަށް ގޮވައިލެއްވުމުގެ ކުށުގެ ތުހުމަތު އުފުލައި, 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21ވަނަ ދުވަހު ހައުސް އޮފް ރެޕްރެޒެންޓެޓިވްސުން ވަނީ ޓްރަމްޕްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ދެވަނަ މައްސަލައެއް ފާސްކޮށްފައެވެ. އޭނާއަކީ, ވެރިކަމުގައި ހުންނަވިކޮށް, ދެ ފަހަރެއްގެ މަތިން އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ އެމެރިކާގެ ފުރަތަމަ ރައީސެވެ.

ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބީ ހޯއްދަވާފައި ވަނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ, އެ ކަމަށް ބޭނުންވާ އިލެކްޓޯރަލް ކޮލެޖުގެ ވޯޓުގެ އެންމެ މަދު އަދަދު ކަމުގައިވާ 270 ވޯޓަށްވުރެ މަތިން, 277 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.