ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރަން ފަށާފައިވާއިރު, ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ކަމުގައި ފޮކްސް ނޫހުން ރިޕޯޓުކޮށްފިއެވެ. ނަމަވެސް, އެމެރިކާގެ ބޮޑެތި އެހެން ނޫސްތަކުން ޓްރަމްޕަށް ކާމިޔާބީ ލިބިފައިވާ ކަން އިޢުލާނު ކޮށްފައެއް ނެތެވެ. އިންތިޚާބުގައި އޭނާއާ އެންމެ ގާތުން ވާދަ ކުރައްވަމުން ގެންދަވަނީ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސެވެ.
އެންމެ ފަހުގެ ނަތީޖާތަކަށް ބަލާއިރު, ޓްރަމްޕް ވަނީ 67.3 މިލިޔަން މީހުންގެ ތާޢީދު ހޯއްދަވާފައެވެ. މިހާތަނަށް ގުނާފައިވާ ނަތީޖާތަކަށް ބަލާއިރު, ހެރިސަށް ވޯޓު ދީފައި ވަނީ 62.1 މިލިޔަން މީހުންނެވެ. އިންތިޚާބުގައި ކާމިޔާބީ ހޯދައި, ރައީސް ކަމުގެ މަޤާމު ކަށަވަރު ކުރައްވާ ކެނޑިޑޭޓަކު, 270 އިލެކްޓޯރަލް ކޮލެޖުގެ ވޯޓު ކާމިޔާބު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. ޓްރަމްޕަށް މި ވަގުތު ލިބިފައި ވަނީ 266 އިލެކްޓޯރަލް ކޮލެޖުގެ ވޯޓެވެ. އިތުރު ހަތަރު އިލެކްޓޯރަލް ކޮލެޖުގެ ވޯޓާ އެކު އޭނާއަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެއެވެ. ހެރިސަށް ލިބިފައި ވަނީ 188 އިލެކްޓޯރަލް ކޮލެޖު ވޯޓެވެ.
ޓްރަމްޕަށް އިންތިޚާބުގައި ކާމިޔާބީ ލިބިފައިވާ ކަމަށް ބަލައި, ރިޕަބްލިކަން ޕާޓީގެ މެންބަރުން މިހާރު ވެސް ދަނީ އުފާ ފާޅު ކުރަމުންނެވެ. ފޮކްސް ނޫހުން ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ކަން އިޢުލާނު ކޮށްފައިވާއިރު, ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި އޭނާ, އޭނާއަށް ތާޢީދު ކުރާ މެންބަރުންނާ ބައްދަލު ކުރައްވައި, މުޚާޠަބު ކުރައްވާނެ ކަމަށް ރިޕަބްލިކަން ޕާޓީގެ ކެމްޕޭނުން ބުންޏެވެ.
އެޑިސަން ރީސަރޗުން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު, ސްވިންގ ސްޓޭޓްތަކުގެ ތެރޭގައި ބެލެވޭ އުތުރު ކެރޮލައިނާ އަދި ޖޯޖިޔާގައި ކާމިޔާބީ ހޯއްދަވާފައި ވަނީ ޓްރަމްޕެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, 2020ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާއާ އަޅައިބަލާއިރު, 78 އަހަރުގެ ކުރީގެ ރައީސް ގިނަ ސްޓޭޓްތަކަކުން ބޮޑު ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމުގައެވެ.
އިންތިޚާބަށް ފަހު އެޑިސަނުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއަށް ބަލައިލާއިރު, ހިސްޕޭނިކް ނުވަތަ ސްޕެއިން ދަރިކޮޅަށް ނިސްބަތްވާ އެމެރިކާ ރައްޔިތުންގެ ބޮޑު ތާޢީދެއް ޓްރަމްޕް ގެންދަވަނީ ހޯއްދަވަމުންނެވެ. އެއީ, ޢާންމު ގޮތެއްގައި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓަށް ތާޢީދު ކުރާ ދަރިކޮޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވެެއެވެ. ނަމަވެސް, ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި ތަކެތީގެ އަގުތައް އުފުލުމާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމަކީ އެ ދަރިކޮޅުގެ މީހުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ.
