ޚަބަރު

ފަރުދީ ގޮތުން ދޭ ޙަމަލާތައް ނުހުއްޓުވޭނެ- އޮބާމާ


އެމެރިކާގެ އޮލާންޑޯގެ ނައިޓް ކްލަބަށް ދިން ފަދަ ފަރުދީ ފެންވަރުގައިދޭ ޓެރަރިސްޓް ޙަމަލާތައް ހުއްޓުވުމަކީ، އެމެރިކާގެ އަމަނާބެހޭ މުއައްސަސާތަކަށް ކުރަންދަތި ކަމެއްކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ. 

އޮލާންޑޯގެ ހަމަލާތަކާ ގުޅިގެން އައިއެސް ޖަމާއަތަށް އިޝާރާތް ކުރައްވައި އޮބާމާ ވިދާޅުވީ އައިއެސް އިން އެމެރިކާއަށް ހަމަލާދޭނަމަ އެމެރިކާގެ ބަދަލުހިފުމުގެ ހަމަލާތަކުން އެޖަމާއަތްވެސް ސަލާމަތް ނުވާނެކަމަށެވެ.  އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ބައްދަލުވުމަކަށްފަހު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން އޮބާމާވަނީ އައިއެސް ޖަމާއަތަށް ހަރުކަށި އިންޒާރުތަކެއް ދެއްވައި އައިއެސްގެ ކޮންޓްރޯލް އޮންނަ އިރާގާއި ސޫރިޔާގެ ސަރަހައްދުތަކުގެ ކައިރީގައި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ބީފިފްޓީ ޓޫ މަރުކާގެ ބޮންއަޅާ ބިޔަ މަތިންދާބޯޓުތައް ހުރިކަމަށް އިޝާރާތް ކުރައްވާފައެވެ.

 އޮބާމާ އައިއެސް ޖަމާއަތަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައިވާއިރު އެޖަމާއަތުގެ އަމާޒުތަކަށް އެމެރިކާ ސިފައިން ވައިގެމަގުން ޙަމަލާތައް ދެމުން ގެންދާތާވަނީ ދެއަހަރަށްވުރެވެސް ގިނަ ދުވަސްވެފައެވެ. ނަމަވެސް އައިއެސް ޖަމާއަތް ބަލިކޮށްލުމުގައި އެމެރިކާވަނީ ނާކާމިޔާބުވެފައެވެ. އެހެންކަމުން އޮބާމާ މިގޮތަށް އިންޒާރުތައް ދެއްވިނަމަވެސް އެޖަމާއަތާ ދެކޮޅަށް އެމެރިކާއަށް ދެން ކުރެވޭނެ މާބޮޑުކަމެއް ނެތްކަމަށް ތަޖްރިބާކާރުން ދެކެއެވެ. 

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ އޮލާންޑޯ ގެ ނައިޓްކްލަބަށް މިދިޔަ އާދީއްތަ ދުވަހު ދިން ބަޑީގެ ހަމަލާތަކުގައި ފަންސާސް މީހުން މަރުވެ ފަންސާސް ފަސްމީހުން ޒަޚަމް ވެފައިވާއިރު އެ ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާއަތުންނެވެ. އޮލާންޑޯ ނައިޓް ކްލަބަށް ބަޑީގެ ޙަމަލާތައް ދިން އުމަރު މަތީން އެމެރިކާގެ އަމަނާބެހޭ އިމަޖެންސީ ނަންބަރެއްކަމަށްވާ ނުވައެއް އެގާރައަށް ގުޅުމަށްފަހު އޭނާއަކީ އައިއެސް ޖަމާއަތުގެ ވެރިޔާ އަބޫބަކުރުލް ބަޣްދާދީ އަށް ބައިޢަތު ހިފާފައިވާ މީހެއްކަމަށް ބުނެފައިވެއެވެ. ނަމަވެސް އުމަރު މަތީންއާ އައިއެސް ޖަމާއަތާ ގުޅުންވާކަމުގެ އެއްވެސް  ހެއްކެތް ނެތްކަމަށް އެމެރިކާގެ ފެޑްރަލް ފުލުހުންގެ އިދާރާ "ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން" (އެފްބީއައި) ގެ ވެރިޔާ ޖޭމްސް ކޮމީ ވަނީ ވިދާޅުވެފައެވެ. 

img:http://s3.psmnews.mv/images/660x400/8603.jpg|އައިސިސް ހަނގުރާމަވެރިންތަކެއް /

ވައިޓް ހައުސްގައި ބޭއްވި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ބައްދަލުވުމުގައި އޮބާމާގެ އިތުރުން އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ސޫޒަން ރައިސް އާއި އެމެރިކާގެ އެތެރެއާއި ބޭރުގެ އަމާނާބެހޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. މިބައްދަލުވުމަށްފަހު ވައިޓް ހައުސްގައި ދެއްކެވި ވާހަކާގައި އޮބާމާވަނީ އައިއެސް ޖަމާއަތުގެ އިތުރުން އެމެރިކާގެ ހަރުކަށި ސިޔާސީ ބޭފުޅެއްކަމަށްވާ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ބެލެވޭ ޑޮނަލްޑް ޓްރަމްޕަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ޓްރަމްޕާ މުޚާތަބު ކުރައްވަމުން އޮބާމާ ވިދާޅުވީ އޭނާއަކީ މުސްލިމުންނާ ޒާތީ ގޮތުން ޖައްސާލައިގެންނާއި މުސްލިމުންނާމެދު އެމެރިކާގެ ރައްޔިތުންގެ ހިއްތަކުގައި ނަފްރަތު އުފައްދައިގެން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާ ހަރުކަށި ބޭފުޅެއްކަމަށެވެ. މިގޮތުން އެމެރިކާއަށް ކުރިމަތިވާ ބައެއް ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދައްކަވާފައިވާ ވާހަކަތައް އޮބާމާ ކުށްވެރި ކުރެއްވިއެވެ. 

ޓްރަމްޕްވަނީ އޭނާއަށް އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އޮލާންޑޯގެ ނައިޓް ކްލަބަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެންވެސް ޓްރަމްޕް ވަނީ މުސްލިމުން އެމެރިކާއަށް ވަނުން މަނާކުރާނެ ކަމަށް ވިދާޅުވެ އޭނާ ދައްކަވާފައިވަނީ ރަނގަނޅު ވާހަކައެއްކަމަށް ސިފަކުރައްވާފައެވެ.