އެމެރިކާގެ ރިޔާސީ އިންތިޚާބާ އެކުއެކީގައި ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި, އިދިކޮޅު ރިޕަބްލިކަން ޕާޓީން ސެނެޓުގެ އަޣުލަބިއްޔަތު ކާމިޔާބުކޮށް, ކޮންޓުރޯލު ނަގައިފިއެވެ. ސެނެޓަކީ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގެ މަތިގެއެވެ. ހުޅަނގު ވަރޖިނިޔާއާއި އޮހާޔޯ ސްޓޭޓްގެ ގޮނޑި ކާމިޔާބު ކުރުމާ އެކު, ކުރިއަށް އޮތް އަހަރު ކޮންގްރެސްގެ މަތިގޭގެ ކޮންޓުރޯލު އޮންނާނީ ރިޕަބްލިކަން ޕާޓީގެ ބާރުގެ ދަށުގައި ކަން މި ވަނީ ކަށަވަރު ކުރެވިފައެވެ.
ކޮންގްރެސްގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުޞަތު ރިޕަބްލިކަން ޕާޓީއަށް ވެސް, އަދި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީއަށް ވެސް އެބައޮތެވެ. ނަމަވެސް, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ދަނީ ހައުސްގެ އިންތިޚާބުގައި ވެސް ކުރިއެރުންތަކެއް ހޯދަމުންނެވެ. ސެނެޓުގެ ބާރުތައް ރިޕަބްލިކަން ޕާޓީން ނެގުމާ އެކު, ކުރިއަށް އޮތް ދައުރުގައި ޓްރަމްޕަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ.
ސެނެޓުގެ ބާރުތަކާ އެކު ރިޔާސީ އިންތިޚާބުގައި އޭނާއަށް ކާމިޔާބީ ލިބިވަޑައިގަންނަވައިފި ނަމަ, ކޯޓުތަކުގެ ފަނޑިޔާރުންނާއި ސަރުކާރުގެ އިސް މަޤާމުތަކަށް ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ބާރު ޓްރަމްޕަށް ލިބިވަޑައިގަންނަވާނެއެވެ. އިންތިޚާބުގައި އޭނާއާ ވާދަކުރައްވާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސް ކާމިޔާބު ހޯއްދަވައިފި ނަމަ, ހެރިސްގެ އެޖެންޑާގެ ގިނަ ކަންތައްތަކަކަށް ހުރަސް އެޅުމުގެ ބާރު ވެސް އޮންނާނީ ޓްރަމްޕްގެ އަތުގައެވެ.
100 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ސެނެޓުގެ އިންތިޚާބުގައި މިހާތަނަށް އިޢުލާނު ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު, ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ވަނީ 51 ގޮނޑި ކާމިޔާބު ކޮށްފައެވެ. ޑިމޮކްރެޓުންނަށް ކާމިޔާބު ކުރެވިފައި ވަނީ 41 ގޮނޑިއެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ މި ކާމިޔާބީއާ މެދު އުފާ ފާޅުކުރަން ފަށާފައެވެ.
ފްލޮރިޑާގެ ހުޅަނގު ޕާމް ބީޗުގައި ރިޕަބްލިކަން ޕާޓީގެ މެންބަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ, މިއީ އެ ޕާޓީއަށް ލިބިފައިވާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. "އެމެރިކާއިން މި ވަނީ ބޮޑެތި ބާރުތަކެއް އަދި ޒިންމާތަކެއް [ރިޕަބްލިކަން ޕާޓީއަށް] ދީފައި. އަޅުގަނޑުމެންނަށް މި ވަނީ ސެނެޓުގެ ކޮންޓުރޯލު ލިބިފައި. ހާދަ ރަނގަޅޭ،" ޓްރަމްޕް ވިދާޅުވިއެވެ. ސެެނެޓުގެ އިންތިޚާބުގައި މޮންޓާނާ, ނެވާޑާ, ޓެކްސަސް, އޮހާޔޯ, މިޝިގަން އަދި ވިސްކޮންސިނާއި ޕެންސިލްވޭނިޔާގައި ވެސް ކާމިޔާބީ ހޯދާފައި ވަނީ ޓްރަމްޕްގެ ޕާޓީންނެވެ.
ހައުސްގެ އިންތިޚާބަށް ބަލައިލާއިރު ވެސް މި ވަގުތު ކުރީގައި އޮތީ ރިޕަބްލިކަން ޕާޓީއެވެ. 435 ގޮނޑީގެ ހައުސްގެ އަޢުލަބިއްޔަތު ހޯދާ ޕާޓީއަކުން 218 ގޮނޑި ކާމިޔާބު ކުރަން ޖެހޭނެއެވެ. ރިޕަބްލިކަން ޕާޓީން ވަނީ އޭގެ ތެރެއިން 196 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި, ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން އިންތިޚާބުވެފައި ވަނީ 169 ދާއިރާއިންނެވެ.
އިންތިޚާބުގެ ކުރިން ހައުސްގެ ބާރު އޮތީ ރިޕަބްލިކަން ޕާޓީގެ ދަށުގައެވެ. އެ ޕާޓީން 220 ގޮނޑި ކޮންޓުރޯލު ކުރަމުން ގޮސްފައިވާއިރު, ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވަމުން ގެންދަވާފައި ވަނީ 212 މެންބަރުންނެވެ. މި ވަގުތު ނަތީޖާ އޮތް ގޮތުން, ހައުސްގައި ވެސް ރިޕަބްލިކަން ޕާޓީގެ ބާރު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ނަމަވެސް, އެ ކަން ކުރެވޭނީ ހަ ދާއިރާއެއްގެ ނަތީޖާ އަނބުރައިލައިގެންނެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ހައުސްގެ އަޣުލަބިއްޔަތު ހޯދުމުގެ ފުރުޞަތު ދެ ޕާޓީއަށް އަދިވެސް އޮތް ކަމުގައެވެ. ކޮންމެ ޕާޓީއަކުން ވެސް ހައުސްގެ 200އެއްހާ ގޮނޑި ކަށަވަރު ކޮށްފައިވާއިރު, އިންތިޚާބުގައި ވާދަވެރިކަން ބޮޑީ ބާކީއޮތް 35 ވަރަކަށް ދާއިރާގައެވެ. ކޮންމެ ޕާޓީއަކުން ކުރިހޯދި ނަމަވެސް, އެ ޕާޓީއަކަށް ލިބޭނީ ވަރަށް ހަނި ކުރިއެރުމެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.