އެގްޒިޓް ޕޯލްތަކުގައި ބައިވެރިވި މީހުންގެ ތެރެެއިން %31 މީހުން ބުނީ, އެ މީހުންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިޤުތިޞާދީ ހާލަތު ކަމުގައެވެ. އަދި, ޓްރަމްޕަށް ވޯޓު ދީފައި ވަނީ, އޭނާގެ އިޤުތިޞާދީ ސިޔާސަތުތައް ހަރުދަނާ ކަމަށް ފެންނާތީ ކަމުގައެވެ. އޭގެ ތެރެއިން %45 މީހުން ބުނީ, ބައިޑަން ވެރިކަމާ ހަވާލުވެ ވަޑައިގަތް ފަހުން އެ މީހުންގެ މާލީ ހާލަތު ގޯސްވެފައިވާ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. މިއާ އެކު, 2020ގެ އިންތިޚާބާ އަޅައިބަލާއިރު, އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް ޓްރަމްޕަށް ލިބިފައިވާ ތާޢީދާއި ވޯޓުގެ އަދަދު އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
އަރބަން ނުވަތަ ތަރައްޤީވެފައިވާ ރަށްތަކުގައި ދިރިއުޅޭ މީހުންނާއި, ތަރައްޤީވަމުން އަންނަ ސިޓީތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއްގެ ތާޢީދު ލިބިފައި ވަނީ ހެރިސަށެވެ. ނަމަވެސް, 2020ވަނަ އަހަރުގެ އިންތިޚާބުގައި ބައިޑަނަށް ތާޢީދު ކޮށްފައިވާ މީހުންގެ އަދަދާ ގާތަށް ވެސް ހެރިސަށް ވޯޓު ލިބިފައެއް ނެތެވެ. އެމެރިކާގެ ވޯޓުލާ މީހުންގެ އާބާދީގެ ހަތަރުބައިކުޅަ ތިންބައި މީހުން ޤަބޫލު ކުރާ ގޮތުގައި, ޤައުމުގެ ޑިމޮކުރަސީއަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައެވެ.
ހެރިސަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ހަމައެކަނި ގޮތަކީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލުން ކަމުގައި ކެމްޕޭންގެ ތެރެއިން އެތަކެއް ފަހަރަކު ޓްރަމްޕް ވިދާޅުވެފައިވެއެވެ. މިއީ, އިންތިޚާބުގައި ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގަންނަވައިފި ނަމަ, ދާޚިލީ ހަމަނުޖެހުމަކަށް ފުރުޞަތު އޮތް ކަމުގެ އިޝާރާތެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ވޯޓުލައި ނިމުމުގެ ކުރިން ޓްރަމްޕް ވަނީ ފިލަޑެލްފިޔާގައި ވޯޓުގެ ނަތީޖާ އޮޅުވައިލުމަށް ގިނަ ޖަރީމާތަކެއް ހިންގަމުންދާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި 2020ވަނަ އަހަރު ބައިޑަން އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ނަތީޖާ އޮޅުވައިލައްވައިގެންނެވެ.
އިންތިޚާބުގައި ކަމަލާ ކުރި ހޯއްދަވައިފި ނަމަ, އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ. އަދި, ކަޅު ނަސްލު, އަދި ދެކުނު އޭޝިޔާ ދަރިކޮޅަށް ނިސްބަތްވާ ފުރަތަމަ ބޭފުޅާއަށެވެ. އިންތިޚާބުގައި ޓްރަމްޕް ކާމިޔާބީ ހޯއްދަވައިފި ނަމަ, އެއީ ވެސް ތާރީޚީ ކާމިޔާބީއަކަށް ވެގެންދާނެއެވެ. ސަބަބަކީ, ޓްރަމްޕަކީ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވަނިކޮށް އިތުބާރު ނެތް ކަމަށް ދެ ފަހަރެއްގެ މަތިން ފާސްކޮށްފައިވާ ފުރަތަމަ ރައީސެވެ. އަދި, ޖިނާއީ ކުށެއްގެ ދަޢުވާ ސާބިތުވެފައިވާ ފުރަތަމަ ކުރީގެ ރައީސެވެ.