ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ޤާއިމްކުރާ ސެންޓަރުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯރޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފަައްޗެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންދާއިރު މިހާރު ވަރަށް ބޮޑަށް ވަދު ކަނދުފަތި އެޅުމަށް އެދެމުން އަންނަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް 89 ވަދު ކަނދުފަތި އެޅުމަށް އެކި ފަރާތްތަކުން އެދިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މޫސުން ގޯސް ދުވަސްވަރުގައި މަސް ކަނދުފަތިތައް ކަނޑައިގެންދާކަން ވަރަށް ބޮޑަށް ފާހަގަވާކަމަށެވެ.
ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެއްކަމަށާއި، މިއީ ކަނދުފަތިތައް ޤާއިމްކުރުމަށް މިހާރު އެ ވުޒާރާއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކަނދުފަތި ޤާއިމްކުރާގެ ދެ ސެންޓަރު އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ނިންމީ ރާއްޖޭގެ ދެ ސަރަހައްދުގައި އުތުރާއި ދެކުނުގައިވެސް ކަނދުފަތި ޕްރޮޑިއުސްކުރާ 2 ސެންޓަރު ޤާއިމްކުރުމަށް. އެގޮތުން ށ.އަތޮޅު ފުނަދޫއިން އަޅުގަނޑުމެންނަށް މިހާރު ބިމެއް އެލޮކޭޓްކުރެވި އެ ބިން ސާފުކުރުމުގެ މަސައްކަތް މިހާރު އެ ކުރިއަށްދަނީ. އެންމެ ފުރަތަމަ ހުޅުމާލެއިން ބޭރުގައި ޤާއިމްކުރެވޭ ކަނދުފަތި ސެންޓަރަކަށް ވާނީ ށ.އަތޮޅު ފުނަދޫ. އޭގެއިތުރުން ގދ.ވާދޫ މިހާރު އަޅުގަނޑުމެން މިވަނީ އައިޑެންޓިފައި ކޮށްފައި ކަނދުފަތިތައް ޤާއިމްކުރުމަށް." ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހުގައި މިހާތަނަށް ޖުމްލަ 29 ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަ މަހުގެ މަސްވެރިކަމަށް ޚާއްޞަ 18 ކަނދުފައްޗާއި 11 ވަދު ކަނދުފައްޗެވެ.