ތިމާވެށީގެ ދާއިރާގައި މުޅި ދުނިޔޭގައި ލީޑް ރޯލެއް އަދާކޮށް އެހީތެރިކަން ހޯދުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާ ފެށުމުގެ ރަސްމިއްޔާތުގައި ހުށައެޅުނު ހިޔާލަކަށް ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ މަޝްވަރާ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ހިޔާލާއި މަޝްވަރާ ހުށައަޅާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަޅުގަނޑުމެންގެ ތަރައްޤީ ހަޤީގަތަކަށް ވާނީ ތިމާވެށީގެ މައްސަލަތަކަށް އެޑްރެސް ކުރަން ކެރުނު މިންވަރަކުން ކަމަށެވެ. އަދުގެ ސަރުކާރުން ކަނޑައަޅާފައި އޮތީ 2028ވަނަ އަހަރާ ހަމައަށް ދާއިރު ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި އެންމެ ކުޑަވެގެން %33 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި އަމާޒަށް ދިއުމަށް އަންނަ އަހަރުގެ ބަޖެޓްގައިވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީފައި އޮންނާނެކަމަށެވެ.
ރައީސް ވިދާޅުވީ، ޤައުމުގެ ތަރައްޤީގެ މާސްޓަރ ޕްލޭން ހެދިގެންދާއިރު ތިމާވެށީގެ ގޮތުން ދުނިޔެއަށް އަންނަ ބަދަލުތައް ބަލައިގަނެ ރާއްޖެއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ވަކާލާތުކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ޤައުމަށް ވާންޖެހޭކަމަށެވެ. ކޮޕް-29 އަށް ވަޑައިގަންނަވަނީވެސް އެކަމަށް ވަކާލާތުކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
"ހަޤީގަތުގައި ރާއްޖެއަކީ އިފެކްޓް ކުރާ ޤައުމު އެމިޓްކުރާ ޤައުމެއް ނޫން. ނަމަވެސް އަޅުގަނޑުމެންނަށް ލިބެންވާ ސަޕޯޓެއް ނުލިބޭ. ލީޑް ރޯލެއް އަދާކޮށްގެން ރާއްޖެއަށް އެހީތެރިކަން ހޯދުމަކީ އަޅުގަނޑުމެންގެ ސިޔާސަތު. އެހެންވީމަ އެންވަޔަރަމަންޓަކީ ޕާޓް އެންޑް ޕާސަލް އޮފް ޑިވެލޮޕްމަންޓް" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރުވެސް އެސްއީޒެޑް ސްޓޭޓަސް ދީގެން 100 މެގަވޯޓްސްގެ ސޯލާ ޕަވަރ އުފައްދާނެ އިންވެސްޓަރަކަށް އެ ފުރުސަތު ދީފައިވާނެކަމަށެވެ. އަދި އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހައި ސްކޫލެއް ފިނިކުރުމަށް ކުރާ މަސައްކަތް ކުރުމަށްވެސް ބޭނުންވަނީ ސޯލާ ޕެނަލް ހަރުކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.