މާލީ އެކި ސަބަބުތަކުގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އެކަމުގެ ޙައްލެއް ގެނެސްދިނުމަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ ހިޔާވެހި ފައިނޭންސް ސްކީމް އިފްތިތާޙްކޮށްފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މި ލޯނު ސްކީމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވރުކޮށްދީފައިވާ އަސާސީ ޙައްގެކެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނަ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.
ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ މިހާތަނަށް ހައްލެއް ގެނެސްދެވިފައިނުވާ ބޮޑު މައްސަލައަކަށްވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތަޢާރަފްކުރި މި ލޯނު ސްކީމަކީ %5 އިންޓްރެސްޓްގައި ކުރިއަށްގެންދާ ފައިނޭންސިން ޕްރޮގްރާމެކެވެ. އެހެންކަމުން މި ޕްރޮގްރާމަކީ ސަރުކާރުން މިހާތަނަށް ރާއްޖެގެ ހުރިހާ ސަރަޙައްދެއް ހިމެނޭގޮތަށް ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ލޯނު ޕްރޮގްރާމެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން/ އެޗްޑީއެފްސީ، ބޭންކް އޮފް މޯލްޑިވްސް/ ބީއެމްއެލް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް/ އެމްއައިބީ މެދުވެރިކޯށެވެ. އެގޮތުން 3 ލޯން ސްކީމެއް ވަނީ ތަޢާރަފްކޮށްފައެވެ.
އެގޮތުން ފުރަތަމަ ސްކީމަކީ އަތޮޅުތަކުގެ ރަށްރަށަށް ޚާއްޞަ ގެދޮރު ޢިމާރާތްކުރުމުގެ ލޯނު ސްކީމެވެ. މި ސްކީމް ދޫކުރުމަށް ހަމަޖެހިފައިވަނީ 1 މިލިޔަން ރުފިޔާއާއި ހަމައަށް ހައިސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ.
ދެވަނަ ސްކީމަކީ ސަރުކާރުން އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާ ރަށްރަށަށް ޚާއްޞަ ސްކީމެކެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާނެއެވެ.
ތިންވަނަ ސްކީމު ޚާއްޞަކޮށްފައިވަނީ ފުރަމާލެއަށް 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާ ގޮތަށެވެ. މި ސްކީމް އަމާޒުކޮށްފައިވަނީ ގެދޮރު ނުހެދިފައިވާ ހުރިހާ ފަރާތްތަކަށާއި، ހަދަން ފަށައި ނުނިމިހުރި ޢިމާރާތްތައް ނިންމުމުގެ އިތުރުން މާލޭގައި ހިމެނޭ ކުދި ބިންތައް އެއްކޮށްލައިގެން ޢިމާރަތްކުރުމުގެ ފުރުޞަތު ފަހިވާގޮތަށެވެ. މި ލޯނުގެ ތެރެއިން 600 އަކަފޫޓަށްވުރެ ކޫޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށައަޅާ ފަރަތްތަކަށް އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިޔަން ރުފިޔާ، 6 މިލިޔަން ރުފިޔާގެ އިތުރުން ދޭގޮތަށް ވަނީީ ކަނޑައަޅާފައެވެ.
އާބަން ސެންޓަރުތައް އަދި ފުރަމާލެއަށް ޚާއްޞަކޮށް ކުރިއަށްގެންދާ ލޯނު ސްކީމްތައް ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.
މި ޕްރޮގްރާމުގެ ދަށުން ލޯނު ދޫކުރާނީ އަލަށް ކުރެވޭ ޢިމާރާތްކަށާއި، ނުނިމިހުރި ޢިމާރާތްތައް ނިންމުމަށެވެ. އަދި ޢިމާރާތް މަރާމާތުކުރުމަށްވެސް ދޫކުރާނެއެވެ. މި ޕްރޮގްރާމުގެ ހުރިހާ ލޯނެއްވެސް ދޫކުރާނީ %5 ޕްރޮފިޓް މާޖިނެއް ހިމެނޭގޮތަށް އިސްލާމިކް ޝަރީޢާގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތީންކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ލޯނު އެޕްލިކޭޝަންތަކަށް އެދި ހުށައެޅޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށްކަމަށްވެސް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.