ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަންސް ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން އިޓަލީގެ އޭސީ މިލާން މޮޅުވެއްޖެއެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން އޭސީ މިލާން މޮޅުވުމާއެކު އެ ޓީމު އޮތީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު 18 ވަނައިގަ އެވެ. ރެއާލް މެޑްރިޑަށްވެސް 6 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް 17 ވަނަ ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 12 ވަނަ މިނިޓުގައި މިލާނުން ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑްގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މަލިކް ތިއާއޯ އެވެ.
މިލާނުން ލަނޑެއް ޖެހިތާ 11 މިނިޓު ފަހުން ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރ ވަނީ ރެއާލް މެޑްރިޑަށް ލިބުނު ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އިޓަލީގެ އޭސީ މިލާނުން ވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން މި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފަ އެވެ. މި ލަނޑު މެޗުގެ 39 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އަލްވާރޯ މޮރާޓާ އެވެ.
މި މެޗުގައި މިލާނުން ޖެހި ތިންވަނަ ލަނޑު މެޗުގެ 73 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ތިޖާނީ ރެއިންޑާރސް އެވެ.
މި މެޗުން ބަލިވުމާއެކު ރެއާލް މެޑްރިޑް ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފަ އެވެ. މީގެ ކުރިން ފްރާންސްގެ ލިލް އަތުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
އަދި ދާދި ފަހުން އެލް ކްލެސިކޯގައި ބާސެލޯނާ އަތުންވެސް ވަނީ 4-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.